ގާޒާގައި ހާލުގައި ޖައްސާ ބަނޑަށް މަރަމުން ގެންދާ މުސްލިމުންނަށް ބޭނުންވާ ކާބޯތަކެތި ހިފައިގެން ކޮންމެ ދުވަހު 300 ޓްރަކް ވަންނަކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ހަދަނީ ދޮގު ކަމަށް ގާޒާ މީޑިއާ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ, އެ ދެފަރާތުން ދުނިޔެއަށް ދަންކަން ބޭނުންވަނީ ގާޒާއަށް ބޭނުންވާ އެހީ ފޯރުކޮށް ދެމުން ގެންދާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ދުވާލެއްގެ މައްޗަށް 150 ޓްރަކަށް ވެސް ވަނުމުގެ ހުއްދަ ނުދިނުން ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.
އަދި ގާޒާގެ ދެކުނަށް ކާބޯތަކެތި ކޮންމެވެސް ވަރަކަށް ލިބުނު ނަމަވެސް އުތުރަށް އެކަށީގެންވާ ވަރާ ގާތަށް ވެސް ނުލިބޭ ކަމަށާއި އުތުރަށް ދިމާވެފައި ވާ ހައިހޫނުކަމުން އަރައިގަނެވޭނީ ކާބޯތަކެތި ލިބިގެން ކަމަށް ވެސް ބުނެފައި ވެއެވެ.
މި އެޕްރީލް މަސް ފެށުނު ފަހުން ޖުމްލަ 2800 ޓްރަކެއް ގާޒާއަށް ވަދެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އިޒްރޭލާއި އެމެރިކާގެ ވާހަކަތައް ނަފީކޮށް ވޯލްޑް ފްޑް ޕްރޮގްރާމުންވެސް ބުނެފައި ވަނީ, ޓްރަކްތަކަކަށް ވަންނަން ހުއްދަ ދިން ނަމަވެސް ކާބޯތަކެތި ބަރުކޮށްފައި ހުރި ޓްރަކް ތަކުގެ ތެރެއިން މި އެޕްރީލް މަހު ވަންނަން ހުއްދަ ދިނީ އެންމެ 392 ޓްރަކަށް ކަމަށެވެ. އެއިދާރާއިން އިތުރަށް ބުނީ, މި އެޕްރީލް މަހު ގާޒާގެ އުތުރަށް ވެއްދި ފުށުން ވާނީ 80,000 މީހުންނަށް ކަމަށެވެ.
ކާބޯތަކެއްޗާއި ބޯފެނަށް ޖައްސާ ގާޒާގެ ރައްޔިތުން ބަނޑަށް މަރަމުން ގެންދާ އިރު, ގާޒާ ކްރޮސިން ކައިރިއަށް ޖަމާ ކޮށްފައި ވާ އެތައްހާސް ޕެލެޓެއްގެ ކާބޯތަކެތި ހުއްޓާ ފެންނަ ފޮޓޯ އިޒްރޭލުގެ އިދާރާތަކުން އާންމު ކޮށްފައި ވެއެވެ. އެ އިދާރާތަކުން ބުނެފައި ވަނީ އެއީ ގާޒާއަށް ގެންދިޔުމަށް ޖަމާކޮށްފައި ވާ ކަބޯތަކެތި ކަމަށާއި އެތަކެތި ގާޒާއަށް ވެއްދުމުގެ ކުރިން ކުރަން ޖެހޭ ސެކިއުރިޓީ ޗެކް ކުރަމުން ގެންދާ ކަމަށެވެ.
ގާޒާގެ ރެފިއުޖީ ކޭމްޕްތަކަށް މިއަދުވެސް އިޒްރޭލުން ހަމަލާ ދީފައި ވާއިރު, އެތައް ބަޔަކު ޝަހީދުވެ ވަނީ ޒަހަމްވެފައެވެ. ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 34,000 ފަހަނަ އަޅާ ގޮސްފައެވެ.
ގާޒާގެ އިތުރު ހަބަރުތަކަށް ބަލާއިރު މިއަދު ހަމާސްގެ ލީޑަރުން ވަނީ ތުރުކީއަށް ވަޑައިގެންފައެވެ. މި މައްސަލައިގައި އިޒްރެލުން ރުޅިގަދަވެ ރޭޕް ކޮށް, ގަތުލުއާންމު ހިންގާ, މަރުވެފައި ތިބޭ މީހުންނަށް އަނިޔާކޮށް, ކުޑަކުދިން އަންދާ ބަޔަކަށް ތުރުކީން މަރުހަބާ ކިޔަން ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ހަމާސްގެ ލީޑަރުން ތުރުކީއަށް ވަޑައިގަތުމުން ހިތްހެޔޮކަމާއެކު މަރުހަބަ ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އެވެ. އެ ދެފަރާތުގެ ދެމެދުގައި މިއަދު ގާޒާގެ މަޝްރަހާ ބެހޭގޮތުން ވާހަކަ ދައްކަވާފައި ވާ އިރު ކާބޯތަކެތި ލިބުމުގައި ހުރި ގޮންޖެހުންތަކާއި ހަމަލާތައް ހުއްޓާލައި ސަރަހައްދަށް ހަމަޖެހުން ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ވަގުތުން ހަމަލާތައް ހުއްޓާލައި ސުލްހައިގެ މަގަށް މަސައްކަތް ކުރުމުގައި ބައިނަލްއަގުވާމީ ދާއިރާއިން ތުރުކީން އެއްބާރުލުން ދޭނެ ކަމަށް އުރުދުގާން ވިދާޅުވިއެވެ.
އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން މިއަދު އިޒްރޭލުގައި މުޒާހަރާ ކުރަމުންވެސް އެބަދެއެވެ. އިޒްރޭލުން ފަލަސްތީނަށް ވަދެ ރަހީނުކޮށްގެން ގެންގޮސް ޖަލުތަކަށް ލައިފައި ތިބި މީހުންނަށް ލާއިންސާނީ އަނިޔާ ދޭ ކަމަށާއި އެމީހުން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާގެ ބައިވެރިން މިއަދު ވަނީ އެމީހުން ތިބި ޖަލުގެ ބޭރުގައި އަޑުފުލާފައެވެ. އަދި މިރޭ ވެރިރަށް ތެލްއަވީވްގެ މަގުތަކަށް ގިނަ ބަޔަކު އެއްވެ ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެމީހުން ގޮވާލަމުން ދަނީ ސުލްހަ ގާއިމު ކޮށް ހަމާސް އާއި އަދި އެހެނިގެން ގްރޫޕުތަކުގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަން ކުރުމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށެވެ.
ސަރުކާރާ ދެކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ނަމަވެސް ނަތަންޔާހޫގެ ހަރުކަށި ސަރުކާރުން ބުނަމުން ގެންދަނީ ހަމާސް އާއެކު ސުލްހަ ގާއިމު ކުރުމެއް ނެތް ކަމަށާއި ހަމާސް ބަލިކޮށް ގާޒާއިން ފައްސާލެވެންދެން ނިމުމެއް ނެތް ކަމަށެވެ.