އިޒްރޭލުން ގާޒާއަށް އަރާ ހިންގި ޖަރީމާތަކުގައި ފަސްލައި ފޮރުވާފައި ހުރި ކަންކަން ހާމަވަމުން އަންނަ އިރު ނާސިރު ހޮސްޕިޓަލްގެ ދަށުން 50 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ހަބަރުފަތުރާ އިދާރާތަކުން ބުނީ, އިޒްރޭލު ސިފައިން ނާސިރު ހޮސްޕިޓަލް ސަރަހައްދު ދޫކޮށް ދިޔުމުން ގޮސް ބެލި އިރު ހޮސްޕިޓަލްގެ ކޯޓްޔާޑުން 50 މީހުންގެ ގަބުރުސްތާނެއް ފެނިފައި ވާ ކަމަށެވެ. އެމީހުން ތިބީ ފުނޑުނފުޑު ކޮށްލާފައިވާ ހޮސްޕިޓަލް އިމާރާތުގެ ގާކުނޑިތަކުގެ ދަށުގައި ވަޅުލާފައި ވާ ކަމަށެވެ.

މިއީ ޔަހޫދީ ސިފައިން ހިންގަމުން ދިޔައީ ގަތުލުއާންމެއް ކަމަށް ހޮސްޕިޓަލްތަކުގެ މުވައްޒަފުންނާއި އޮފިޝަލުން ދައްކަމުން ދިޔަ ވާހަކައިގެ ސާފު ހެއްކެކެވެ.

ފެނުނު ހަޑިގަނޑުތައް ހުރީ ކަނު ބަނދެ ދެއަތް ފަހަތަށްލައި އައްސާފައެވެ. އަދި އެމީހުން ޝަހީދު ކޮށްލާފައި ވަނީ ބަޑިޖަހާފައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އެމީހުންގެ ހަށިގަނޑުތައް ނަގާ މިހާރު ވަކި ވަޅުގަނޑެއްގައި ވަޅުލާފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ނާސިރް ހޮސްޕިޓަލުން ބޮޑު ގަތުރުސްތާނެއް ފެނުނު އިރު މިއީ އިޒްރޭލު ސިފައިން މިގޮތަށް ފުނފުނޑުކޮށްލި ފުރަތަމަ ހޮސްޕިޓަލެއް ނޫނެވެ. އަލް ޝިފާ އާއި ކަމާލް އަދްވާނީ ހޮސްޕިޓަލާއި އެނޫންވެސް ހޮސްޕިޓަލްތައް ޔަހޫދީ ސިފައިން ވަނީ އެތަންތާނގައި ތިބި މީހުންނާ ޝަހީދުކޮށް އެމީހުންގެ ގައިމައްޗަށް އެ ތަންތަން ތަޅާ ފުނޑުފުނޑު ކޮށްލާފައެވެ.

އިޒްރޭލުން ގާޒާގައި ހިންގާ ޖަރީމާތާއް ފަސް އަޅާ ފޮރުވަން މީގެ ކުރިންވެސް އެތައް މަސައްކަތެއް ކޮށްފައި ވާ އިރު, ހާން ޔޫނިސްގެ އެހެން ސަރަހައްދަކުންވެސް މިފަދަ ގަބުރުސްތާނެއް ފެނިފައި ވެއެވެ.

އިޒްރޭލު ސިފައިން ހާން ޔޫނިސް ދޫކޮށް ފޭބި އިރު އެތާނގައި ކޮޅަށް ހުރި އެއްވެސް އިމާރާތެއް ނެތް އިރު އެ ސިޓީ އޮތީ ވީރާނާވެފައި ވާ ޝަހަރަކަށް ހަދާފައެވެ.