ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމުން ޔާމީން މިނިވަން ވެއްޖެއެވެ.
ވ. އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލަަތުގައި ރިޝްވަތު ގަބޫލު ކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާ ކުރިއަށް ދާއިރު އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.
ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމުގައި ހިމެނޭ ރިޝްވަތުގެ ކުށުގައި އިއްވި 4 އަހަރުގެ ހުކުމް މިރޭ ބާތިލް ކޮށްފައިވާއިރު ދާދި ދެންމެއަކު ވަނީ މަނީ ލޯންޑްރިންގެ ކުށުގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމްވެސް ހައިކޯޓުން ބާތިލްކުރުމަށް އަމުރުކޮށްފައެވެ. އެ ހުކުމް ބާތިލު ކުރުމާއި އެކީ އެމަނިކުފާނު މިހާރު ވަނީ މިނިވަން ވެވަޑައިގެންފައެވެ.
މި މައްސަލަ ބާތިލް ކުރުމަށް ހުކުމްކޮށްފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ. މިއަދު އިއްވި ހުކުމް އިއްވަވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މިރޭ އިއްވި ހުކުމްގައި ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް މިމައްސަލައިގައި ހިމެނޭ ހަސްމުންނަށް ފުރުސަތު ދެވިފައި ނުވަނީ ބޭއިންސާފުން ކަން ފާހަގަކޮށް އެފުރުސަތު ދިނުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ހުކުމުގައި ވެއެވެ.
އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައިވާއިރު އެ މައްސަލާގައި ހިމެނޭ ފެލިދޫ ދާއިރާގެ މެންބަރުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް ދަށު ކޯޓުން އަލުން ބަލުމަށްވެސް ވަނީ އަމުރުކޮށްފައެވެ.