ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެ، ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ފެތުރޭ މިންވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި މަހު އެކަނިވެސް މާލޭ ސަރަހައްދުން ޗިކުންގުންޔާގެ 78 ކޭސް ރިޕޯޓުށްފައިވާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ. އެ ގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމާ، މަދިރި ނުހަފާނެ ގޮތަކަށް ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުއްޔާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވުމުން މަދިރި އާލާވުން މަދުކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ސާފުކުރުމުގެ މަސައްކަތްކުރަމުން ދާކަމަށް އެޗްޕީއޭ އިން ފާހަގަކުރިއެވެ.
މީގެ އިތުރުން ބަލީގެ ސާވެއިލެންސް މަސައްކަތް ހަރުދަނާ ކުރުމަށް އޮނިގަނޑެއް އެކުލަވާލައި، ބަލި ރިޕޯޓުކުރެވޭނެ ގޮތްތައް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން ދާކަމަށާއި، ބަލިޖެހޭ މީހުންނަށް ދޭ ފަރުވާގެ ހަރުދާނާކުރުމަށް ކްލިނިކަލް މެނޭޖްމަންޓް ސެޝަންތައް ހިންގުމާއި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ޗިކުންގުންޔާ އަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ އަކީ އެބަލީގެ އަލާމާތްތައް ޑެންގީ ހުމާއި ވަރަށް އެއްގޮތް ބައްޔެކެވެ. ޗިކުންގުންޔާ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ އީޑީޒް މަދިރީގެ ފަރާތުންނެވެ. ޗިކުންގުންޔާ ޖައްސާ މަދިރި އާންމުކޮށް ގައިގައި ހަފަނީ ފަތިހާ އަދި މެންދުރު ފަހުގެ ވަގުތުތަކުގައެވެ.
ޗިކުންގުންޏާގެ އަލާމާތްތައް:
- ހުން އައުން
- ހުޅުހުޅުގައި ރިއްސުން
- ބޮލުގައި ރިއްސުން
- ބައެއް ހުޅުހުޅު ދުޅަވުން
- ކުދި ބިހިތަކެއް ނެގުން
- ބަނޑުގައި ރިއްސުމާއެކު މެއި ނުބައިކޮށް ހޮޑުލެވުން ހިމެނެއެވެ.
މީގެ އިތުރުން ހުން އަންނަ ނަމަ ޕެރެެސެޓެމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވެ، އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ ލަފާ ދީފައެވެ. މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލު ކުރާ މިހުންނަށް ކަމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ 25 އަހަރުން މަތީގެ މީހުންނެވެ. އެހެންކަމުން ޗިކުންގުންޏާ ޖެހުމުން ރައްކާތެރިވުމަށް ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރި ވެފައެވެ.