މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ވޯޓު ލައްވައިފިއެވެ.

ނައިބު ރައީސް ވޯޓުލައްވާފައި ވަނީ ހެންވެއިރު ދަނޑުގައި ބަހައްޓާފައި ހުރި ފަރެސްމާތޮޑާ ދާއިރާގެ ފޮއްޓަށެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން މެޑަމް ސާޖިދާވެސް ވަނީ ވޯޓު ލައްވާފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ވޯޓު ލައްވާފައެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އެގޮތުން މާލޭގައި 181 ވޯޓު ފޮށި އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވިލިމާލޭގައި ބަހައްޓާފައި ވަނީ 9 ވޯޓު ފޮއްޓެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

މީގެއިތުރުން ރިސޯޓްތަކުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށީގެ އިތުރުން ރާއްޖެއިން ބޭރުގައި 3 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. ނަމަވެސް މި އިންތިހާބުގައި ސިނާއީ މަސައްކަތް ކުރާ އެއްވެސް ތަނެއްގައި ވޯޓު ފޮށި ބަހައްޓާފައެއް ނުވެއެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.