މިދިޔަ ނޮވެމްބަރު މަހު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރިތާ ތިން ދުވަސްފަހުން، އެ މަގާމުން ވަކިކުރި މުންއިމް އަނީސް (ޏ. ފުވައްމުލައް މިސްކިތްމަގު, މާވޭދު) އަނެއްކާވެސް އެ މަގާމަށް އައްޔަންކޮށްފިއެވެ.

ނޮވެމްބަރު 21، 2023 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މުންއިމް އެ މަގާމުން ވަކިކުރީ ނޮވެމްބަރު 23، 2023 ގައެވެ. އެހެންނަމަވެސް އޭރު އޭނާ މަގާމުން ވަކިކުރި ސަބަބު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން އަލުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި މުންއިމް އަށް މަރުހަބާ ކިޔާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަންކުރި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީ ސަރުކާރުގައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަގާމެއްގައި ހުންނެވި މުންއިމްއަށް އަލުން މަގާމު ހަވާލުކޮށްފައި މިވަނީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރެޓީ ލިބިފައިވާ ދަނޑިވަޅެއްގައެވެ. އަދި މުންއިމް ނިސްބަތްވާސމ ފުވައްމުލައް ސިޓީގެ ތިން ދާއިރާގެ ގޮނޑިވެސް ޕީއެންސީ އިން ވަނީ ކާމިޔާބުކޮށްފައެވެ.