އެހާ ޖަޒުބާތާއި އަސަރުގައި ވާހަކަދެއްކުނީ އިޒުރޭލުގެ މަންދޫބު ދެއްކި ވާހަކަތަކުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

އދ ގެ އާންމު މަޖިލީހުގެ 78 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ހައިދަރު ދެއްވި ބަޔާނަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެ މަރުހަބާއަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހައިދަރު ވިދާޅުވީ ރާއްޖެއަށް ބަޔާން އިއްވަން ލިބުނޫ ހަތަރު ވަނައަށް ކަމަށާއި އޭގެ ކުރިން އެމެރިކާ، ފަލަސްތީނު އަދި އިޒުރޭލުގެ މަންދޫބު ބަޔާންއިއްވި ކަމަށެވެ. އިޒުރޭލުގެ މަންދޫބު އެ ދެއްކި ވާހަކަ ތަކުން ވަރަށް އަސަރު ކުރިކަން ފާހަގަ ކުރައްވާ ހައިދަރު ވިދާޅުވީ އިޒުރޭލުން ކުރާ ކަންތައްތަކާ ގުޅޭ ގޮތުން އެ މަންދޫބު ދެއްކި ވާހަކަތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވުނު ވާހަކަތަކެއް ކަމަށެވެ.

ހައިދަރު ވިދާޅުވީ އޭނާގެ ބަޔާނުގައި ޖަޒުބާތާއި އަސަރު ނެރެވިގެން އެ ދިޔައީ އެހެންވެގެން ކަމަށެވެ.

"އެ އިޒުރޭލުގެ މަންދޫބު ވަރަށް ބޮޑަށް އަޅުގަނޑު ދެކޭ ގޮތުގައި އިޒުރޭލުން ކުރާ ކަންތައްތަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ އަޅުގަނޑަށް އެއް ގޮތަކަށްވެސް ބަލައިގަނެވުނު ކަންތައްތަކެއް ނޫން"
ހައިދަރު

މަރުހަބާއާ ގުޅިގެން ހައިދަރު ވިދާޅުވީ އެެއީ ހީފުޅު ނުކުރައްވާ ކަހަލަ އުފާވެރި މަރުހަބާއެއް ކަމަށާއި ރޭ ފަތިހު އެއާޕޯޓުން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން މަރުހަބާ ދެންނެވި ކަމަށެވެ. އަދި މިއަދު އޮފީހުގެ ހުރިހާ މުވައްޒަފުންވެސް ހޫނު މަރުހަބާ އެއް ކިއިކަން ހައިދަރު ފާހަގަ ކުރެއްވިއެވެ.

ހައިދަރު ވަނީ އެ ކަހަލަ ކަމެއްގައި އެއްބާރުލުމާއި ހިތްވަރުދެއްވި ކަމަށްޓަކައި އެ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.