ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި މާދަމާ ހުކުމް ކުރާ އިރު، އެމަނިކުފާނު މިނިވަން ވުމަކީ ވަރަށް އުންމީދު ކުރައްވާ ކަމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިރޭ ޕީޕީއެން/ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، މާދަމާ ރައީސް ޔާމީން މިނިވަން ވުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށާއި ދެން ފެންނާނީ ރާއްޖޭގައި ހުރިހާ ރައީސުން ވެސް މިނިވަން ކަމާއެކުގައި އުޅުއްވަމުން ގެންދަވާ ތަން ކަމަށެވެ.

ވެރިކަން ކުރުމަކީ މީގެ ކުރިން ވެރިކަން ކުރި މީހުން ހައްޔަރުކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ގައުމު ހިންގުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ އެ ބަދަލު ހިފުމުގެ ރޫހަށް ނިމުމެއް ގެންނަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ސަރުކާރުގެ ތެރެއިން ބަދަލު ހިފުމުގެ ރޫހު އެއްގޮތަކަށް ވެސް ނުފެންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރައީސް މުއިއްޒު ވަނީ ޝަރުއީ ދާއިރާއަށް "އަތް ނުބާނާނެ" ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން މުއިއްޒު ހުވާ ކުރެއްވި ދުވަހު ވިދާޅުވި ފަދައިން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާ ކަމަށާއި އެ ދާއިރާ އޮންނާނީ މިނިވަންކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން ހިންގާ މަޝްރޫއުތައް ހުއްޓުވަން އިދިކޮޅުން މައްސަލަ ހުށަހަޅާ ކަަމަށާއި އެގޮތުން ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ވެސް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާއަށް ނުފޯރުވި ނަމަވެސް ޖޭއެސްސީ އުފެދިފައިވާ ގޮތުން އެ ކޮމިޝަންގެ ކޮންޓްރޯލް މި އޮންނަނީ އެމްޑީޕީގެ އަތްމަތީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ޖޭއެސްސީގެ ރައީސަކީ އެމްޑީޕީގެ ބޭފުޅެއް. މަޖިލިސްގެ ރައީސް އިހަށް ދުވަހު މި މައްސަލަ ޖޭއެސްސިއަށް ލާނަމޭ ހަމަ ވިދާޅުވެފަ ދެ ތިން ދުވަސް ތެރޭގައި ޝެޑިއުލްވީމަ އެބަ އިނގޭ، އެ ބޭފުޅުން ކޮންޓްރޯލް އަދިވެސް ޖުޑިޝަރީ ތެރޭގައި އޮންނަ ވަރު. ވަރަށް ހިތާމަ ހުރި ކަމެއް"
ރައީސް ޑރ. މުހައްމަދު މުއިއްޒު

ޖޭއެސްސީގެ ރައީސަކީ ވެސް އެމްޑީޕީ ބޭފުޅެއް ކަމަށާއި މަޖިލީހުގެ ރައީސަކީ ވެސް އެމްޑީޕީ ބޭފުޅެއް ކަަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެމްޑީޕީގެ ފުރިހަމަ ބާރު ޖޭއެސްސީއަށް ފޯރުވަމުން އަންނަ ކަމަށާއި އެކަން ވަރަށް ފަހުން ވަނީ އެމްޑީޕީގެ ނިންމުމާއެކު ސާބިތުވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ގޮތުން މަޖިލީހުގެ ރައީސް ވަނީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެމައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހަޅާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ވާހަކަ ވިދާޅުވިތާ ދެތިން ދުވަސްތެރޭ މިހާރު ރައީސް ޔާމީންގެ މައްސަލަ އެވަނީ މާދަމާ އަށް ތާވަލް ކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއޮއްހާ ދުވަހު އެ މައްސަލަ ހިފެހެއްޓީ އެމްޑީޕީން ކަމަށާއި އަދި އެމްޑީޕީން ބޭނުންވީމާ މިހާރު އެ ކަން އެބަ ކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވެސް ވަނީ ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރި ކަމާއެކުގައި އަވަހަށް ނިންމައި ދިނުމަށް ޖޭއެސްސީއަށް ގޮވާލައްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެން ފުރަތަމަ ރޭ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވުމަށް އެ ސަރުކާރަށް މުއިއްޒު ގޮވާލެއްވިއެވެ. އެއާއެކު ޖެހިގެން އައި ދުވަހު ރައީސް ޔާމީން ވަނީ ގެކޮޅަށް ބަދަލު ކުރައްވާފައެވެ.