ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޑިރެކްޓާ ފައިނޭންސްގެ މަގާމުގައި ހުންނެވި އަހުމަދު ހަނީފް ސަސްޕެންޑް ކޮށްފިއެވެ.

ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭނާ ސަސްޕެންޑް ކުރީ ޑިރެކްޓާސް ބޯޑުގެ އޮޑިޓް ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ފައިނޭންސް ޑިޕާޓްމަންޓުގެ ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖް ކުރުމުގައި ކޯޕަރޭޓް އުސޫލާ ހިލާފަށް ކަންކަން ދާކަން ފާހަގަ ކުރެވިގެން ކަމަށް ޕީއެސްއެމް އިން ބުނެއެވެ.

މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ހަނީފް ކުންފުނީގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަނީފް އަކީ ވަރަށް ގިނަ އަހަރުތަކެން ވަންދެން ޕީއެސްއެމްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ.