ބޯކޮށް ވާރޭ ވެހި މާލޭގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޓެކްނިކަލް ޓީމާއެކު ސްޓޭކްހޯލްޑަރުންނާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ ފެންބޮޑުވަމުންނެވެ. ހާއްސަކޮށް އައިޖީއެމްއެޗް ކައިރި، ދިވެހިރާއްޖޭގެ އަޑު ކައިރިގައާއި، ވެސްޓް ޕާކު ކައިރީގައި އަދި މާފަންނު ސްޓޭޑިއަމް ކައިރިއަކީ ބޯކޮށް ވާރެ ވެހިއްޖެނަމަ ދަތުރު ފަތުރު ކުރާ އުޅަނދުތަކަށްވެސް ނުދުއްވޭ ވަރަށް ފެންބޮޑުވާ ބައެއް ސަރަހައްދުތަކެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ގެދޮރަށާއި މުދަލަށް އެކި ވަރުގެ ގެއްލުން ލިބިފައި ވާއިރު ބައެއް ގެތަކުގެ މީހުން އެހެން ގެތަކަށް ބަދަލުވެސް ކޮށްފައިވެއެވެ.

ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވަމުން އަންނައިރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ މުޅި ރާއްޖެއަށް މިއަދު 17:00 އިން ފެށިގެން 22:00 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހޭނެކަމަށާއި ވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެއާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ކޮށް މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިރުޝާދު ދީފައެވެ.