ވިލާ ކޮލެޖުގެ ދަރިވަރަކު ބްލެކްމޭލްކުރި ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

އާންމުންގެ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ދިވެހި ފުލުހުންގެ އިންސްޕެކްޓަރު އިސްމާއީލް ރަމީޒު އިބްރާހީމް ވިލާ ކޮލެޖްގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން ކުރާ މަސައްކަތް ބެލޭނެ ވެރިއަކު ނޫނީ އިދާރާއެއް ނެތްތޯ ސުވާލުކޮށްފައެވެ.

އެކަމާ ގުޅިގެން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންނާމެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ ބަހާއިން މި މައުލޫމާތު ޔަގީންކޮށް މިކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅުއްވައިގެން ހައްލުކުރުމަށް ޝިފާން ވަނީ އެދިވަޑައިގެންފައެވެ.

މި ފަދަ މައްސަލައެއް މިހާރު ފެންމަތިވަމުން އަންނައިރު ސްކޭމް ކޯލްތައް މެދުވެރިކޮށް މީހުންނަށް މިފަދަ ބްލެކްމޭލްކުރުންތައް ރާއްޖޭގައި ވަނީ އިތުރުވެފައެވެ. ފުލުހުންގެ ލޯގޯ ޕްރޮފައިލް ފޮޓޯއަށް ލައިގެން ބޭރު ނަންބަރުތައް ބޭނުންކޮށްގެން އާންމުންނަށް ދަނީ ގުޅަމުންނެވެ. އެކަމަށް ހޭލުންތެރިވެ، އެކަމަށް ސަމާލުވުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.