މަޖިލިސް ރައީސްކަމުގެ އިންތިހާބު ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްވައިފިއެވެ.

އެ ޔަގީންކަން އަދުރޭ ދެއްވާފައިވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރޭ ލ. ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް އިންތިހާބުގެ ނަތީޖާއަށްވުރެ ފޮނަދޫ ރައްޔިތުން އުފާވާނެ ދުވަހެއް އަދި ކުރިމަގުގައި އަންނާނެކަން ފާހަގަ ކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދުރޭ ދެއްވާފައި ނުވެއެވެ. އަދި އެދުވަސް ވެގެންދާނީ ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ދުވަހަކަށްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

"އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑެއް ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރު ދެމުން އަޅުގަނޑުގެ ވާހަކަކޮޅު މިހާ ހިސާބުން ނިންމާލާނަން،"
އަދުރޭ

އަބްދުއްރަހީމްގެ ދަރިކަލުން، ފަތުރުވެރިކަމާ ބެހޭ ވަޒިރު އިބްރާހިމް ފައިސަލްވެސް ވަނީ ބައްޕާފުޅު މަޖިލިސް ރިޔާސަތުގައި އިންނަވާނެކަމުގެ އުންމީދެއް ދެއްވާފައެވެ. އަދި ލ. ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެކަމަށްވެސް ފައިސަލް ވަނީ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކުރިން އެ މަސައްކަތުގައި ކުލަ ޖެހުމަކީ ދެކެން ބޭނުންވާ އެއް ދުވަސްކަން ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގަން-ފޮނަދޫގައި ބޭއްވޭނީ މޭޔަރުކަމާ ސިޓީ މެންބަރުންގެ އިންތިހާބުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް ސުޕާ މެޖޯރިޓީ އާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސްކަމާއި ނައިބު ރައީސްކަން ލިބޭނެއެވެ. މިހާތަނަށް ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ހުންނެވިކަން އިއުލާންކޮށްފައި ވަނީ އަދުރޭ އެކަންޏެވެ.

މަޖިލިސް ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރާނީ މޭ 28 ވަނަ ދުވަހު މެންބަރުން ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ހޮވުމަށް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓުންނެވެ.