ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީގެ ބޭއްވި އެ ޕާޓީގެ އާންމު ބައްދަލުވުން ނިންމާލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އިސްތިއުފާ ދެއްވާނަންތޯ އަހައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕްއަކީ ބަލިވުމުން މައިދާން ދޫކޮށް ދާނެ ބައެއް ނޫން ކަމަށެވެ. އެމްޑީޕީގެ ލީޑާޝިޕް ތިބޭނީ ސާބިތުކަމާ އެކީގައި ކަމަށާއި އެ ބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުން ހަވާލުކުރި އަމާނާތަށް ވަފާތެރިވާނެ ބޭފުޅުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ އެއްވެސް ހާލަތެއްގައި އެންޓި ކެމޕެއިން ކުރާ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއަކީ އިދިކޮޅުގައި އަދި ސަރުކާރާ އެކުގައި އޮތް އިރުވެސް ތެދު މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ ބައެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ތެދު މައުލޫމާތު ގެނެސްދިނުމަކީ އެންޓި ކެމްޕެއިންގެ ގޮތުގައި ބަޔަކަށް ގަބޫލު ކުރެވުނު ނަމަ އެއީ އެ ޕާޓީން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު / ފޮޓޯ: ދަ ޕްރެސް

އެމްޑީޕީއަކީ ފެށުނީއްސުރެ ވެސް ވަކި ތަރުތީބަކުން މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި މީގެ ކުރިން ވެސް ދެ އިންތިހާބަކުން އެމްޑީޕީ ބަލިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން 2013 އާއި 2014 ގެ އިންތިހާބުން ނާކާމިޔާބުވުން ވެސް ވާނީ ދިރާސާއެއްކޮށްފައި ކަމަށާއި އަދި އެ ދިރާސާގެ އަލީގައި މަސައްކަތް ކޯށްގެން އެމްޑީޕީން ވާނީ ކާމީޔާބީ ވެސް ހާސިލްކޮށްފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެ ފަދަ ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއާއެކު އަންނަ ރިޔާސީ އިންތިހާބާއި އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މިރޭ ބައްދަލުވުމުގައި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށް ފެންނަ ކަންކަން ހުށަހަޅާފައި ކަމަށެވެ. އެގޮތުން ހުށަހެޅި ކަންކަމުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އެބަ ހުރި ކަމަށާއި އެކަމާ ގުޅިގެން ރަނގަޅު ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް / ފޮޓޯ: ދަ ޕްރެސް

އެގޮތުން އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންގެ ހިޔާލާއެކު އެމްޑީޕީ އަލުން ބައްޓަން ކުރަން ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް ނިންމާފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ނިމިދިޔަ ރައްޔިތުން މަޖިލީހުން ލިބުނު ނާކާމީޔާބާ އެކު މަޖިލީހުގެ ބާރު އެމްޑީޕީއަށް ގެއްލިފައިވީ ނަމަވެސް ޑިމޮކްރެސީގެ ހަމަތަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެ ޕާޓީގެ ފަރާތުން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރައްޔިތުންގެ ލާބައާއި ފައިދާއަށް މަސައްކަތް ކުރާ ޕާޓީއެއް ކަން ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ޕާޓީއާ އެކު މަސައްކަތް ކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި ފަރާތްތަކާ އެކުގައި އެމްޑީޕީގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްތިއުފާ ދިނުމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފައްްޔާޒް ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑާޝިޕްގައި ތިއްބެވި އެއްވެސް ބޭފުޅަކު މިވަގުތު އިސްތިއުފާ ދެއްވުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އިންތިހާބުތަކުން ކޮންމެވެސް އެއްބަޔަކު ދަށްވާނެ އަނެއް ބަޔަކު މޮޅުވާނެ ކަމަށާއި އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރާނީ އިންތިހާބާ ބެހޭ ގޮތުން އެ ޕާޓީން ކުރާ ދިރާސާއަށް ފަހުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ދިރާސާއަށް ފަހު އެމްޑީޕިގެ މެންބަރުންނަށް ލީޑާޝިޕް ބަދަލު ކުރަން ފެންނަ ކަމަށް ވަންޏާ އެ ފުރުސަތު ދެއްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.