ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ޖާބިރުގެ ބަދަލުގައި ވަކީލް އަބްދުﷲ ނަސީރަށް ދޭން އެ ޕާޓީން ނިންމައިފިއެވެ.

އަބްދުﷲ ރިފްއަތާއި ވާދަކުރައްވައިގެން، 252 ވޯޓު ހޯއްދަވާ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ޖާބިރު ކަށަވަރުކުރެއްވި ނަމަވެސް އެ ޓިކެޓު އެ ޕާޓީން ނަސީރަށް ދޭން ނިންމާފައިވަނީ މިއަދުއެވެ. އެއީ ޖާބިރު މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް އަމަލު ކޮށްފައި ވާތީ މަޖިލީސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށްކަމަށްވެސް އެ ޕާޓީ އިން ވަނީ ބުނެފައެވެ. މީގެއިތުރުން ޖާބިރު ވަނީ އެމްޑީޕީއިންވެސް ވަކިކޮށްފައެވެ.

އެގޮތުން އެ ޕާޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާޓީއާ އަލުން ގުޅުމުގެ ފުރުސަތު ދިނަސް ޖާބިރު ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތައް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެކަމަށެވެ.

އެމްޑީޕީއިން ބުނިގޮތުގައި ޖާބިރުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވީ ނަމަވެސް މައްސަލަ ނިމުމުގެ ކުރިން އެހެން ފަރާތަކަށް ޓިކެޓު ދޭން ޖެހުނީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވާތީކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހު ހަމަވާނެއެވެ.

ޖާބިރުގެ ޓިކެޓު ދޭން ނިންމާފައިވާ ވަކީލް އަބްދުﷲ ނަސީރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައި ވެސް ނަސީރު ވަނީ މަސައްކަތް ކުރައްވާފައެވެ. ނަސީރަކީ ގދ. ގައްދު އަށް އުފަން ބޭފުޅެކެވެ.