ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ، ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެފަދަ މައްސަލަ ތަކަކީ އެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން ގެންދާ މައްސަލަ ތަކެއް ކަމަށެވެ.
މި މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާ އަންދާލާނެ ކަމަށް އިންޒާރުދީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުންނަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ.
އަދި މިފަދަ އިންޒާރުތައްދީ ބިރުދައްކާ މައްސަލަތަށް ބްރޯޑްކޮމްއިންވެސް ވަނީ ކުށްވެރިކޮށްފައެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިއަދު އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަންކަމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ ބްރޯޑް ކާސްޓަރުންނާއި ނޫސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކަކުން އެދެވޭ ފިޔަވަޅު އެޅުމަށް ބްރޯޑްކޮމްއިން ވަނީ ގޮވާލާފައެވެ.