ފަލަސްތީނަށް އދގެ ފުރިހަމަ މެންބަރުކަން ދިނުމުގެ މަޝްވަރާތައް އދގެ ސަލާމަތީ މަޖިލީހުގައި ފަށަން މިއަދު ނިންމުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އދ މެންބަރުކަން ފަލަސްތީނަށް ދިނުމަށް މިހާރުވެސް މާ ލަސްވެފައިވާ ކަމަށެވެ. އަދި އދގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ ރައްޔިތުންނާއި ދައުލަތާމެދު ޒަމާންތަކެއް ވަންދެން ހިނގާފައިވާ މި ނާއިންސާފު ރަނގަޅުކޮށް، ޒިންމާދާރު ކަމާއެކު މިކަމުގައި ވޯޓު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޝާހިދު ވަނީ އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެންނާއި އަދި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރި ރަށަކީ އިރުމަތީ ގުދުސް ކަމަށް ހެދުމަށާއި، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބައި، 1967 ގެ ކުރިން އޮތް ސަރަހައްދީ ރޮނގާއި ހަމަޔަށް އިސްރާއީލުން ފަހަތަށް ޖެހެން ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި މިނިވަން ދައުލަތެއްގެ ސިފަ ނެތި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ވަކާލާތުކުރުމުގެ ހައްގު އެ ގައުމުގެ ރައްޔިތުންނަށް ނެތް މައްސަލައިގައި ވެސް އދގެ އާންމު މަޖިލީހުގައި ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ މެމްބަޝިޕާއި ގުޅޭ މިވޯޓު ނެގުން އޮންނާނީ މާދަމާ ހަވީރު ނިއުޔޯކް ގަޑިން 3:00 ގައެވެ. އެއީ ރާއްޖެ ގަޑިން އިރުއޮއްސި 7:00 އެވެ.