ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

އެ މައްސަލާގައި 2022 ޑިސެންބަރު 25 ވަނަ ދުވަހު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އިއްވާފައިވާއިރު މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލައި ހަ މަސް ދުވަހުގެ ތެރޭގައި 53 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓުން އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމް އިއްވާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ.

އެ މައްސަލަ ބައްލަވާފައޮވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ. އެ ހުކުމް އިއްވަވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.