ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކަމަށް މަޖިލީހުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މި މަހުގެ 28 ވަނަ ދުވަހު އަލަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގައި ކަމަށެވެ. އެއަށް ފަހު މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ހަމަޖެހިފައިވާ ޖަލްސާ ބާއްވާ އިރު، އެ ޖަލްސާ ފެށުމަށް ހެނދުނު 10:15 ގައި ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.
ނިމިދިޔަ މަޖިލިސް ދައުރުގެ ވެސް ރައީސާއި ނައިބު ރައީސް ހޮވުމަށް ބޭއްވި ޖަލްސާގެ ރިއާސަތު ބެލެހެއްޓެވި ޝިޔާމް މި ފަހަރު ވެސް ރިޔާސަތރު ބަލަހައްޓަވަން ހަމަޖެހިފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. ސިޔާމް ވަނީ މަޖިލީހުގެ 4 ދައުރު ފުރިހަމަކޮށް، ފަސްވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފައެވެ.
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ސުޕާ މެޖޯރިޓީ އާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފައިވާ އިރު އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސް ކަމާއި ނައިބު ރައީސް ކަން ލިބޭނެއެވެ.
އެގޮތުން އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސަކަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް ހޮވަން ނިންމާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާ އިރު، މިއީ ތާރީހުގައި ވެސް މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިއްބާވާނެ ދައުރެވެ.