ހުޅުމާލޭގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބިނާ ކުރަމުން އަންނަ 4،000 ފްލެޓްގެ މުހިންމު ވަސީލަތްތައް ގާއިމް ކުރުމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ އެފްޑީސީ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށި ފަހުން 22 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 216 ސްލެބް މިދިޔަ ސަރުކާރުން ޖަހާފައިވާ ކަމަށެވެ. އަދި ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ޖުމްލަ 192 ސްލެބް ޖަހާފައިވާ ކަމަށެވެ.

ހަމްދާން ވިދާޅުވީ ކޮންސްޓްރަކްޝަން ޝެޑިއުލް އޮޕްޓިމައިޒްކޮށް މިހާރު މަަސައްކަތުގެ ސްޕީޑް އަވަސް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން މަހަކު އެވްރެޖްކޮށް 10 ސްލެބު ޖަހަމުން އައިނަމަވެސް މިހާރު އެވްރެޖްކޮށް މަހަކު 48 ސްލެބަށް ޖަހަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުން މި މަޝްރޫއުގެ ސްކޯޕްގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި، ސެކިއުރިޓީ ސިސްޓަމްތަކާއި، ޓަވަރުތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކަށް އިންޓަނެޓާއި އެހެނިހެން މީޑިއާތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކްތަކަށް ގުޅާލުމުގެ އިތުރުން ކުނި ނައްތާލުމުގެ ނިޒާމް އަދި ލޭންޑްސްކޭޕިން ގެ މަސައްކަތްތައް ފަދަ މުހިންމު ހިދުމަތްތަކާއި ވަސީލަތްތައް ހިމަނާފައި ނުވާކަން ހަމްދާން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ކުރީގެ ސަރުކާރުން މަޝްރޫއުގެ ސްކޯޕްގައި ހިމަނާފައި ނުވާ މި މަސައްކަތްތައް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ. އަދި ހަމްދާން އިތުރަށް ވިދާޅުވީ މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން އެފްޑީސީއިން ކުރަމުންދާ ކަމަށެވެ.

ޖުމްލަ 4000 އެޕާޓުމަންޓް ހިމެނޭ 32 ޓަވަރުގެ މަސައްކަތް އެފްޑީސީއިން ކުރަމުން އަންނައިރު މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިންޑިއާގެ 2 ކުންފުންޏެއް ކަމަށް ވާ ޖޭއެމްސީ އާއި އެންބީސީސީ އިން ކުރެ ކޮންމެ ކުންފުންޏަކަށް މި މަޝްރޫއުގެ ދަށުން 2000 ޔުނިޓް ހަދަން ދީފައިވާ ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.

މި 2 މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.