ދިވެހިރާއްޖެ އަށް އެތެރެކުރާ އިންޑިއާގެ ހަވާދުގެ ބާވަތްތަކެއް ކަމުގައިވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބޭނުން ނުކުރުމަށް އަންގައިފިއެވެ.

ސިންގަޕޫރުގެ ފުޑް އޭޖެންސީއެއް އަދި ހޮންކޮންގެ ސެންޓާ ފޯ ފުޑް ސޭފްޓީ އިން ބުނީ އިންޑިއާގެ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑުގެ ހަވާދުގައި އެތަލީން އޮކްސައިޑް ހުރިކަމަށާއި އެ ޕްރޮޑްޓަކީ ބޭނުން ކުރުން ރައްކާތެރި އެއްޗަކަށް ނުވާތީ އެ ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެތަލީން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ. މި ކެމިކަލް ބޭނުން ކުރުމަކީ ސިއްހީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވާ ކަމެއް ކަމަށް ދިރާސާ ތަކުން ވަނީ ހާމަވެފައެވެ.

މި އުފެއްދުންތަކަކީ އެ ބްރޭންޑުގެ މެޑްރާސް ކަރީ ޕައުޑާ، ފިޝްކަރީ މަސާލާ، ސާމްބާރް މަސާލާ އަދި ކަރީ ޕައުޑާ މިކްސްޑް މަސާލާއެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހަވާދުގެ ބްރޭންޑްގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ރައްކާތެރިކަމުގެ ގޮތުން އެ ބާވަތްތައް ދިވެހިރާއްޖެ އަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެކުރިންވެސް އެމްޑީއެޗް ބްރޭންޑްގެ އުފެއްދުންތަކެއްގައި ނުރައްކާތެރި ސެލްމޮނެއްލާ އިން ތަޣައްޔަރު ވެފައި ވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ ބުނެފައެވެ. ސެލްމޮނެއްލާގެ އަސަރު ހުރި ކަމަށް ބުނެ ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިރުޝާދު ދިން އުފެއްދުންތަކަކީ، އެމްޑީއެޗް ބްރޭންޑްގެ ސަމްބާރު ޕައުޑަރު ޕެކެޓްތަކެކެވެ.

ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ އެކަމުގެ ނުރައްކާ، ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެވެ. މީގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެސް މި ބެކްޓީރިއާގެ ނުރައްކާ ބޮޑެވެ.