ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިރޭ މާލެ ވަޑައިގެންފިއެވެ.

މި ނުރަސްމީ ދަތުރުފުޅަށް ރައީސް ފުރާ ވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅަކަށް ނުވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ. ނަމަވެސް މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ދެވަނަ ނުރަސްމީ ދަތުރުފުޅެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ރައީސް ވަނީ އާއިލާއާއެކު ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާފައެވެ. އޭގެ ފަހުން މަގާމާ ހަވާލުވެވަޑައިގެންފަހުން މިދިޔަ މާޗްމަހުގެ 22 ގައި ވެސް ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

ރައީސްގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅުތަކުގައި ވަނީ ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޗައިނާއަށް ވެސް ވަޑައިގެންފައެވެ.