އިންޑިއާގައި މިހާރު ކުރިއަށް ދާ އާންމު އިންތިހާބުގެ 3 ވަނަ ފިޔަވަހީގެ ވޯޓުލުން ފެށިފައި ވާ އިރު، އިދިކޮޅު ކޮންގްރެސް އަށް އަމާޒު ކުރައްވައި ބޮޑުވަޒީރު މޯދީ ވަރުގަދަ ހަމަލާއެއް ދެއްވައިފިއެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ތެލަންގަނާގައި އޮތް ކެމްޕެއިން އިވެންޓެއްގައި ވިދާޅުވީ، މި ފާއިތުވި 5 އަހަރު މިދިޔައީ، އިންޑިއާގައި ތިބި އެންމެ މުއްސަނދި 5 މީހުނާއި ބީޖޭޕީއާ ގުޅުވާ ކޮންގްރެސް އިން ފަސާދަ ކުރުމުގެ އެތައް ވާހަކައެއް ދެއްކުމުގައި ކަމަށާއި، މިހާރު ފެށިގެން ދާ އިންތިހާބު ިއުލާން ކުރި ހިސާބުން އެވާހަކަތައް ހުއްޓާލައިފި ކަމަށެވެ.

"ކީއްވެގެން އެމީހުން [ކޮންގްރެސް] އިން މިހާރު އަމްބާނީ އާއި އަދާނީ އަށް ފާޑު ނުކިޔަނީ، ޔަގީނޭ ކެމްޕެއިނަށް ކަޅުފައިސާ ނެގީ ނުވަތަ އެމީހުނާ ކޮންގްރެސް އިން ސިއްރު ޑީލުތަކެއް ހެދީ"
ނަރެންދްރަ މޯދީ

މޯދީ އިތުރަށް ވިދާޅުވީ، މި ތުހުމަތުތަކަށް ކޮންގްރެސް އިން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އަދި މި އިންތިހާބު ފެށުނީއްސުރެ ކޮންގްރެސް އިން ހަމަލާ ދެނީ ބީޖޭޕީ އަށް ކަމަށާއި، ކުރިން ފާޑުކިޔަމުން އައި ވިޔަފާރިވެރިންގެ ވާހަކަ ހުއްޓާލި ސަބަބު ބުނެދޭން ޖެހޭ ކަމަށެވެ.

ތެލަންގަނާގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި މޯދީ ވިދާޅުވީ، ކުއްލިއަކަށް އަމްބާނީ އާއި އަދާނީގެ ވާހަކަ ދެއްކެވުން އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ހުއްޓަވާލެއްވުމުގައި ސަބަބުތަކެއް ވާނެ ކަމަށެވެ.

"ޑީލެއް ހެދީތޯ؟ އަންމާބީ އާއި އަދާނީ އަތުން ނެގީ ކިހާ ވަރެއްތޯ؟ ކުއްލިއަކަށް އަންބާނީ އާއި އަދާނީ އަށް ފާޑުކިޔުން ހުއްޓާލީ ކީއްވެތޯ؟ ޒަރޫރު ދާލް މެއި ކުޗް ކާލާ ހޭ [ކޮންމެވެސް ގޯހެއް]، ކުއްލިއަކަށް މަލާމާތް ކުރުން ހުއްޓާލީ ކީއްވެ؟"
ނަރެންދްރަ މޯދީ

މޯދީގެ އެ ހަމަލާ ތަކަކީ، މީގެ ކުރިން މޯދީގެ ސަރުކާރުން އަމްބާނީ އާއި އަދާނީ ހިމެނޭހެން އެންމެ މުއްސަނދި ވިޔަފާރިވެރިންނަށް ފޭވާ [ކަންކަމުގައި ސަރުކާރުގެ ތެރެއިން ފަސޭހަ ކޮށްދީ އިސްކަން ދިނުން] ކޮށްދޭ ކަމަށް ރާހޫލް ކުރައްވަމުން ގެންދެވި ތުހުމަތުތަކަށް ދެއްވި ހަމަލާ ތަކެކެވެ. މޯދީއަށް ފާޑު ވިދާޅުވެ ރާހޫލް މީގެ ކުރިން ދެއްކެވި ވާހަކަތަކުގައި ބީޖޭޕީން އިންޑިއާގެ 22 މީހަކު ބިލިއަނަރުންނަށް ހަދައިފި ކަމަށާއި ކޮންގްރެސްގެ ވެރިކަމެއްގައި އެތައް ކްރޯޑް ބަޔަކު މިލިއަނަރުންނަށް ހަދާނެ ކަަމަށް ވިދާޅުވެފައި ވެއެވެ.

ތެލަންގަނާގައި ކޮންގްރެސް އަށް މޯދީ ފާޑުވިދާޅުވުމަކީ ވެސް ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ. ތެލަންގަނާ އަކީ ކޮންގްރެސްގެ ބާރު އޮތް ސްޓޭޓަކަށް ވާއިރު ދާދި ފަހުން އެ ސްޓޭޓްގެ ސަރުކާރުން ވަނީ 12،400 ކްރޯޑް ރުޕީސް (1.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ޕްރޮޖެކްޓް ހިންގަން އަދާނި ގްރޫޕާއެކު އެއްބަސްވުމެއް ގާއިމު ކޮށްފައެވެ.