މ. ދިއްގަރުގެ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު އެރަށުގެ ފަޅުތެރޭގައި އޮތް ސިނަމަން ރިސޯޓުގެ ލޯންޗެއް ވަގަށް ނަގައިގެން ލޯބިވެރިޔާއާ ބައްދަލުކުރަން މާލެ އައިއިރު އޭނާގެ ލޯބިވެރިޔާ ހުރީ ބައްދަލުކުރަން ތޮށިގަނޑުމަތީގައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެން ކުއްޖާ ލޯންޗުން މާލެ އައުމަށް ފަހު ލޯންޗުން ފުންމާލީ، ތޮށިގަނޑުގައި އުޅަނދު ނާޅައެވެ. މިކަމުގެ ސަބަބުން އުޅަނދަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މ. އަތޮޅުން މާލެ އަންނަން އޭނާ އަށް އެނގޭތީ އެ ދިގު ދަތުރުގައި އައިސް ލޯންޗުގެ ސްޕީޑް މަޑުކޮށް ވަނީ މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ފަޅުތެރެއަށެވެ. މަޑުމަޑުން ތޮށިގަނޑާ ކައިރި ވި ވަގުތު ލޯންޗް ދޫކޮށްލައި އޭނާ ތޮށިގަނޑު މައްޗަށް ފުންމާލީއެވެ.
އެއިރު އެ ފިރިހެން ކުއްޖާއާ ބައްދަލު ކުރަން އައިސް އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ތޮށިގަނޑު މަތީގައި ހުއްޓެވެ. އޭނާ އަކީ ހުޅުމާލެ ހިޔާ ފްލްޓުގައި އުޅޭ ކުއްޖެކެވެ.
އޭނާ ތޮށިގަނޑު މައްޗަށް ފުންމާލައި އަންހެން ކުއްޖާއާ އެކު މަޑުމަޑުން ހިނގާފައި ދިޔައީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ބުނީ ލޯންޗު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، ލޯންޗު ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް [މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލް] ކައިރީ އޮށްވާ ފެނިފައިވާ ކަމަށެވެ. އަދި މި ދެކުދިން ވީ ތަނެއް ފުލުހުން ދަނީ ހޯދަމުންނެވެ. އަދި މިކަމާ ގުޅޭގޮތުން ފުލުހުންގެ އިތުރު ބަހެއް ލިބިފައެއް ނުވެއެވެ.
ދިއްގަރު މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި 14 އަހަރުގެ މި ފިރިހެން ކުއްޖާ މާލެ އައީ އެ ކުއްޖާ މަންމަގެ ފޯނުގެ އިތުރުން އައިޑީ ކާޑާއި، ބައެއް އަންނައުނުވެސް ހިފައިންނެވެ. މިކަމާ ގުޅިގެން ދިއްގަރުގެ ކައުންސިލު މެމްބަރަކު ވިދާޅުވީ އޭނާ ފިލައިގެން ގޮސްފައިވަނީ މިއަދު ހެނދުނު ކަމަށާއި ލޯންޗު ބަނދަރުގައި ނެތިގެން އޭގެ ފަޅުވެރިން ރިޕޯޓުކުރި ފަހުން، ކުއްޖާ ގެއްލިގެން އުޅޭ ކަމަށް އެ ކުއްޖާގެ އާއިލާއިން ހެނދުނު ރިޕޯޓު ކުރި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޕައަކީ ޑިންގީ ދުއްވާ މީހެއް ކަމުން ލޯންޗުފަހަރު ދުއްވަން އެ ކުއްޖާ ވެސް ފަރިތައެވެ.
މި ދެކުދިން ވީތަނެއް މިހާރު ނޭނގޭ އިރު، އުމުރުން 13 އަހަރުގެ ކުއްޖާ ގެއްލިގެން ހުޅުމާލެ ޕޮލިހަށް ރިޕޯޓު ކޮށްފައި ވާކަންވެސް "ދަ ޕްރެސް" އަށް އެނގިފައި ވެއެވެ.
ތިދެކުދީން ތިވަނީ ހަގީގަތުގަވެސް ތެދުވެރިލޯތްބެއް އެއްގޮތަކަށްވެސް ތިދެކުދީންނަށް އަނިޔާކޮށް ވަކިނުކުރާތި، ދެކުދީންނަށްވެސް މައާފުކޮށް އެކުދީންކުރިކަންތަކާމެދު ނަސޭހަތްދީ އެފަދަކުށްކުށަށް އަރައނުގަނެ ރީތިގޮތުގާ އެކަކުއަނެކަކަށް ތެދުވެރިކަމާ ވަފާތެރިކަމާއެކު އެކުދީންގެ ކައިވެނިކުރެވޭ އުމުރާހަމައަށް އަބުރުވެރިކަމާއެކުތިބުމަށް ނަސޭހަތްތެރިވުން ވަރަށްވެސް މުހިއްމު.
ޅަ ޢުމުރުގައި ކާވެނި ކުރުން މުހިންމު