ތޮއް ޖެހިފައިވާ މާލޭގެ ހުޅަނގު ފަރާތުގައި ހެދި އިންޑަސްޓްރިއަލް ޒޯން، މާލެ ސިޓީ ކައުންސިލުން ސާފު ކުރަން ފަށައިފިއެވެ.

ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް 2016 ވަނަ އަހަރު މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި ހެދި "އިންޑަސްޓްރިއަލް ވިލެޖް" ސާފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓަރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފުލުހުން ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ ސާފުކުރުމަށްފަހު ބައެއް ސަރަހައްދުތައް ބަންދު ކުރާނެކަމަށާއި އެއީ، މީހުން ގޮސް އެފަދަ ތަންތަނަށް ޕިކަޕު ވައްދައި ކުނިއަޅާތީ ކަމަށެވެ. އިންޑަސްޓްރިއަލް ޒޯނަކީ އުދަ އަރާ ދުވަސްތަކުގައި ލޮނުގެ އަސަރު ވަރަށް ބޮޑަށް ކުރާ ސަރަަހައްދެކެވެ. އެތަނުގައި ހުންނަ އެކި ޒާތުގެ ކުނިތައް ލޮނާ އެކު ތަޣައްޔަރު ވެ ކުނި ވަހުން މުޅި ސަރަހައްދު އެއް ވަސް ވެފައިވާ ޒަމާންތަކެއް ވެސް މީގެ ކުރިން ވަނީ ގޮސްފައެވެ.

އިންޑަސްޓްރިއަލް ޒޯން މިހާރު ގިނަ މީހުން ބޭނުންކުރަނީ ކުނިއަޅާ ގޮނޑެއްގެ ގޮތުގައެވެ. އަދި މިތަނުގައި ބައެއް މީހުން ކުށުގެ އަމަލުތައް ހިންގާ މައްސަލަތަކެއްވެސް ފެންމަތިވެފައި ވެއެވެ.