ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަމުން ދިޔަ ޗީފް އިންސްޕެކްޓަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މިއަދު ނިޔާވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދު (ވ.ނަސީމާ މަންޒިލް،) 44 އަހަރެވެ.

ފުލުހުން ނެރުނު ތައުޒިޔާގެ މެސެޖުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ފުލުހުންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ވަނީ ޒިޔާދުގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ. "މަރްހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވާ، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން"

މައުލޫމާތު ލިބިފައިވާ ގޮތުން ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު މަސްޖިދުލް ޒައިދު ބިން ސާބިތު (ސަހަރާ) މިސްކިތުގެއެވެ.

ޒިޔާދުގެ މަރާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހަމަކޮށްފައެއް ނުވެއެވެ.