ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕްލާސްޓިކް 17 ތަށި ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ޑްރަގް އެންފޯސްމަންޓުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރޭ ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައިވާއިރު މި މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، 4 ކިލޯގެ މަސްތުވާތަކެއްޗާއެކުވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.