މ. ދިއްގަރުގައި ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރުމުގެ މަޝްރޫ މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޗީފް އެގްސެކެޓިވް އޮފިސާ އަބްދުﷲ ޒިޔާދެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރާ މި މަޝްރޫއަކީ 117.97 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫ ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ މުއްދަތަކަށެވެ. އެމްޓީސީސީ އިން ބުނީ މި މަޝްރޫގެ ދަށުން 1000 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ 75 ފްލެޓް އިމާރާތް ކުރެވިގެން ދާނެކަމަށާއި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި ހުންނާނެ ކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައުސިން ޔުނިޓުތަކުގައި ދިއިރުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓުތައް ވަށައިގެން އަލި ކުރާނެ ކަމަށެވެ. އަދި ޕާކެއްގެ އިތުރުން ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއްވެސް ގާއިމުކުރާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދިއްގަރުގެ ރައްޔިތުންނަށް ޒަމާނުންސުރެ ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ އަށް މި މަޝްރޫއާއެކު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އެމްޓީސީސީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގަމުންނެވެ.