ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ހަމައަށް ލޯނު ދައްކަމުން ދަނީ އެންމެ 40 ޕަސެންޓް ދަރިވަރުން ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިފަހުން އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ޖުމްލަ 1،810 ދަރިވަރަކަށް 157.1 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައި ވެއެވެ. އޭގެ ތެރެއިން 157 ދަރިވަރަކު ވަނީ އެ ދަރިވަރުންގެ ކޯސްތައް ފުރިހަމަކޮށްފައި ކަމަށް، އެ ތަފާސްހިސާބުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގިނަ ދަރިވަރުން ލޯނުތައް ހަމައަށް ނުދައްކާ ކަމަށާއި، ގަވައިދުން ލޯނުތައް ދައްކަމުން ދަނީ 40 ޕަސެންޓް ދަރިވަރުން ކަމަށެވެ. އެ ފައިސާ ހޯދުމަށް މިހާރު މަޝްވަރާކުރެވެމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީގެ މަސައްކަތް ލަސްވާތީ ބައެއް މެންބަރުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތްތައް ލަސްވެގެން ދަނީ މުވައްޒަފުންގެ ދަތިކަމާ ހުރެ ކަމަށާއި، އެކަމަކު ވަކި އަމާޒުތަކެއް އެކަށައަޅައި މަސައްކަތްކުރަމުން ދާ ކަމަށެވެ.
މިނިސްޓްރީގެ މަސައްކަތް ލަސްވުމާ ގުޅިގެން މިނިސްޓަރު މީގެ ކުރިން ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް ލިބޭ ސިޓީތަކަށާއި އީމެއިލްތަކަށް އެންމެ ގިނަވެގެން ހަތް ދުވަހުގެ ތެރޭ ޖަވާބުދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެ މުއްދަތު ތިން ދުވަހަށް ކުރުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތްތައް އަވަސްކުރުމަށްޓަކައި ސަރުކާރުގެ އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ގެންނަން ޖެހޭ ކަމުގައި ވެސް ވިދާޅުވިއެވެ.
ހަމަ އެއާއެކު ދަރިވަރުންނަށް ދޭ ހިދުމަތްތައް އަވަސްކުރުމަށްޓަކައި ޕޯޓަލަކާއި ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެއެވެ.