އާންމުކޮށް ހަނަފަސްކޮށް އޮންނަ މެދުއިރުމައްޗާއި އަދި ވިޔަފާރީގެ މައި ރަށް ދުބާއީ އަށް އަހަރު ދުވަހުން ވެހޭހާ ވާރޭ މަދު ގަޑިކޮޅެއްގެ ތެރޭގައި ވަހި ގައުމު ހުއްޓުމަކަށް އައިސްފިއެވެ.
ބައެއް ސަރަހައްދުތަކުގައި އެއް ބުރިއަށް ހުރި އިމާރާތްތަކުގެ ފުރާޅާ ހަމައަށް ފެންގަނޑު އަރައިގެން ދިޔަ އިރު މުޅި ދުބާއީ އެކީ އެކަށްހެން އޮތީ 254 މިލިމީޓަރު (10) އިންޗިހާ ބޯމިނަށް ވެހި ފެން ހެދިފައެވެ.
24 ގަޑި އިރުތެރޭގައި އެހާ ބޯކޮށް ވާރޭ ވެހިފައިވާ އިރު މިއީ ޔޫއޭއީ އުފަންވުމުގެ މާކުރިން 1949 އަށް ފަހު މިހާ ބޯކޮށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ. ޔޫއޭއީ އަކީ 1971 ގައި އުފަންވި ގައުމެކެވެ.
ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ދުބާއީ އެއާޕޯޓުވެސް ހީވަނީ ފެން ހެދި ޖެހެމުންދާ ވަޔާއެކު ފެންގަނޑުގައި ބާނިލަމުން ދިޔަ އިރު ކޯރެއްހެންނެވެ. އާންމުވި ބައެއް ވީޑިއޯތަކުގައި ފެންތަކުގެ ތެރޭގައި ރަންވޭ މަތީ މަތިންދާބޯޓެއް ދުއްވާފައި ދިޔަ އިރު ހީވީ ކޯރެއްގެ ތެރޭގައި ބޯޓެއް ދުއްވާހެންނެވެ.
އެއާޕޯޓުގެ ތަރުޖަމާނާ ހަވާލާޑި ހަބަރުތަކުން ބުނެފައި ވަނީ މޫސުމީ އެ ކާރިސާގެ ސަބަބުން ހުރިހާ ބޯޓެއް އެހެނިހެން ސަރަހައްދުތަކަށް ޑައިވާޓް ކުރަން ޖެހުމުގެ އިތުރުން ބޮޑެތި ޑިލޭތައް އައިސް ދަތުރުފަތުރަށް ބުރޫއަރާފައި ވާ ކަަމަށެވެ.
ޔޫއޭއީގެ ސިޓީތެރެއަށް ބަލާއިރު ފެން ބޮޑުވެ ގިނަ އަދަދެއްގެ ވަހިކަލް މުޑިއަރާ، އޮޔާގޮސް ތަފާތު އެކިއެކި ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. ބިންގަނޑު އޮންނަ ގޮތުން އުސް ބައެއް ސަރަހައްދުތަކުން ތިރި ސަރަހައްދުތަކަށް ފެންގަނޑާއެކު ކިސަޑު ފޭބުމާއި ފެންގަނޑާއެކު ވެހިކަލްތައް ކަހާލައިގެން ގޮސް މުޑިއަރާފައި ވެއެވެ. އަދި ތިރި ސަރަހައްދުތަކުގައި ހުރި އެއްބުރީގެ ބައެއް އިމާރާތްތަކުގެ ފުރާޅާ ހަމައަށް ފެެންގަނޑު އަރާ ވަނީ ފޮރުވިފައެވެ.
ގަލްފުގެ ގައުމުތަކަށް އައި މި ތޫފާނު އަރައިގެން އައި މަންޒަރުގެ ވީޑިއޯ ފްޓޭޖްތަކުން ފެންނަ ގޮތުގައި ދުބާއީ މައްޗަށް އަރައިގެން އައި ކަޅުބޯވިލާގަނޑު ދުބާއީގެ އުދަރެސް ބައްދާލި ވަގުތު ވަނީ ފެހިކުލައަށް ބަދަލުވެފައެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕްތައް ވެސް އާންމު ވެފައި ވާ އިރު އީރާނާ ކައިރިން ހޮރުމޫޒުގައި ފެންބޮޑުވެ ފަރުބަދަތަކުގެ ތެރެއިން ގޮސް ހޮރުމޫޒު ކަނޑުއޮޅިއާ ހަމައަށް އޮތް ސަރަހައްދުގައި ދައުރުވަމުން ދިޔައީ ރަތް ކުރަލިގައި ލޭގެ ކޯރެއް ފަދައިންނެވެ.
މި ވިއްސާރަގައި އޮމާނުން 18 މީހަކު ވަނީ މަރުވެފައެވެ. ސައުދީ އާއި ބަހުރައިން އަދި ގަތަރު ފަދަ ގައުމުތަކަށް ވެސް މި ވިއްސާރައިގެ އަސަރުކޮށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ.
ފަލަސްތީނަށް ވީވަރު ނުވޭ އަދި ތިމުޖުރިމުންނަށް