ޖަލުގައި އޮންނެވި އިރު ރައީސް އަބްދު ﷲ ޔާމީން މިނިވަން ކުރުމަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 3 ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނު މިނިވަން ކުރަން މަސައްކަތް ކުރި މީހުންގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ޕީޕީއެމް/ ޕީއެންސީ ލީޑާޝިޕްގެ ތެރެއިން 3 ބޭފުޅަކު އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ކަމަށެވެ.
އެގޮތުން އެ 3 ބޭފުޅުންގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އަދި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެ 3 ބޭފުޅުން މަސައްކަތް ކުރެއްވީ އިހްލާސްތެރިކަމާއެކުކަން ޔަގީންވެވަޑައިގަންނަވާ ކަމަށާއި އެކަމަށް ޝައްކު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބޭފުޅުންގެ އިތުރުން ވެސް ޕީޕީއެމް/ ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން އެމަނިކުފާނު މިނިވަން ކުރަން ގޮވާލާ ބޭއްވި މުޒާހަރާތަކުގައި ބައިވެރިވިކަން ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ 3 ބޭފުޅުން ފިޔަވާ ދެން އެހެން ބޭފުޅުން އެއީ "ކޮސްމެޓިކް" ކަމަށާއި އެއީ ދެއްކުން ތެރިކަމުގެ ތެރެއިން ދިޔަ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ދުވަހެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.