މ. ދިއްގަރުގައި މިއަހަރު 75 ހައުސިންގް ޔުނިޓް އަޅުއްވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ، މ އަދި ވ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި މ. ދިއްގަރުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ހުރިހާ ކަމެއްގެ ހަގީގީ ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
ދިއްގަރަކީ މަސައްކަތްތެރި އަދި މުރާލި ބައެއް އުޅޭ ރަށެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަން އެބަ ހުންނެވި ކަމަށެވެ. އެގޮތުން ބަނދަރު ބޮޑުކޮށް ނުވަތަ އެހެން ސަރަހައްދަކަށް ބަނދަރު ބަދަލު ކުރުމަކީ މަސްވެރިންގެ އުންމީދާ ގުޅިފައިވާ ކަމެއް ކަމަށާއި އެ ރަށުގައި މިހާރު ހިއްކާފައިވާ ބިމަކީ ބޭނުންކުރެވޭފަދަ ތަނަކަށް ހެދުމަށް ފެނާ ކަރަންޓާއި ނަރުދަމާ ފަދަ ވަސީލަތްތައް ގާއިމް ކުރަންޖެހެިފައިވާ ކަމަށެވެ.
އަދި ހަމައެހެންމެ ގެދޮރު ބިނާ ކުރުމުގެ މަސައްކަތާއި ސުކޫލުގައި މަލްޓިޕާޕޯސް ހޯލަކާއި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ އިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފަދަ ވަސީލަތްތައްވެސް ގާއިމު ކުރަންޖެހިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުންވެސް ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުގެ އިތުރުން ރައްޔިތުން ބޭނުންވާ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ރަށުގެ ރައްޔިތުންގެ ހުވަފެނެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ކަމެއް އުނިނުކޮށް ހުރިުހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
މި މަޝްރޫއުތައް ހިންގުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހައްލުކޮށް އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ޓޫރިޒަމް ސިނާއަތް ރަނގަޅުކުރުމުގެ އިތުރުން މައި އެއާޕޯޓު ނިމުމުންވެސް އާމްދަނީ އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އޭރުން ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައްވެސް އަދި ފަށަން ހުރި މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނީ" ރައީސް ވިދާޅުވިއެވެ.
ދިއްގަރުގައި 75 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއު މިއަހަރު ފަށާނެ ކަމަށާއި އަދި އަންނަ އަހަރުވެސް އިތުރު ހައުސިންގް ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލައަށް ގެދޮރު ބިނާ ކުރުމަށް ލުއި ލޯނު ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަންކަން ކުރެވުމާއެކު ހުރިހާ ރައްޔިތުންނަށްވެސް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އަދި ރައްޔިތުން ބާރުވެރިކޮށް އަމިއްލައަށް ވިޔަފާރީގެ ތެރެއަށް ވަދެގަނެ އޭގެ މަންފާ ރައްޔިތުންނަށް ހޯދާ ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. "އާމްދަނީ އިތުރު ކުރެވޭނެ ވަސީލަތްތައް ކައުންސިލްތަކާވެސް ގުޅިގެން އަދި އަމިއްލައަށްވެސް ކުރެވޭނެ ކަންކަން ފަހު ކުރުމުގެ މަސައްކަތް މި ކުރަނީ" ރައީސް ވިދާޅުވިއެވެ.