މިހާރު ކުރިއަށްދާ ރައްޔިތުން މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދާ މަރުކަޒުތަކުގެ ތެރެއިން 263 ވޯޓުލާ މަރުކަޒުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ އޮބްޒާވަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ ގްރޭޓާމާލޭގެ އިތުރުން 18 އަތޮޅެއްގެ 35 ރަށަކާއި، 1 ޖަލެއްގައި ބެހެއްޓިފައިވާ ވޯޓުފޮށިތައް އޮބްޒާވްކުރުމަށް މި ކޮމިޝަނުގެ ފަރާތުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަތޮޅުތެރޭގެ 93 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 168 މަރުކަޒަކާއި، ޖަލުގައި ބެހެއްޓޭ 2 މަރުކަޒެއް ހިމެނޭގޮތުން ޖުމްލަ 263 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް އޮބްޒާވް ކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ހަމަ އެހެންމެ އަތޮޅުތެރޭގެ 23 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 16 މަރުކަޒަކާއި، މާފުށީ ޖަލުގައި ބެހެއްޓޭ ވޯޓު މަރުކަޒު ހިމެނޭގޮތަށް މެދުކެނޑުމެއްނެތި ހެނދުނު 6:30 ފެށިގެން ވޯޓުލާމަރުކަޒެއްގައި ނަތީޖާ އިއުލާންކޮށް ނިމުމާ ހަމަޔަށް 40 މަރުކަޒެއް އޮބްޒާވް ކުރަމުންދާނެ ކަމަށްވެސް އެ ކޮމިޝަނަނުން ބުނެއެވެ.
މީގެ އިތުރުންވެސް އެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 70 މަރުކަޒަކާއި ގްރޭޓާމާލޭގެ 152 މަރުކަޒަކާއި މާފުށީ ޖަލު ހިމެނޭގޮތަށް 223 މަރުކަޒެއް ގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް އޮބްޒާވްކުރަމުންދެއެވެ.
މި މަސަތްކަތުގައި އެކިރަށްރަށުން ނަގާފައިވާ 25 ލޯންގް ޓާމް އޮބްޒާވަރުންނާއި ކޮމިޝަންގެ 73 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓާފައިވެއެވެ.
މިއަދު މެންދުރު 11:00 އާ ހަމައަށް ޖުމުލަ 70،949 މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މައުލޫމާތު ދީފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 25 ޕަސެންޓު މީހުންނެވެ. 11:00 އާ ހަމައަށް 29،762 އަންހެނުން ވޯޓު ލާފައި ވާއިރު، 41،187 ފިރިހެނުން ވޯޓު ލާފައި ވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.