ހަ ރަށެއްގެ ހުސްވެފައިވާ ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި މިއަދު ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ކުރިއަށްދާ މި 6 ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތައް:

  • މ. މަޑުއްވަރީ ކައުންސިލްގެ ރައީސް
  • ހއ. އުތީމު ކައުންސިލްގެ މެންބަރު
  • ނ. ލަންދޫ ކައުންސިލްގެ މެންބަރު
  • ނ. ވެލިދޫ ކައުންސިލްގެ މެންބަރު
  • ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު

މި ބައި އިލެކްޝަންތަކުގައި ވޯޓުލުމަށް ޖުމްލަ 11 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ބުނެފައެވެ. އެއީ ދަރުބާރު ގޭގައި ބަހައްޓާފައި ހުރި 3 ވޯޓު ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާފައި ހުރި 8 ވޯޓު ފޮށްޓެވެ.

މިއަދު ކުރިއަށްދާ 6 ބައި އިލެކްޝަންގައި ވޯޓުލުމުގެ ޖުމްލަ 5،267 މީހަކަށް ލިބިގެންވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިހާރު ކައުންސިލްތަކުގެ އިންތިހާބީ މަގާމުތަކުގައި ތިބި މެންބަރުން ވާދަކޮށް މަޖިލިސް ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، އެ މަގާމުތަކަށް އާ މެންބަރުން އިންތިހާބު ކުރުމަށް ބައި އިލެކްޝަންތަކެއް ބާއްވާނެއެވެ. އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަގާމުތައް ހުސްވެފައިވާކަން އީސީ އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.