ވަގުތީ ނަތީޖާ ދައްކާ ގޮތުން ނިލަންދޫ ދާއިރާގެ ގޮނޑި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ކާމިޔާބު ކުރައްވައިފިއެވެ.

ދަރަނބޫދޫ އަދި ނިލަންދޫ ހިމެނޭ ގޮނޑި ސައުދާ ކާމިޔާބު ކުރައްވައިފައި ވަނީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އަހުމަދު ރަޝީދާ ވާދަކުރައްވައިގެންނެވެ.

މިވަގުތު ހުރިހާ ވޯޓު ފޮށީގެ ވޯޓުތައް ދަނީ ގުނަމުންނެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފަށާފައިވާއިރު ކިއުތައް ބަންދުކޮށްފައި ވަނީ ހަވީރު 5:30 ގައެވެ. 5:30 ގައި ކިއުގައި ތިބި މީހުންނަށް އީސީއިން ވަނީ ވޯޓުލުމުގެ ފުރުސަތު ދީފައެވެ.

މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވޯޓު ލާފައިވާކަމަށް އީސީއިން ވަނީ ބުނެފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ.

އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އަދި ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބަހަަައްޓާއިރު، ރިސޯޓްތަކުގައި 34 ވޯޓު ފޮއްޓެއް ބަހައްޓައެވެ.