ދެ ގަޑިއިރަށް ބެލުމަށް ފަހު ވެސް، ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން އެންމެ ފަހުން ޖަލްސާ ނުބޭއްވޭނެކަން ރިޔާސަތުން އަންގައިފިއެވެ.

ކޯރަމް ހަމަނުވާކަން ފާހަގަކުރައްވައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު 9:30 ހާއިރު ވިދާޅުވީ، ތަޅުމުގެ ބޭރުގައި ގިނަ މެންބަރުން ތިއްބެވި ކަމަށާއި، އެހެންކަމުން 10 ޖަހާއިރު ކޯރަމް ހަމަވޭތޯ ބެއްލެވުމަށް ފަހު ޖަލްސާ ބޭއްވުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

"މަޖިލީހުގެ ފްލޯ އަށް ކޯރަމް ހަމަނުވަނީ، އެހެން ނަމަވެސް ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން ވަޑައިގެން މަޖިލީހުގެ ގޯތިތެރޭގަ އެބަ ތިއްބެވި، އެހެންވީމަ އަދިވެސް އަޅުގަނޑު ޖަލްސާ ނިންމާނުލަނީ މަޖިލީހުގަ ކޯރަމް ހަމަވާ އަދަދަށް މެންބަރުން މަޖިލީހަށް ވަޑައިގެން އެހެން ނަމަވެސް ފްލޯގައި ނެތުމުން،"

ގާތްގަނޑަކަށް 10:15 ހާއިރު މިހެން ވިދާޅުވުމަށް ފަހު އަސްލަމް ވިދާޅުވީ، ކޯރަމް ހަމަވޭތޯ ބެއްލެވުމަށް 11 ޖަހަންދެން މަޑުކުރައްވާނެ ކަމަށެވެ. އެކަމަކު 11 ޖެހި ފަހުން ކޯރަމް ހަމަނުވުމުން އެންމެ ފަހުން އަސްލަމް އެންގެވީ ޖަލްސާ ދެން ނުބޭއްވޭނެ ކަމަށެވެ. އޭރު މަޖިލީހުގެ ތަޅުމުގައި 10 މެންބަރުން ތިއްބެވިއެވެ.

19 ވަނަ މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވައެވެ. ނަމަވެސް ބައެއް މެންބަރުން ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގަތުމަށްޓަކައި މެންބަރުކަން ދޫކޮށްލެއްވުމުން މަޖިލީހުގައި މިވަގުތު ތިއްބެވީ 80 މެންބަރުންނެވެ. އެހެންވެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ވެސް މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެންނެވެ. އެހެންކަމުން ޖަލްސާއެއް ފެށުމަށްޓަކައި 20 މެންބަރުން ހާޒިރުވެވަޑައިގަންނަވަން ޖެހޭނެއެވެ.