އެންޓި-ކޮރަޕްޝަންގެ ކޮމިޝަނުގެ ސާވިސް ޗާޓާ އިފްތިތާހް ކޮށްފިއެވެ.
އިއްޔެ އިފްތިތާހްކުރި މި ސާވިސް ޗާޓާގެ މައިގަނޑު މަގްސަދަކީ އެ ކޮމިޝަނުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ލިބިގަންނަ ފަރާތްތައް ބޭނުންވާ ފަދަ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ހިދުމަތްތަކަށް ހެދުމަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެއެވެ.
ކޮމިޝަނުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ހޯދޭނެ ގޮތްތަކާއި، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތައް އެއްތާކުން ފެންނާނެ ގޮތަށް އެކުލަވާލެވިފައިވާ ސަރވިސް ޗާޓާ ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ޝާއިއު ކޮށްފައިވާ ކަމަށް މައުލޫމާތު ދިނެވެ.
އެ ކޮމިޝަނުގެ އަމާޒަކީ ކޮމިޝަނުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އެކަށީގެންވާ އަވަސްމިނުގައި އަދި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ ހިދުމަތްތަކަށް ހެދުމަށް ކަމަށްވެއެވެ.
އަދި ގާނޫނީ ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ހިދުމަތްތައް ވީހާވެސް ފަސޭހައި ރައްޔިތުންނަށް ލިބޭނެ ގޮތް އިންތިޒާމް ކޮށްދިމަކީ އެއް އަމާޒުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެއެވެ.