އޭނާގެ މޫނުމަތީގެ އެއްފަޅިވަނީ ފިހިފައެވެ. ދެލޯމަތީގައިވެސް އައިބުގޮތެއް ހުއްޓެވެ. ބޮލުގައި އެއްވެސް އިސްތައްޓެއް ނެތެވެ. ބުމަ އަދި އެސްފިޔައެއްވެސް ނެތެވެ. ގައިގެ ހަންގަނޑު ހީވަނީ ހިކިގެން ތޮށަލި ލާފައި ހުރިހެންނެވެ. އެމީހާގެ ނަޒަރު ހުއްޓިފައި ހުރީ މަންޝާއާ ދިމާލަށެވެ. ފަހަތަށް ޖެހެމުން ގޮސް ފާރުގައި މަންޝާ ލަށްވެލިއެވެ. ކުރިމަތިން އެމީހާ ހުރަސްކޮށްފައި ދިޔައިރު ކޮންމެވެސް މީހަކު ވައިއަޑުން މަންޝާގެ ކަންފަތް ދޮށުގައި ގޮވާލި އަޑު އިވުނެވެ.
"މަންޝާ....."
"ކާކު... ކާކު..." މަންޝާ ބިރުން ހުރެ ފަހަތް ބަލާލަމުން ކަންފަތުގައި އަތްހާކާލިއެވެ.
އަނެއްކާވެސް ޓްރޮލީ ދުއްވާފައި ދިޔަ ދިމާލަށް މަންޝާ ބަލާލިއެވެ. ޓްރޮލީ ހިފައިގެން ދިޔަ މީހާ އެމަަގުން ފެންނާކަށް ނެތެވެ. އެމީހާ ލޮލުކޮޅަށްގޮސް ގެއްލޭނެހާ ވަގުތެއް ނުވާކަން މަންޝާއަށް އެނގުނެވެ. އެއީ ހާދަ ބިރުވެރި ގޮތަކަށް ހުރި މީހެކޭ މަންޝާގެ ހިތަށް އެރިއެވެ. އެމީހާ އެހާ އަވަހަށް އެދިޔައީ ކޮންތަނަކަށް ބާވައޭވެސް ހިތަށް އެރިއެވެ.
ގަބޫލުކުރަން ދަތި އެ މަންޒަރު ހިތުން ފޮހެލުމަށްފަހު މަންޝާ ހަނދާންކުރަން މަސައްކަތް ކުރީ އޭރު އޭނާ ކުރަން އުޅުނު ކަންތަކެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަމާލުކަން ގެއްލުމުގެ ސަބަބުން ކުރަން އުޅުނު ކަންތައް މަންޝާގެ ހަނދާނުން ކައްސާލިއެވެ. އެކަމާ ވިސްނަން ފެށުމުން މަންޝާގެ ސިކުނޑިއަށް އައީ އޭނާ ލިފްޓަށް އަރަން ފުރަތަމަ އައިސް ހުރި އިރު ހޮސްޕިޓަލްގެ ތިރީބުރި ހުރި ގޮތެވެ.
ވީރާނާވެފައިވާ ފާރާއި، ސީލިންގުމަތިން ފެންނަން ހުރި ކޭބަލްތަކެވެ. އެއިން އެއްވެސް ކަމެއް އެ ތަނުން ފެންނަން ނެތުމުން މަންޝާ ވަރަށް ހައިރާން ވިއެވެ. ނުކުންނަން ދާ ފަރާތަށް ނަޒަރު ހިންގާލުމުންވެސް ނުކުންނަން ހުރި ދޮރު އެދިމާލުގައި ނެތުމުން ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް އެނގުނެވެ. މިއާދެވިގެން އުޅެނީ އަދި ރަނގަޅު ބަޔަށް ނޫންކަން އެނގުނެވެ.
ލިފްޓު ކުރިމައްޗަށްވާ ގޮތަށްހުރި ސިޑިއާއި ދިމާލަށް ހިނގައިގަތީ އެކަނި ލިފްޓަަށް އަރަން ޖެހިލުން ވީމައެވެ. ސިޑިން މައްޗަށް އަރަމުން މަންޝާ ދިޔައީ ނުބައި ފްލޯއަކަށް އާދެވުނީ ކަމަށް ހީކޮށް ހުރެއެވެ. ސިޑިން މައްޗަށް އަރާ އަރާ ވަރުބަލިވީ އިރުވެސް މަންޝާއަށް އެރެމުން ދިޔައީ އެއް ފްލޯއަކަށެވެ. ހަމަ އެ ހަމަހިމޭން ބަޔަށް ކޮންމެ ފަހަރަކު އާދެވުމުން މަންޝާ އަނެއްކާވެސް ސިޑިން މައްޗަށް އަރަން މަސައްކަތް ކުރަމުން ދިޔައެވެ.
ފަސްފަހަރު އެގޮތަށް ސިޑިން އެރުމުންވެސް އިތުރުއެހެން ބަޔަކަށް ދެވޭގޮތެއް ނުވިއެވެ. ވަރުބަލިވެފައި ހުރި މަންޝާ ހިނގަމުންދިޔަ އިރު ފައި އޮޅޭ ފަހަރުވެސް އާދެއެވެ. މިހެން ގޮސް ހަވަނަ ފަަހަރު ސިޑިން މައްޗަށް އެރި އެރުމުގައި މަންޝާގެ ފަހަތުން ހިޔަންޏެއް އަންނަހެން ހީވިއެވެ. ފަޔަށްބާރުލާ ސިޑިމަތިން ދުއްވައިގަންނަން މަސައްކަތްކުރިއެވެ. މަންޝާގެ ފަހަތުން ޖެހުނު ވައިރޯޅިއެއް އޭނާގެ އިސްތަށިގަނޑާ ކުޅެލިއެވެ. އެ ދަނޑިވަޅުގައި ސިހިގެންދިޔަ މަންޝާގެ ފައި ފުރޮޅުނެވެ. އުސްފައިވާނުގެ ކަށި ސިޑީގައި ހަމަޔަށް ނުޖެހުމުގެ ސަބަބުން ސިޑިން ނުވެއްޓުނީ ކިރިޔާއެވެ. ރޭލިންގް ދަގަނޑުގައި ހިފަހައްޓައިގެން ހުރެވުނުކަން އެއީ މަންޝާގެ ނަސީބެވެ.
ފައި ފުރޮޅުމުން ފަޔަށް ވަރަށް ތަދުވިއެވެ. އުސްފައިވާން ގަނޑު ބާލާފައި އެއްލާލަންވެސް ހިތަށް އެރިއެވެ. ދެން ސިޑިން މައްޗަށް ދާން އިތުރަށް ބޭނުން ނުވާތީ ފޯނު ނަގާ އަޒީމްއަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް މަންޝާގެ ފޯނު އެވަގުތު އޮތީ ބެޓެރި ހުސްވެގެން ނިވިފައެވެ. "ނޯ.. ނޯ.. މިގަޑީގަތަ އަދި ފޯނު ނިވެންވެސް އެނގުނީ...."
އެންމެފަހުން ވަރުބަލިވެގެން މަންޝާ އައިސް ލިފްޓު ކައިރިއަށް ހުއްޓުނެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އުނަގަނޑުގައި އަތް ވިއްދާލައިގެން ގުދުވެލީ ހަމަޔަށް ނޭވާ ލެވޭތޯއެވެ. ފައިގެ ކުޑަހުޅުގައި ފިރުމާލީ ކުޑަ ތޫނު ތަދެއް ހުރުމުންނެވެ. އެހެން ހުއްޓާ އަނެއްކާވެސް މަންޝާގެ ކަންފަތުގައި ޖެހުނީ އެއްކަލަ އަޑެވެ.
އެއީ ކުރިންވެސް އިވުނު ޓްރޮލީގެ އަޑެވެ. އެމީހާއާ ކުރިމަތިލާން ބޭނުން ނޫވާތީ، ލިފްޓު ހުޅުވޭތޯ މަންޝާ ހުއްޓުމެއްނެތި ސްވިޗަށް ފިތަމުން ދިޔައެވެ. ފަހަރެއް ފަހަރެއް އެ އަޑު ގަދަވަމުން އައި އިރު މަންޝާ ހުރި ހިސާބާ އެމީހާ ގާތްވަމުން ދިޔަކަން އެނގުމުން ހިތުގެ ވިންދު ދެގުނައަށް އިތުރުވިއެވެ. ހީވީ މޭގަނޑު ފަޅާފައި ހިތް ނުކުމެދާނެ ހެންނެވެ.
އަޑު އަންނަަ ދިމާލަށް ފަސް އެނބުރި ބަލަން ޖެހިލުންވެފައި މަންޝާ ހުރީ ލިފްޓު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރީ ބިރުން ގޮސް ރޮވިދާނެތީއެވެ. މައްޗަށް ގޮސްފައިވާ ލިފްޓު ތިރިއަށް އަންނަމުން ދިޔަ ނަމަވެސް ލިފްޓު އަންނަ ސްޕީޑް ލަސްކަމުން މަންޝާ ހުރީ ރުޅިގަދަވެފައެވެ. އެންމެފަހުން ސްވިޗްމަތީގައި ގޮށްމުށްކަވާފައި އަތުން ޖެހިއެވެ.
އޭރު މަންޝާ ދާހިއްލާ ފޯވަނީއެވެ. ލައިގެން ހުރި ޓޮޕްކޮޅުގެ ކިހިލިފަތް ދަށުންނާއި ބުރަކަށި މުޅިންހެން ތެމި ފޯވެއްޖެއެވެ. ލިފްޓު ކައިރީ ފާރުގައި އަތް ވިއްދައިގެން ހުރިއިރު މަންޝާ ފަހަތަށް ބަލާކަށް ބޭނުމެއް ނުވިއެވެ. ޓްރޮލީގެ އަޑު އިވެމުން އައިސް އޭތި މަންޝާއާ އަރާ ހަމަކޮށްފި ކަން ކަށަވަރެވެ. މަންޝާ ދެލޯ މަރާލަމުން ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔޭތޯ މަސައްކަތް ކުރިއެވެ. ދެން އޭގެ އަޑު މުޅިންހެން ކެނޑިއްޖެއެވެ. މުޅިތަަން އެކީ ހަަމަހިމޭން ވެއްޖެއެވެެ. ތަގުޅިކޮށް ފިއްތާފައިވާ ދެލޯ މަޑުމަޑުން ހުޅުވާލީ އެ ހަމަހިމޭން ކަމުގެ ތެރއަށް ކަންފަތް ދެމުންނެވެ. މަންޝާ ދޫކުރަމުންދިޔަ ފުން ނޭވާގެ އަޑު ނޫން އަޑެއް ނީވެއެވެ.
ކުއްލިއަކަށް ލިފްޓު ހުޅުވިއްޖެއެވެ. މަންޝާއަށް ލިފްޓާ ދިމާލަށް ބަލާލެވުނީ ޖެހިލުންވެ ހުރެއެވެ. ލިފްޓު ތެރޭގައި ހުރީ ނަރުސް ކުއްޖަކާއި ހޮސްޕިޓަލުގެ މަސައްކަތު މީހެކެވެ. ދެމީހުންގެ އަތުގައި ޓްރޭތަކެއް ހުއްޓެވެ. އޭގައި އެކިކަހަލަ ބޭސް ފުޅިތައް އަތުރާފައި ހުއްޓެވެ. ބިރުން ރޫރޫ އަޅަމުންދިޔަ މަންޝާ ހުރިހާލު ފެނުމުން އެމީހުން ސުވާލު ކުރިއެވެ. "ކިހިނެއްވީ؟.... ކީއްކުރަން މިބަޔަށް އައިސް ތިއުޅެނީ؟... ގްރައުންޑް ޕްލޯއިން ތިރިއަށް މި ހުންނަ ބަޔަށް އާންމުންގެ މީހުން އައުން މަނާ ވާނެ..."
އެމީހުން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަމެއް ނުދީ މަންޝާ ބެލީ އަވަހަށް ލިފްޓަށް އެރޭތޯއެވެ. ލިފްޓަށް އެރުމަށްފަހު ގްރައުޑް ފްލޯއަށް ދިޔުމަށް ސްވިޗަށް އޮބާލިއެވެ. ލިފްޓުގެ ދޮރުފަތް ލެއްޕުނުއިރު އެދޭތެރެއިން މަންޝާއަށް ބަލާލެވުނީ އެޓްރޮލީ ހިފައިގެން މީހަކު އައިސް ހުރިތޯއެވެ. ނަރުސް ކުއްޖާ އާއި މަސައްކަތު މީހާ ތިބީ މަންޝާގެ ހަރަކާތަށް ބަލާށެވެ. އެމީހުންގެ ފަހަތަށް މަންޝާ ބަލަމުން ދާތީ ނަރުސްކުއްޖާ ފަސް އެނބުރި ބަލާލީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް އެތާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލިފްޓު ދޮރު ލެއްޕުނުއިރު މަންޝާވެސް ހުރީ އެކަމާ ހައިރާންވެފައެވެ.
ލިފްޓުގެ ދޮރު ހުޅުވުމުން މަންޝާ ލިފްޓުން ފޭބުމުގެ ކުރިން އެއީ ގްރައުންޑް ފްލޯތޯ ޔަގީންކުރަން ސީލިންގަށާއި ފާރާ ދިމާއަށް ރަނގަޅަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. އޭރު ލިފްޓަށް އަރަން އައިސް ތިބި މީހުން މަންޝާ ނުނިކުމެ ލަސްވާތީ ކުދި ކިޔަން ފަށައިފިއެވެ. ލިފްޓުން ފައިބައިގެން މަންޝާ ހޮސްޕިޓަލުން ބޭރަށް ނިކުތީ ހަމަޖެހިލާށެވެ. ގޭޓާ ހަމައަށް ދިޔުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ހޮސްޕިޓަލް ތެރޭ ހިނގި ކަންތައް މަތިން ހިތަށް އެރުމުން އެކަނި ހިނގާފައި ގެއަށް ދާން ޖެހިލުން ވިއެވެ. އެވަގުތު އެހިސާބަށް ބަލި މީހެއް ގޮވައިގެން އައި ޓެކްސީން މީހުން ފައިބާ ހުސްވުމުން މަންޝާ އެ ޓެކްސީއަށް އެރީ އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. ޓެކްސީއަށް އަރާ ދާންވީ މ.ރެޑްލައިޓަށް ކަމަށް ބުނުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ.
"މަންޖޭ... ހާދަ ހާސްވެފަ ހެން ހީވޭ... އިސްތަށިގަނޑު ވެސް ހޭވިފަ... ކިހިނެއްވީ ހޮސްޕިޓަލަށް އައީ؟.. ބަލި މީހަކަށް ގޮވާލަންތަ؟..." ކާރުގެ ލޯގަޑުން މަންޝާއާ ދިމާލަށް ބަލާލަމުން ކާރު ދުއްވަން އިން ޑްރައިވަރު ވާހަކަ ދެއްކިއެވެ. ދެއަތް ބޮލުގައި ހާކާލުމަށްފަހު މަންޝާ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ޑްރައިވަރަށް ޖަވާބެއް ނުދީ އިނީ މިގަޑީ މަންޝާ އިތުރު ވާހަކަތަކެއް ދައްކަން ބޭނުން ނުވީމައެވެ.
*** *** *** *** *** ***
ޟިރާރު ގާތުގައި އިށީނދެގެން އިން ރިޔާޒްގެ ހިތަށް ލުޔެއް ލިބޭނީ އޭނާގެ ކޮއްކޮއަށް ވެގެން އުޅޭ ގޮތެއް އެނގުމުންނެވެ. އެތައް ފަހަރަކު ސުވާލު ކުރުމުން ވެސް ޖަވާބުގައި ޟިރާރު ބުނީ ވެގެން އުޅޭ ގޮތުގެ ތަފްސީލް ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށެވެ. ނަރުހުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އެތާ މަޑުކުރުމަށް އެމީހުން އެދިފައި ވަނީ ޑޮކްޓަރުންގެ ޓީމެއް އައިސް ރޫހީ ބަލާފަ ވެގެން އުޅޭ ގޮތް އަންގާނެ ކަމަށް ބުނަމުންނެވެ. ރިޔާޒް ރުޅިގަދަވަމުން ދިޔައީ ކަމުގެ އިތުރު ތަފްސީލެއް ނުލިބި ލަސްވަަމުން ދާތީއެވެ. ގޮނޑިން ތެދުވެ ދެއަތަށް ހިނގަހިނގާ ހުރުމަށްފަހު އެންމެފަހުން ނަރުހުންގެ ކައުންޓަރު ދޮށަށް ދިއުމަށް ރިޔާޒް ހިނގައިގަަތެވެ.
"ރިޔާޒު...." ރިޔާޒްއަށް ގޮވަމުން ޟިރާރު ގޮނޑިން ތެދުވީ އޭނާ ހުއްޓުވާށެވެ. ޟިރާރަށް އެހެން ބުނެވުނު އިރު އެމީހުން ތިބި ގޮނޑިބަރި އާ ދިމާލަށް ފުލުހުންގެ ދެމީހަކާއި އެކު ރޫހީގެ ޑޮކްޓަރު އައިސް ހުއްޓުނެވެ. ރިޔާޒް އެމީހުންނާ ކުރިމަތިލީ ވަރަށް ރުޅި އައިސް ހުރެއެވެ.
"މީދެން ކިހާ ދެރަ ވެއްޖެ ކަމެއް..، ވެގެން އުޅޭ ގޮތެއްވެސް އަންގާލީއަކީ ނޫން... ކަމެއް ވާއިރަށް އަހަރެމެން ގެނެސް ފާޑެއްގެ ވެއިޓިންގް އޭރިއާ އަކަށް ލާނެ.... ކިހިނެއް ވާނުވާ ނޭނގި މަޑުން ތިބޭނީ؟... ކޮބާ ރޫހީ؟... އޭނާއަށް ކިހިނެއްވީ؟..." ޑޮކްޓަރު ކުރިމައްޗަށް ހުއްޓުމަށްފަހު ރިޔާޒްގެ ބަރުއަޑުން ހަރުކަށިބަސްތައް ބޭރުކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ.
ފުލުހުންގެ މީހަކު ރިޔާޒްގެ ކޮނޑުގައި ހިފަހައްޓަމުން ކެތްތެރިވެ ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަށް އެދުނެވެ. އަދި ގޮނޑީގައި އިށީނުމަށް އެދުނެވެ. ރިޔާޒްގެ ފަހަތުން އައިސް އެހިސާބަށް ހުއްޓުނު ޟިރާރު ފެނުމުން އޭނާ އާއި އާމިނަ ގާތުގައި ވެސް ގޮނޑީގައި އިށީނުމަށް އެމީހުން އެދުނެވެ. ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ޟިރާރަށް އެނގުނު ކަމުގައި ވީ ނަމަވެސް ކަން ހިނގާ ދިޔަގޮތް ތަފްސީލުކޮށް އެނގެން އޭނާ ބޭނުމެވެ. އާމިނަގެ މޫނަށް ޟިރާރު ބަލާލީ ޑޮކްޓަރުން ދޭން އެއުޅޭ ޚަބަރުން އާމިނަގެ ހިތް ކުދިކުދި ވާނޭކަން އެނގޭތީއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ޑޮކްޓަރު ހެދުމުގައި ހުރި މެދު އުމުރުގެ ފިރިހެން މީހާ ވާހަކަ ދެއްކިއެވެ. "އައިމް ރިއަލީ ސޮރީ.... ރޫހީ ކޮޓަރީގެ ދޮރު ހުޅުވި އިރު އޭނާ ވަނީ އަމިއްލައަށް ދަން ޖެހިގެން މަރުވެފައި..."
ކައްޓެއް ޖެހިހެން ގުންފައި ޖަހާފަ ގޮނޑިން ތެދުވަމުން ރިޔާޒް ވާހަކަ ދެއްކީ އެވާހަކަ އޭނާއަށް ގަބޫލުކުރަން ދަތިވުމުންނެވެ. "ކީކޭ؟؟.... މަރުވީއޭ... މީގެ ވިއްސަކަށް މިނެޓުކުރިން އަހަރެމެން އެކޮޓަރިން ނުކުތް އިރުވެސް އޭނާ އޮތީ ނުލާހިކު ރަނގަޅަށް.... ދެން އެވަރުވީ ކީއްވެގެންތޯ؟..."
ރިޔާޒް ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބުދެމުން ޑޮކްޓަރު އައިސް ރިޔާޒްގެ ބުރަކަށީގައި ފިރުމާލިއެވެ. "ރޫހީގެ މަންމަ ނަރުސްކުދިން ގާތު ރޫހީ ޒާތްޒާތުގެ ވައްތަރުތައް ޖައްސަމުން ދިޔަ ވާހަކަ ބުނުމުން ނަރުހުންގެ ޓީމެއް ކޮޓަރިއަށް ދިޔައީ... ދެން ފެނުނީ އެނދުގައިވާ ބެޑްޝީޓް ގަނޑުން ފަންކާގައި އެލުވައިގެން... ދަންޖެހި މަރުވެފައި އިންދާ... އެކަމު މިވަރުގެ ކަމެއް ކުރެވޭނެކަމަށް އަޅުގަނޑަށް ގަބޫލްކުރަން ވަރަށް ދަތި... ސަބަބަކީ ނަރުސްކުދިންގެ ޗާޓްތަކުން ދައްކާ ގޮތުން މީގެ އެއްގަޑިއިރު ކުރިން ރޫހީއަށް ވަނީ ހައި ޑޯޒްގެ ނިދާ އިންޖެކްޝަނެއް ދީފައި...."
ޑޮކްޓަރުގެ ވާހަކަ މެދު ކެނޑުނީ ގޮނޑިން މަޑުމަޑުން ތެދުވަމުން ދިޔަ އާމިނަ ކަނޑާލި ރުކެއްހެން ބިންމައްޗަށް ވެއްޓުމުންނެވެ. ރިޔާޒް އަވަހަށް ތެދުވެ އޭނާގެ މަންމަ ނެގޭތޯ މަސައްކަތް ކުރިއެވެ. އާމިނަގެ ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން ޟިރާރު އިނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ޑޮކްޓަރުގެ އިރުޝާދަށް އެތަނަށް ނަރުސްކުދިން އައިސް އާމިނައަށް އަވަސް ފަރުވާ ދިނުމުގައި މަސްއޫލުވެގަތެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓިފައިވާ ހާލުގައި އިން ޟިރާރު ގޮނޑިން ތެދުވެ ކުރިއަށް ހިނގައިގަންނަން ވެސް ނޭނގިފައި އެ ހުރި ފިޔަވަޅު މަތީ ހުރީއެވެ.
*** *** *** *** *** ***
މ.ރެޑްލައިޓް ގޭ ދޮރުމައްޗަށް ޓެކްސީ މަޑުކުރުމުން ފައިސާ ދެއްކުމަށްފަހު މަންޝާ މިސްރާބު ޖެހީ ގޭތެރެއަށް ވަނުމަށެވެ. ވިއްސާރަ ހުއްޓާލިޔަސް މަގު މަތީގައި ކޮންމެވެސް ވަރަކަށް ޗަކަ ހެދިފައި ހުރުމުން މަންޝާ ހިނގާފައި ދިޔައީ ވަރަށް ބަލައިގެންނެވެ. ނޭނގި ހުއްޓާ މަންޝާގެ ކޮނޑުގައި މީހަކު ހިފުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން ފަހަތް ބަލާލީ މޭގައި އަތްއަޅައިގެން ހުރެއެވެ.
"މަންޝާ... ދަރިފުޅާ... ކިހިނެއްތަ ހާލު؟.... އަޅެ ހާދަ ފަލަވެއްޖޭ... އަނެއްކާ ބަނޑުބޮޑީތަ؟... ކޮން އިރަކުންތަ ކުއްޖަކު ހޯދަނީ.... ދެން ހޯދާހާ ދުވަސް ވެއްޖެ ދޯ..."
އެއް ފައްޗަކަށް އެތައް ސުވާލެއް އެމީހާ ކުރަމުން ދިޔައިރު މަންޝާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "ރަނގަޅު...." މަންޝާގެ ޖަވާބު ވަރަށް ކުރެވެ. އެ އަންހެން މީހާ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލުމަށްފަހު ދެން ދަނީއޭ ބުނެ ކުރިއަށް ހިނގައިގަތީ ތަނަކަށް ދާން ލަސްވާތީއޭ ވެސް ބުނަމުންނެވެ.
"ދެން ދަނީ... ތިހެން އުޅެމުން ދައްތަމެން ގެއަށް ވެސް އަންނައްޗޭ... މިދަނީ އަމާންއާ އީމާންއާ ޓިއުޝަނުން ބަލާ..."
އެ އަންހެން މީހާ މަންޝާއާ ސަލާމް ކުރުމަށްފަހު ދެފަރާތަށް ދެއަތް ހޫރަމުން ހަލުވި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތެވެ. އެ އަންހެންމީހާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ގޭ މައި ދޮރާށި ހުޅުވާލަމުން މަންޝާ ގޭތެރެއަށް ވަނެވެ. އެއް ފަރާތުގައި ހުރި ދަގަނޑު ސިޑިން މައްޗަށް އެރުމުގެ ކުރިން އަރާފައި ހުރި އުސް ފައިވާން ބޭލިއެވެ. އަތުން ފައިވާން ހިފައިގެން މަންޝާ ސިޑިން މައްޗަށް އެރީ ހުސްފައިގައި ކޮރެއް ޖަހަމުންނެވެ. ދަބަހުގެ ތެރެއިން ތަޅުދަނޑި ނެގި ވަގުތު ތަޅުދަނޑިއާ އެކީ ލެބޯޓްރީ ރިޕޯޓް ނަގަން ދާންޖެހޭ ގަނޑުކޮޅު ފެނުމުން މިއާދެވުނީ ރިޕޯޓް ނުނަގާ ކަން ހަނދާން ވިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ތުންގަނޑު ވިކާލިއެވެ. ކުޑަކޮށް ހަށިގަނޑު ގުދުވެލަމުން ތަޅަށް ތަޅުދަނޑި ލައްވާ އެޕާޓްމަންޓްގެ ހުޅުވާލިއެވެ.
އެތެރެއަށް ވަދެވުމުން ހޮޅިބުރި ދިއްލާލާ، ދޮރު ރަނގަޅަށް ތަޅުލުމަށް ފަހު ސޯފާގައި އިށީނދެ އޭނާ ހަމަޖެހިލިއެވެ. ވެފައި ހުރި ވަރުބަލިން ލޯ މަރާލީ ބަރުވެފައިވާ އެ ސިކުނޑިއަށް އަރާމެއް ލިބޭތޯއެވެ. ހަށިފުރާ ފުންނޭވާތަކެއް ދޫކުރަމުން ދިޔަ މަންޝާގެ ހަނދާނަށް ދެންމެ މަގުމަތިން ދިމާވި މުނީރައްތަ ދެއްކި ވާހަކަތައް އާ ވުމުން އޭނާ ވަރަށް ދެރަވިއެވެ. ދަރިއަކު ބޭނުންވެގެން އެހާ މަސައްކަތް ކުރަމުން ދާ ދުވަސްވަރެއްގައި ދަރިއަކު ހޯދަންވީ ނޫންހޭ ކިޔައި އެފަދަ ސުވާލުތައް ކުރުމުން މަންޝާއަށް ވަރަށް އުނދަގޫ ވިއެވެ. ނިއްކުރިމަތީގައި އަތުގެ އިނގިލިތަކުން ފިރުމާލެވުނީ މަންޝާގެ ބޮލުގައި އުފެދެމުން ދިޔަ ރިހުމަށް ލުޔެއް ލިބޭތޯއެވެ.
އެހެން އޮއްވާ މަންޝާގެ ލޯ ހުޅުވާލެވުނީ ކަންފަތް ދޮށުގައި މީހަކު ސިމިސިމި ލައްވާލިހެން ހީވުމުންނެވެ. އެއް ކަންފަތުގައި އަތް ހާކާލެވުނީ ހޮސްޕިޓަލުގައި ވީ ކަންތައް މަތިން ހަނދާން ވުމުންނެވެ. އެކަަންތައް ހިތަށް އެރުމުން މަންޝާގެ ގައިން ހީބިހި ނަގައިިގެން ދިޔައެވެ.
ޕިސް ޕިސް ލައްވަމުން ސޯފާއިން ތެދުވެ ސޯފާ ބިއްދޮށުގައިވާ ކުޑަ ބަދިގެއާ ދިމާލަށް ހިނގައިގަތީ އިންތިހާއަށް ބަނޑުހައި ވެފައި ހުރުމުންނެވެ. ރިހަ ތެލީގެ މަތި ނެގުމަށްފަހު އުނދުން ޖައްސާލީ ރިހަ ހޫނު ކޮށްލުމަށެވެ. އެކްޒޯސްޓް ޖައްސާލުމަށްފަހު ސިޓިންގްރޫމާ ވީ ފަރާތުގައި ހުރި ކުޑަދޮރު ހުޅުވާލީ ހަވާދު ވަސް މުޅި ގޭތެރޭގައި ހިފާފާނެތީއެވެ. ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއާ އެކީ ބޭރުން ފެންނަން ހުރި ކާނި ގަހުގެ ފަތްތަކުގައި ހަރުލާފައިވާ ފެންތިކިތައް މަންޝާގެ މޫނަށް ބުރައިގެން އައެވެ. ލިބުނު ފިނިކަމުން މަންޝާގެ ހަށިގަނޑަށް ފުން އަރާމެއް އިހްސާސް ވިއެވެ. ވަޔާ އެކީ ވިހުރެމުން ދިޔަ މަންޝާގެ އިސްތަށިގަނޑު އޮޅާލަމުން ބޮލުމެދަށް ހުޅިއެއް ޖަހާ ހަރުކޮށްލުމަށް ފަހު ކުޑަދޮރު ކައިރީގައި ބޭރުބަލަން ހިނދުކޮޅަކަށް ހުރެވުނީ ޖެހެމުންދިޔަ ފިނި ތާޒާ ވައިރޯޅިން ލިއްބައިދެމުން ދިޔަ އަރާމަކުންނެވެ.
ރިހައިގެ ވަސް ޖެހުމާ އެކީ ބަދިގެއާ ދިމާލަށް މަންޝާ އަވަސްވެގަތީ ރިހަ ތެލި ގަދައަށް ކެކެނީކަން އެނގުމުންނެވެ. އުނދުން ނިއްވާލުމަށްފަހު ތައްޓަކަށް ރިހަފޮދެއް އަޅައިގެން ރޮށި ތަށި ހިފައިގެން ވަށް މޭޒު ކައިރީހުރި ގޮނޑީގައި އިށީނދެ ކާން ތައްޔާރުވިއެވެ. ތައްޓަކަށް ރޮށި ފުނޑުކުރަން އިން އިރު މާޒީގެ ޖަންދާންތައް އައިސް އޭނާ ވަށާލައިފިއެވެ.
*** *** *** *** *** ***
ރަށުން ކިޔަވައިިގެން މަންޝާ މާލެ އައީ ކޮންމެވެސް ކަހަލަ ކޯހެއް ހެދުމުގެ ނިޔަތުގައެވެ. ކ.ކާށިދޫއަށް އުފަން މަންޝާ ބޭނުންވީ ކިޔަވައިގެން ރަނގަޅު ވަޒީފާއަކަށް ވަންނާށެވެ. އެކަނިމާ އެކަނި ދާ އޮހޮރުވައިގެން ގެންގުޅެ ބޮޑުކުރި މަންމައަށް އެހީތެރިވާށެވެ. ބައްޕައެއްގެ ލޯތްބާ ނުލާ މަދީހާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މަންޝާ ތަރުބިއްޔަތު ކުރީ ވަރަށް ބުރަ މަސައްކަތުންނެވެ. ރަށުން އެތައް ބައެއްގެ މަލާމާތް ލިބެމުން ދިޔަ ނަމަވެސް މަންޝާ އެކަމާ މާ ބޮޑު ފަރުވާލެއް ނުބަހައްޓާ މަސައްކަތް ކުރަމުން ދިޔައީ މަންމަގެ ނަސޭހަތާ އެކީ ކިޔެވުމުގައި ރަން ވަނައެއް ހާސިލް ކުރެވޭތޯއެވެ. އެތައް ދުވަސްތަކެއްގެ ބުރަ މަސައްކަތުގެ ނަތީީޖާއަކަށް ވެގެން ދިޔައީީ ކާށިދޫ ސްކޫލުގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައި މަންޝާ ހިމެނިގެން ދިޔުމެވެ.
ފުރާވަރުގެ ދުވަސްތައް ގުނަމުންދިޔަ މަންޝާގެ ހެދި ހުރި އަންހެންވަންތަ ހަށިގަނޑުގައި އަޅައިނުގަންނަ ހަމަ އެކަކުވެސް އޭރު ރަށުގައި ނެތެވެ. މަދީހާއާ އެކީ ރަށުތެރެ ކުނިކެހުމާއި އެހެނިހެން މަސައްކަތްތަކުގައި މަންޝާ ބައިވެރިވަމުން ދިޔައިރު ރަށުގެ ބޮޑެތި ފިރިހެނުންނާއި ފުރާވަރުގެ ކުދިންތަކުގެ ކަޅި މަންޝާއަށް އަމާޒުވަމުން ދިޔަ މަންޒަރު މަދީހާއަށް ފާހަގަވަމުން ދިޔައެވެ. މިކަންތައްތަކުގެ ސަބަބުން މަދީހާ ބޯހާސްވެ ހަދާނެ ގޮތް ހުސްވިއެވެ. ދެން މަންޝާއަށް ކުރިމަތިލާން ޖެހުނީ އޭނާގެ މަންމަގެ އެތައް ސުވާލުތަކަކާއެވެ.
ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެންތޯ އުޅެނީ މަންމަ ސުވާލުކުރުމުން ޖަވާބުގައި މަންޝާ އަދި އެކަހަލަ ކަމަކާ ނުވިސްނާ ކަމަށް ބުންޏެވެ. އެކަމުން މަދީހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ. ދަރުފުޅުު އަދި ކިޔަވައިގެން ކުރިޔަށް ދިޔުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވިސްނައިދީ މަންޝާ މާލެ ފޮނުވޭނެ ގޮތެއް މަދީހާ ހަމަޖެއްސިއެވެ.
މަދީހާއަށް ކުރެވުނު ފަދަ ބޮޑު ފާފައަކާ މަންޝާ ކުރިމަތިލާން ޖެހިދާނެތީ އޭނާ އަބަދުވެސް ބިރުގަތެވެ. އެހެންކަމުން ރަށުގައި މަސައްކަތެއް ނުކޮށް ހުހަށް ބެހެއްޓުމަށް ވުރެ ބުއްދިވެރިވީ މަތީ ތަޢުލީމް ހާސިލް ކުރުމަށް މާލެއަށް ފޮނުވުމެވެ. އެކަހަލަ ކަންކަމާ ގުޅޭ ގޮތުން މަންޝާ ގާތު ގިނަ ވާހަކަ ދައްކާ ސުވާލު ކުރުމަކީ މަދީހާ ކޮށް އުޅޭކަމެއް ނޫނެވެ. އެފަދަ ވާހަކަތައް ދަައްކަން މަދީހާ ޖެހިލުން ވަނީ މަންޝާގެ ބައްޕަ އާ ބެހޭ ގޮތުން ސުވާލު ކޮށްފާނެތީއެވެ.
މަދީހާއާ އެއްބަނޑު އެއްބަފާ ކޮއްކޮ މުނީރާއަކީ ތިންކުދިންގެ މަންމައެކެވެ. އޭނާ ދިރިއުޅެމުން އަންނަނީ އޭނާގެ ފިރިމީހާއާ އެކީ މާލޭގައި ދެ ކޮޓަރީގެ ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެހެންކަމުން މުނީރާ ގާތުގައި މަންޝާއަށް ހުރެވޭނެ ގޮތް ހަމަޖެއްސުމަށްފަހު މަދީހާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މާލެ ފޮނުވީ ވަރަށް ފޮނި އުއްމީދުތަކަކާ އެކީގަައެވެ.
މާލެއަށް ކިޔަވަން ބަދަލުވީ ފަހުން ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. ކޮލެޖަށް ކިޔަވަންގޮސް ދެން ލިބޭ ހުސް ވަގުތުތަކުގައި މަންޝާގެ ބޮޑު ދައިތައާ އެކީ ގޭގައި ހެދިކާ ހެދުމުގައި އަވަދިނެތި މަސައްކަތް ކުރެއެވެ. މަންޝާގެ ބޮޑުދައިތަ އަކީ މާލޭގެ އެކި ހޮޓާތަކަށް އޯޑަރަށް ހެދިކާ ހަދައިދޭ މީހަކަށް ވާތީ އެގޭތެރޭގައި މެދުކެނޑުމެއް ނެތި ކުރަމުންދާ މަސައްކަތަކީ އެއީއެވެ.
މުނީރާމެންގެ އާއިލާއަށް ކުލި ދައްކައިގެން މާލޭގައި އުޅެންޖެހުމުން ލިބޭ ފައިސާއިން ފުދިގެން އުޅެވެނީ ހަމަ ކިރިޔާއެވެ. ބޮޑުކަމެއް ޖެހިއްޖިއްޔާ ކަމެއް ކުރާކަށް ގިނަ ފަހަރު އަތުގައި ފައިސާއެއް ނުހުރެއެވެ. މި ސަބަބުތަަކަށްޓަކައި ގޭގަައި ކަމެއްނުކޮށް ހުންނަން ބޭނުން ނުވާތީ މިއީ މުނީރާ ކުރަން ފެށި މަސައްކަތެކެވެ. މުނީރާގެ ފިރިމީހާއަކީ މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކަން އުޅޭ މީހެކެވެ. ރަށުން ފޮނުވާ ކާށި ބަސްތާތަކާއި އެކިކަހަލަ މޭވާތައް މާރުކޭޓުގައި ވިއްކައިގެން ފުދޭވަރެއްގެ އާމްދަނީއެއް އޭނާއަށް ލިބެއެވެ.
*** *** *** *** *** ***
ކޮލެޖުން ނިމިގެން އައިސް ގެއަށް ވަދެ ފޮތްތައް މޭޒުމަތީ ބެހެއްޓުމަށްފަހު މަންޝާ ގޮދަޑީގައި ޖައްސާލީ ގޭގައި މުނީރާ ވެސް ނެތުމުންނެވެ. ގަޑިން އޭރު ހަވީރު ހަތަރެއް ޖެހީއެވެ. ހެދިކާ ކޮތަޅުތައް ހިފައިގެން މުނީރާ ހޮޓާތަކާ ދިމާލަށް ދިޔައީކަން ޔަގީންވުމުން ހެދުން ބަދަލުވެސް ކޮށްނުލާ މަންޝާ އޮށޯތީ ވެފައި ހުރި ވަރުބަލިންނެވެ.
ޓިނުގަަނޑެއް މަަތީ މަސްއަރިތައް ހިއްކަން ބަހައްޓާފައި ތިބޭ ބީދައިން ތަޅުންގަނޑުމަތީ ހަތަރު ގޮދަޑި ފައްޗަކަށް އަޅާފައި އޮތެވެ. ކޮންމެ ގޮދަޑިއެއްގެ މަތީގައި ދެބާލީސް އޮވެއެވެ. އެކޮޓަރިއަކީ ވަރަށް ކުޑަ ކޮޓަރިއެކެވެ. ހަތަރު ގޮދަޑިއާއި އާދައިގެ އަލަމާރިއެއް ބަަހައްޓާފައި ވާއިރު މުޅިކޮޓަރިވަނީ ފުރިފައެވެ. ބޮޑުދައިތަ، މުނީރާގެ ބާރަ އަހަރުގެ އަންހެން ދަރި އަފްނާން އޮތީ އެކޮޓަރީގެ ދޮރު ކައިރީގަައި އޮތް ގޮދަޑީގައި ނިދާފައެވެ. ދެން ތިބި ދެކުދިން މިވަގުތު ވާނީ ސްކޫލުގައި ކަމުން ގޭތެރެ ވަރަށްވެސް ހަމަހިމޭނެވެ. މަންޝާ އޮށޯތީ އެންމެ ބިށްދޮށުގައި އޮތް ގޮދަޑީގައެވެ. ގޮދަޑީގައި އޮށޯވެލިތަނުން ވަރަށް ފަސޭހައިން މަންޝާއަށް ނިދިއްޖެއެވެ.
ސިހިފައި މަންޝާއަށް ހޭލެވުނީ ގައިގައި މީހަކު އަތްހާކާހެން ހީވުމުންނެވެ. މީ މާލެއައި ފަހުން މިފަދަ އިހްސާސެއްވީ ފުރަތަމަ ރެއެއް ނޫނެވެ. ސިހިފައި ދެލޯ ބޮޑުކޮށްލި އިރު މަންޝާއަށް ތަނެއް ދޮރެއް ފެންނަ ވަރެއް ނޫނެވެ. ވަށައިގެން ވަނީ އަނދިރި ކަމެވެ. ބާލިސް ދަށަށް އަތް ލައްވާލަމުން ގޮދަޑިމަތީ އަތް ހާކާލީ މަންޝާގެ ފޯނު އަތުގައި ޖެހޭތޯއެވެ.
ފޯނު ނަގާ ދިއްލާލުމަށްފަހު ފޯނުގެ އައްޔަށް ތަންދޮރު ފެންނަ ވަރުވުމުން ތެދުވެގެން ގޮސް ކޮޓަރީގެ ބޮކި ދިއްލާލީ ޖެހިލުންވެ ހުރެއެވެ. އޭރު ވެސް އަފްނާން އޮތީ ގަދަޔަށް ނިދާފައެވެ. ނަމަވެސް އަފްނާނުގެ މަގަތުގައި އޮތް ގޮދަޑީގައި ހަސަންބެ ނިދާފައި އޮތްތަން ފެނުމުން ގަޑިއަށް ބަލާލީ ވަރަށް ލަސްވެއްޖެކަަން އެނގުުމުންނެވެ. އޭރު ރޭގަނޑު އަށެއް ޖެހީއެވެ. އަވަހަށް ކޮޓަރިން ބޭރަށް ނިކުތީ އަމާންއާއި އީމާންއާ ދެކުދިންނަށް ކިޔަވައި ދިނުމަށެވެ.
ސިޓިންގް ރޫމުގައި އޭރު ޓީވީ ބަލަން އިން މުނީރާ އިނީ ފޯއް ކޮށާށެވެ. މީވެސް މުނީރާ ކޮށް އުޅޭ މަސައްކަތެކެވެ. އޭރު އަމަންއާ އީމާން ސިޓިންގް ރޫމުގައި ކޮންމެވެސް ކުރެހުމެއް ކުރަހަން ތިއްބެވެ. މަންޝާ އެކުދިންގެ ހޯމްވޯކްތައް ނިންމުމަށް އެހީތެރިވެ ދިނުމަށްފަހު ގޭތެރެގައި ކުރަން ހުރި މަސައްކަތް ތަކުން އަވަދިވެގެން އައިސް މޭޒު ދޮށުގައި އިށީނީ ކޮލެޖުން ހަދަން ދީފައި ހުރި އެސައިންމަންޓްތައް ނިއްމާށެވެ. އޭރު މުނީރާ އެ ދެ ފިރިހެން ކުދިން ގޮވައިގެން ކޮޓަރިއަށް ނިދަން ވަދެއްޖެއެވެ.
ޤައުމީ ކުތުބްޚާނާއިން ގެނައި ފޮތްތަކާއި އެސައިންމަންޓް ހަދަން ގެންގުޅުނު އެގްޒަމިނޭޝަން ޕޭޑް ހުޅުވާލުމަށްފަހު އެފޮތްތައް ކިޔާ ދިރާސާ ކުރަން ފެށިއެވެ. އެ މަސައްކަތުގައި އވަދިނެތި އިން އިރު، ގަޑިން ވީ ކިހާ އިރެއް ކަންވެސް މަންޝާއަށް ރޭކާނުލިއެވެ. ކަރު ގުދުކޮށްގެން މޭޒު ދޮށުގައި އެހެން ގިނަ ވަގުތު އިންނަން ޖެހުމުން މަންޝާގެ ކަނދުރާއަށް ވާޅުވިއެވެ. ފޮތް ލައްޕާލުމަށްފަހު ރަނގަޅަށް ގޮނޑީގައި ލެނގިލައި ހަށިގަނޑު ދަމާލިއެވެ. ދެލޯ އުނގުޅާލާ، ފޮހެލުމަށްފަހު ދެލޯ މަރާލަމުން ހަށަން ބަނދެލައިގެން އެހެން އޮތީ ކުޑަކޮށް އަރާމުކޮށްލާށެވެ. އެހެން އޮއްވާ މީހަކު އޭނާގެ ކޮނޑުގައި ފިރުމާލުމުން ސިއްސައިގެން ގޮސް ގޮނޑިން ފުންމައިގެން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
(ނުނިމޭ)