މަޖިލީހުގެ މެޖޯރިޓީ އާއެކު ދެން ފެންނާނީ މިގައުމު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ގައުމު ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު، ހެޔޮ މިސްރާބަށް ރައްޔިތުންގެ ބުރަ މަސައްކަތުން ރިޔާސީ އިންތިހާބުގައި ގެނެސް، އެ މަސައްކަތް ބޭކާރުވިޔަ ނުދީ އަނެއްކާވެސް އެހާމެ ބުރަ މަސައްކަތެއް ކޮށް ދިވެހި ރައްޔިތުން ސާބިތު ކޮށްދިނީ އިސްލާމްދީނުގެ މަތީ ކުރިއަށްގޮސް އިސްލާމީ ޝިއާރު މަތިވެރިކުރާ ގައުމެއްގެ މަތީ އޮތުމަށް ބޭނުންވާ މިންވަރުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ނުބައި މިސްރާބަރަކުން ދަނިކޮށް، ރަނގަޅު ހެޔޮ މިސްރާބަށް ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން މިދިޔަ ރިޔާސީ އިންތިހާބުގައި ގެނެސްފައި. އެ މަސައްކަތް ބޭކާރު ވިޔަ ނުދިނުމަށްޓަކައި އަނެއްކާވެސް އެހާމެ ބުރަ މަސައްކަތެއް ކުރައްވަވާ ސާބިތުމި ކޮށްދެއްވީ ދިވެހި ލޮބުވެތި ރައްޔިތުން ސާބިތު މިކޮށްދެއްވީ ދިވެހި ރައްޔިތުން ބޭނުންވަނީ މި ގައުމު މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ކުރިއަށްދާ، އިސްލާމް ދީނުގެ ޝިއާރް މަތިވެރި ކުރާ ގައުމެއްގެ ގޮތުގައި އޮތުމަށާއި، އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންވެފައި އޮތުމަށާއި، އަޅުގަނޑުމެން އެދޭ ތަރައްގީ ބާރު ދުވެލީގައި ހޯދުމަށާއި، އަޅުގަނޑުމެންގެ ގައުމުގައި ދެން އޮންނަން ވާނީ ހަމަޖެހުމާއި ހިތްހަމަޖެހުން ކަން،". ރައީސް ވިދާޅުވިއެވެ.
ގައުމުގެ ތަރައްގީއަށް ގިނަކަންކަން ކުރަން ހުރިކަން ފާހަގަ ކުރައްވާ ރައިސް ވިދާޅުވީ ގެދޮރުވެރިކަމުގެ ހިތި މާޒީ ދޫކޮށްލާ، މުޅި ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ހަލާކުވަމުންދިޔަ އިގްތިސާދު ކޮޅަށްޖެހުމަށް ފާއިތުވި ފަސް މަހު ކުރެވުނު މަސައްކަތް ގިނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށައި ފުރިހަމަ ކުރުންކަމަށެވެ. ހަމައެހެންމެ ކޮންމެ ރައްޔިތަކަށް މުއްސަނދިކަން އިހުސާސް ކޮށްދިނުމަށްޓަކައި ކުރަން އޮތް ބުރަ މަސައްކަތް ފުރިހަމަކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ރައީސް ކެބިނެޓާއި އިންތިހާބުވި މަޖިލީހުގެ މެންބަރުންނާއި މުޅި ސަރުކާރަށް އިޝާރާތް ކުރައްވައި ވިދާޅުވީ، "ފާއިތުވި 5 މަހަކީ އަދި އެއްޗެއް ނޫން ކަމަށާއި ދެން އަދި މަސައްކަތް ފެށޭނީ ކަމަށެވެ. އެހެން ކަމުން ކެބިނެޓާއި މެންބަރުން ދެން ތިއްބަވާނީ ނުނިދާ ކަމަށް" ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކޮންމެ ރައްޔިތަކުވެސް އެދެމުން އައި ކަންކަން ފަހިކޮށްދެއްވާނެ ކަމަށާއި އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް އެކުވެރިކަން މުހިންމުކަމަށް ވިދާޅުވެ ރައީސް ވަނީ އަމިއްލަ މަސްލަހަށްވުރެ ވަތަނީ އަޒުމް އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.