ރ. އަތޮޅުން މާލެ އަށް ދަތުރުކުރަނިކޮށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، ގެއްލުނު މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ މިހާ ފެނިފައި ވަނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ. އަދި ފެނުނު އިރު އެ މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެމްއެންޑީއެފް ބުނީ މި ހާދިސާގައި ގެއްލުނީ ބިދޭސީއެއް ކަމަށާއި އޭނާ ނަގައިގެން މިހާރު ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމަށް ދަތުރުކުރަމުން ދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މީގެކުރިން ބުނެފައި ވަނީ ރ. ކުޑަކުރަތު ރިސޯޓުން މާލެ އަށް ދަތުރުކުރަނިކޮށް ކަނޑުވީ 'ލިއޯ ޕާލް' ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އާންމު ގޮތެއްގައި ކަނޑުމަތީ ހާދިސާއެއް ހިނގައިފިނަމަ، ހާދިސާ ހިނގި ސަރަހައްދު އެމްއެންޑީއެފުން ހިއްސާކުރެއެވެ. އެކަމަކު 'ލިއޯ ޕާލް' ކަނޑުވި ސަރަހައްދެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އޭގައި ތިބި ފަސް މީހުން ތިބި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި 'ލިއޯ ޕާލް' އިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ރޭ ފަތިހުގެ ވަގުތެއްގައި ސީ އެމްބިއުލާންސަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވެ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.