އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފިއެވެ.

އީސީ ގެ މެންބަރު ކަމަށް ހަސަން އައްޔަން ކުރައްވަން ފޮނުވީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދައުރު ހަމަވާތީއެވެ.

މިއަދު އެ މަގާމަށް ހަސަން އައްޔަންކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނު ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ރައިސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަބީބްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ފޮނުވައިވާފައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކޮމިޝަނުގެ އެސްޖީގެ މަގާމު 2021 އިން ފެށިގެން ފުރުއްވަމުން ގެންދަވާ ހަސަން ޒަކަރިއްޔާއެވެ.

ހަސަން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައްޔިތުން މަޖިލީހަށް ރައީސް ފޮނުއްވި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ދިރާސާކުރުމަށްފަހުއެވެ.

ހަބީބްގެ ދައުރު ހަމަވެފައިވަނީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުގައެވެ.