އެއްވެސް ސިޔާސީ ޕާޓީއެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިންކުރި ދުވަސްވަރު އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވިކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން ނިންމާފައިވަނީ އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ ނިމިދިޔަ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގައި ފިރާޒް ހަރަކާތްތެރިވެ ވަޑައިގަންނަވަނިކޮށް ފެނުނު ކަމަށެވެ.
އެހެންވެ، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވީ އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލައި ޔަގީންކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. ކޮމިޓީން ނިންމީ އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ފިރާޒްގެ ނަން އޮތްތޯ އާއި މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ އެއްވެސް ޕޯސްޓެއް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓުކޮށްފައިވޭތޯ ބެލުމަށް ފަހު މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ.
މިއަދު 'އެކްސް'ގައި ފިރާޒް ލިޔުއްވި ގޮތުގައި، އޭނާ ސިޔާސީ އެއްވެސް ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވެ، މީޑިއާ އާއި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެއްވެސް ސިޔާސީ އެޖެންޑާއެއް ޕްރޮމޯޓްކޮށްފައި ނުވާނެއެވެ.
"އަޅުނގަޑު ގައުމަށް ރަނގަޅު ސިޔާސަތުތަކާއި ޕަބްލިކް ޕޮލިސީތަކުގެ ވާހަކަދައްކާ ފާޑުކިޔާ ހަދަމެވެ. އެއީ ވަކި ސަރުކާރަކަށް ބެލުމެެއްނެތިއެވެ. އަދި އާއިލީ ފަރާތްތައް ސިޔާސީ ކަންކަމަށް ކުރިމަތި ލީމަ، ދެވޭ އެއްބާރުލުމެެއް ކުރިންވެސް އަދި މިހާރުވެސް ދީހަދަމެވެ،" މެންދުރު އޭނާ ލިޔުއްވި ޕޯސްޓުގައިވެއެވެ.
ދައުލަތުގެ ވިޔަފާރި ތަންޔަން ޕްރައިވެޓައިޒްކުރުމާއި ކޯޕޮރަޓައިޒްކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުން، ޕީސީބީގެ ރައީސާއި ނައިބު ރައީސް އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެގެނެއް ނުވާނެއެވެ.