ރ. އަތޮޅުން މާލެ އަށް ދަތުރުކުރަނިކޮށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މީހާ ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ފެނުމާއެކު އެމްއެންޑީއެފްއިން ވަނީ އޭނާ ނަގައިގެން ކާށިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް އެ މިހާ ފެނިފައި ވަނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި ފެނުނު އިރު އެ މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މީގެކުރިން ބުނެފައި ވަނީ ރ. ކުޑަކުރަތު ރިސޯޓުން މާލެ އަށް ދަތުރުކުރަނިކޮށް ކަނޑުވީ 'ލިއޯ ޕާލް' ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އާންމު ގޮތެއްގައި ކަނޑުމަތީ ހާދިސާއެއް ހިނގައިފިނަމަ، ހާދިސާ ހިނގި ސަރަހައްދު އެމްއެންޑީއެފުން ހިއްސާކުރެއެވެ. އެކަމަކު 'ލިއޯ ޕާލް' ކަނޑުވި ސަރަހައްދެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އޭގައި ތިބި ފަސް މީހުން ތިބި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި 'ލިއޯ ޕާލް' އިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ރޭ ފަތިހުގެ ވަގުތެއްގައި ސީ އެމްބިއުލާންސަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.