ޗުއްޓީ ހޭދަކުރަން ގޮސް ހުރި އިޒުރޭލު ޓޫރިސްޓަކު ތުލުސްދޫއިން ބާލައިފިއެވެ.

އިއްޔެ ހިނގި މިހާދިސާއާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިޒްރޭލުގެ އެ އަންހެން ފަތުރުވެރިޔާ އަކީ ބްލޮގަރެއް ކަމަށާއި އޭނާގެ ބްލޮގުގައި ރާއްޖެ އައިސް އުޅޭ ވާހަކަތައް ހިއްސާކުރި ކަމަށެވެ.

"އޭނާ މޮޅުވެލަން ކުރި ކަމެއް ކަންނޭގެ އެއީ، އިޒްރޭލުގެ ފަތުރުވެރިއަކު މިކޮޅަށް އައިސް އުޅެފައި ތިމަންނަ މިހިރީ ދިވެހިރާއްޖޭގައޭ، ތުލުސްދޫގައޭ ކިޔައިގެން އެކަހަލަ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައި މިވަނީ" އަސްލަމް ވިދާޅުވިއެވެ.

އޭނާ ރާއްޖޭގައި ކަމަށް ބުނެ ލިޔުމުގެ ސީދާ ބޭނުމެއް ނޭނގުނު ނަމަވެސް ރާއްޖެ އަކީ އިޒްރޭލާ ދެކޮޅު އަދި އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ދެކޮޅުވެރިކަން އިތުރު އަދި ފަލަސްތީނާ އެކު އޮތް ގައުމެކެވެ.

އެކަމާ ރަށުގެ ބައެއް މީހުން ހިތްހަމަނުޖެހި ގެސްޓުހައުސްގެ ވެރިފަރާތާ ވާހަކަ ދައްކައިގެން އޭނާ ރަށުން ބޭލުމުގެ މަސައްކަތް ފެށި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ގެސްޓުހައުސްގެ ވެރިފަރާތުންވެސް އެކަމަށް އެއްބާރުލުން ދިންކަން ފާހަގަ ކުރައްވާ އަސްލަމް އިތުރަށް ވިދާޅުވީ އެ ފަތުރުވެރިޔާ ރަށުން ބޭލީ އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ސުލްހަ މަސަލަސް ކަމާއެކު ކަމަށެވެ. އަދި އޭނާއާއެކު އިތުރު ފަތުރުވެރިޔަކު ރާއްޖެ އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށަށް މީގެ ކުރިން އިޒްރޭލު ޓޫރިސްޓުން އައި ނަމަވެސް ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ރަށަށް އިޒްރޭލު ޓޫރިސްޓުން އައުން ވަނީ މަނާކޮށްފައެވެ. އަދި ފަލަސްތީނުގެ ދިދަ އެ ރަށުގައި ނަގާ، ރަށުގެ އެކި ފާރުތަކާއި އެކި ތަންތަނުގައި "އިޒްރޭލު ނޮޓް އެލައުޑް" ލިޔެފައި ވެއެވެ.

އިޒުރޭލު ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް މަޖިލީހުގެ އެ ނިންމުމަށް ސަރުކާރުން އަދި އަމަލު ކުރާކަށް ނުފަށައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ދިން ހަމަލާއާއި ގުޅިގެން އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމައިގައި 35،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 70،000 އަށްވުރެ ގިނަވެފައިވާ މި ދަނޑިވަޅުގައި ދެ ގައުމުގެ ސުލްހައިގެ މަޝްވަރާތައް ދަނީ މިހާރުވެސް ކުރަމުންނެވެ.

ނަމަވެސް ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން ދަނީ އެ މަޝްވަރާތަކަށް ބީރު ކަންފަތެއް ދެމުންނެވެ.