ރަޝިއާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާކުރުމުގެ މަގުސަދުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަޝިއާއަށް ކުރާ ހާއްސަ ދަތުރެއްގައި ބައިވެރިވެއްޖެއެވެ.
މި ކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއޭސީއެލް އިން ބުނީ އޮގަސްޓް 17 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ރަޝިއާގެ ވެރިރަށް މޮސްކޯގެ އިތުރުން ވިޔަފާރީގެ މައި މަރުކަޒު ސެއިންޓް ޕީޓަސްބާގަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރާ ގުޅުންހުރި މުހިންމު އިދާރާތަކުން ބައިވެރިވާކަމަށާއި، އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އަދި އެމްއޭސީއެލްގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަން ހިމެނޭކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މި އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތައް ކަމަށްވާ ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ވަނީ ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މުހިންމު އެއް މާކެޓުކަން ފާހަގަކޮށް މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރަށް ވަރުގަދަކުރުންކަމުގައި ބުނެފައެވެ. އެގޮތުން މި ދަތުރުގެ ތެރޭގައި މޮސްކޯ އަދި ސެއިންޓް ޕީޓަސްބާގުގެ ސަރުކާރު އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފަވާކަމަށް ވެސް ވަނީ ބުނެފައެވެ.
އެއާލައިންތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ދަތުރުތައް ފަށަން ބޭނުންވާ އެއާލައިންތަކާއެކު މަޝްވަރާކުރެވޭނެކަމަށާއި، މީގެ ތެރޭގައި ދަތުރުތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމާއި، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި މެދުކެނޑުމެއްނެތި ދަތުރުކުރެވޭނެ ގޮތްތަކާއި، ސީދާ ދަތުރުތައް އަލަށް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ބުނީ މި ދަތުރަކީ 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޑެލިގޭޝަނަކުން ޗައިނާއަށް ކުރި ކާމިޔާބު ދަތުރެކޭ އެއްފަދައިން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ވައިގެ މަގުން ގުޅުވާލުން ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ ހިދުމަތްތައް ފުޅާކުރުމާއެކު، ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުކުރުން އިތުރަށް ފަސޭހަކޮށްދިނުންކަމަށެވެ.
