ރަށްރަށުގެ ސްކޫލުތަކާއި އެހެނިހެން ތަންތަން ހިނގުމުގައި ރަށުން ބޭރު މީހުން ތިބޭތީ އަބަދުވެސް ބުނާތީ އަޑު އިވެނީ "ރަށު މީހާ ރަށަށް ކުރާ ލޯބި ރަށުން ބޭރު މީހަކު ނުކުރާނެ" އޭއެވެ. އެކަން ރަށުގެ ކުރިއެރުމުންވެސް އެނގެއެވެ. ރަށު މީހާ ރަށާ ދޭތެރޭގައި ވިސްނާ، ފިކުރުކޮށް ރަށަށް ރަށުމީހާ ހިތާ ހިތުން ދުރު މީހަކު ނުހިތާނެއެވެ. އެއީ އެއްވެސް މީހަކު އެކަމުގައި ދެބަސްވާނެ ކަމެއް ނޫނެވެ. ދާއިރާތަކަށް ވިސްނިޔަސް ކުރިއެރުން ލިބޭ ދާއިރާތަކާއި ނުލިބި ހުރި ދާއިރާތަކުގެ ސަބަބަށް ބަލާއިރުވެސް ފެންނަނީ މި މައްސަލައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަފްތާއަކަށް ކުޑަތަންވެފައި ވާއިރު މިއީ ވިސްނާލުން ވަރަށްވެސް މުހިއްމު ކަމަކެވެ. ދާއިރާއިން ބޭރު މީހަކަށް ދާއިރާ ތަމްސީލު ކުރަން ދީގެން އޭނާގެ ހިތުގައި ދާއިރާއާ ދޭތެރޭގައި ކުލުނެއް، ލޯތްބެއް އޮންނާނެ ހެއްޔެވެ؟ ނޯންނާނެ ކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. ދާއިރާތަކުގެ އުމްރާނީ ތަރައްގީއާއި އެހެނިހެން ކަންކަމަށް ނަޒަރު ހިނގާލާއިރު ދާއިރާއިން ބޭރު މީހަކު މަޖިލީހަށް ހޮވައިގެން ލިބުނު ކުރިއެރުމެއް ފެންނަން ނެތް ދާއިރާތައް ގިނައެވެ.
އެގޮތުން ކިނބިދޫ، ވަންދޫ، ކަނޑޫދޫ، އޮމަދޫ އަދި ހިރިލަންދޫގެ މައްޗަށް އެކުލެވިފައިވާ ކިނބިދޫ ދާއިރާއަށް ނަޒަރުހިންގާލާއިރު އެކަން އޮތީ އެހެންނެވެ. މިހާތަނަށް އެ ދާއިރާ ތަމްސީލް ކުރަން ދާއިރާގެ މީހަކު މަޖިލީހަށް އިންތިހާބުވެފައި ނުވާއިރު އެ ދާއިރާ އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓް ކިނބިދޫ، އަލީ އަޝްރަގު ނިކުމެ ހުންނެވީ އެކަންކަން ބަދަލުކޮށް އެ ދާއިރާއަށް އުޖާލާ މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށެވެ.
ކިނބިދޫ ސްކޫލުން ސާނަވީ ތައުލީމް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން އަޝްރަގު ވަނީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން މަތީ ސާނަވީ ހާސިލް ކުރައްވާފައެވެ. އެއަށްފަހު ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތް ކުރެއްވުމަށްފަހު މެލޭޝިޔާއަށް ވަޑައިގެން އަޝްރަގު ވަނީ އޭވިއޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައެވެ. އެނބުރި ރާއްޖެ ވަޑައިގެން ރީޖަނަލް އެއާޕޯޓްސް ކޮންޕެނީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ކޮންޕްލައަންސް މޮނީޓަރިން ޑިޕާޓްމަންޓުގައި އަޝްރަގު ވަނީ މަސައްކަތް ކުރައްވާފައެވެ.
18 އަހަރުގައި ސިޔާސީ ދާއިރާއަށް ވަދެ އަޝްރަގު ދެއްކީ ނަމޫނާ!
އުމުރުން 18 އަހަރުގައި އަޝްރަގުގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީޕީއެމްއިންނެވެ. އޭރުވެސް ސިޔާސީ އެކި އެކި ހަރަކާތްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި އަޝްރަގު ވަނީ އެ ޕާޓީގެ ކިނބިދޫގެ ސްޓިއަރިން ކޮމިޓީގެ ރައީސްގެ މަގާމުވެސް އަދާކުރައްވާފައެވެ. ފިކުރަށް ބަދަލެއް ނައިސް އަޝްރަގު ކުރައްވަމުންގެންދަވާ މަސައްކަތް ވަރަށް ވެސް ކާމިޔާބެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް އަޝްރަގުއާއި ޓީމުން ކުރެއްވި މަސައްކަތުން އެ ރަށުން ފުރަތަމަ ފަހަރަށް ޕީޕީއެމް ޕީއެންސީއަށް މެޖޯރިޓީ ވަނީ ލިބިފައެވެ.
އަޝްރަގަކީ ގަދަ ހިތްވަރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ލޭ ހިނގާ ކިނބިދޫ ދާއިރާގެ ދަރިއެކެވެ. ސިޔާސީ މަސްރަހަށް އެކި ދުވަސްވަރު އައިސް ގޮސްފައިވާ އޮއިވަރުތަކުގައި ޖެހުމެއް ނެތި އަޒުމުގައި ހުންނެވި ފިކުރަށް ވަފާތެރި ތެދުވެރިއެކެވެ.
އެކަން އެހެން އޮތުމުން އަޝްރަގު އަތަކަށް ގުޑިނުލާ، އެ ފިކުރުގައި އެ ޕާޓީގައި ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ހުންނަވާނެކަން އެ ދާއިރާގެ ރައްޔިތުންނަށްވެސް ޔަގީނެވެ. އެ ޔަގީންކަން އަޝްރަގުވެސް ދެއްވައެވެ. އަޝްރަގު ވިދާޅުވީ އޭނާ އެހުންނެވި ގޮތަށް ބަދަލެއް ނައިސް ހުންނަވައިގެން ނޫނީ ރައްޔިތުންގެ އުންމީދުތައް ހާސިލު ނުކުރެވޭނެ ކަން ވެސް ގަބޫލުކުރައްވާ ކަމަށެވެ.
ކިނބިދޫ ދާއިރާގެ ކޮންމެ ރައްޔިތަކުވެސް އެ ގޮނޑިއަށް ދާއިރާގެ މީހަކު ގެންނަން ބޭނުން
ކިނބިދޫ ދާއިރާގެ ގޮނޑިއަށް ދާއިރާގެ މީހަކު ހޮވުމަކީ އެ ދާއިރާގެ ފަސް ރަށުގެ ކޮންމެ މީހެއްގެ ހުވަފެނަކަށް ވަނީ ވެފައެވެ. އެ ވާހަކައަކީ ގިނަ ބަޔަކު ދައްކަމުންދާ ވާހަކަތަކަކަށް ވެފައިވާއިރު އަޝްރަގު މި އިންތިހާބުގައި ނިކުމެވަޑައިގެންނެވީ ގިނަ ބައެއްގެ ލަފައާއި މަޝްވަރާއާއި ގިނަ ބައެއްގެ އެދުމުގެ މަތިނެވެ. ޕީއެންސީގެ ޕްރައިމަރީގައި ފަސް މީހަކާ ވާދަކުރައްވާ އަޝްރަގު އިންތިހާބު ކާމިޔާބު ކުރެއްވިއިރު ކުރިއަށް އޮތް އިންތިހާބަށްވެސް އޭނާގެ އުންމީދު ބޮޑެވެ.
އަޝްރަގުއާ ބައްދަލުވި ދާއިރާގެ ކޮންމެ ރައްޔިތަކުވެސް ބުނަމުންދަނީ އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރަން ދާއިރާގެ ރައްޔިތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ދާއިރާގެ ފަސް ރަށާއި މާލެ ސަރަހައްދުގައި އަޝްރަގުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާއިރު އޭނާ އަށް ކާމިޔާބީއާ ހިސާބަށް ވާސިލުވެވޭނެ ކަމުގެ އުންމީދު ވަނީ ލިބިފައެވެ.
އެ ދާއިރާގެ ތަމްސީލުކުރަން ދާއިރާއިން ބޭރު މީހަކު ހޮވައިގެން ދާއިރާއަށް ސިޔާސީ ބާރުވެރިކަން ނެތި، ގިނަ ދަތިތަކެއްވެސް ރައްޔިތުންނަށް ވަނީ ކުރިމަތިވެފައެވެ. އެކަން ބަދަލުކުރަން 2014 އަދި 2019 ވަނަ އަހަރުގެ އިންތިހާބުގައިވެސް މަސައްކަތް ކުރި ނަމަވެސް އެ އިންތިހާބުތަކުގައި ވެސް ވަނީ ނާކާމިޔާބުވެފައެވެ.
މި އިންތިހާބު އަޝްރަގަށް ކާމިޔާބު ކުރެއްވިއްޖެ ނަމަ މިއީ މުޅި ކިނބިދޫ ދާއިރާގެ ތާރީހުގައިވެސް ފަވާލެވޭނެ ތާރީހީ ކުރިއެރުމެކެވެ. އެކަމުގެ ޝަރަފާއި ހިތްހަމަޖެހުންވެސް ލިބޭނީ އަޝްރަގަށް އެކަންޏަށް ނޫނެވެ. އެއީ މުޅި ދާއިރާގެ މުސްތަގު ބަލަށްވެސް އެޅޭނެ މުހިއްމު ބިންގަލެކެވެ.
ތަރައްގީގެ ސަފުގައި ދާއިރާ ވަރަށް ފަހަތުގައި، އަޝްރަގު ތަފާތު ދައްކާނެ
ދާއިރާގެ ގިނަ ރައްޔިތުންނާއި އަޝްރަގާ ބައްދަލު ވެފައި ވާއިރު ގިނަ ބައެއްގެ ފަރާތުން އަންނަ ޝަކުވާ ވެސް ގުޅިލާމެހެނީ ކުރިންވެސް ފާހަގަކުރިހެން ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތަކަށް ފުރުސަތު ނުދިނުމުން ވެފައިވާ ގެއްލުންތަކަށެވެ.
ދާއިރާއަށް އަޅާނުލާ، އިހުމާލުވެފައި ވާއިރު އަސާސީ ގިނަ ހިދުމަތްތައް ގާއިމުވެފައެއް ނުވެއެވެ. ދަތުރުފަތުރުގެ ނިޒާމަށް ދަތިތަކެއް ހުރިއިރު ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅު ކަމަށް ދެކޭ، ފަތުރުވެރިކަންވެސް އެ ދާއިރާގައި ނެތެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ނަފާތަކެއް ލިބޭ ދާއިރާއެއް ނަމަވެސް ރާއްޖޭގެ ތަރައްގީގެ ސަފުން ދާއިރާ ބާކީވެ، ނިކަމެތިވެފައި ވުމަކީވެސް އެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
ދާއިރާއަށް ކުރިއެރުން ނުލިބި ގިނަ ބަޔަކު ރަށުން ބޭރަށް ހިޖުރަކުރަމުން ދާއިރު އެ ރަށްތަކުގައި އަސާސީ ހިދުމަތްތައް އެދެވޭ ގޮތެއްގައި ގާއިމު ކުރެވިފައި ވާނަމަ އެ މައްސަލަތައް ކުރިމަތި ނުވާނެ ކަން އަޝްރަގު ވެސް ގަބޫލު ކުރައްވައެވެ.
އަޝްރަގު މަޖިލިސް އިންތިހާބަށް ވާދަކުރައްވަނީ އެ ހުރިހާ ކަންބޮޑުވުމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއިން ދާއިރާގެ ރައްޔިތުންނަށް މުސްތަގުބަލެއް ހޯދައިދިނުމަށް ތައްޔާރުވެ ހުންނަވައިގެންނެވެ. ދާއިރާގެ ޒުވާނުންނާއި ކަނބަލުން ބާރުވެރިކޮށް ދާއިރާއަށް ފަތުރުވެރިކަން ތައާރަފްކޮށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ކަމުގެ އުންމީދު އަޝްރަގުގެ އެބަ އޮތެވެ. މަސްވެރިންނަށް މަސްކިރޭގެ ގޮތްތަކާއި ކޯލްޑް ސްޓޯރޭޖެއް ދާއިރާގައި ގާއިމުކޮށް މަސްވެރިންގެ ދުވަސްވީ ކަންބޮޑުވުމަށް ހައްލު ހޯދައިދެއްވުމަށް އަޝްރަގު މަސައްކަތް ކުރައްވާނެއެވެ.
އޭގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ކަނޑޫދޫ މިރުސް ރާއްޖޭގެ މާކެޓަށް ފަސޭހަ ކަމާއެކު ނެރެވޭނެ ނިޒާމެއް ހޯދައިދީ މިހާރަށް ވުރެ ރަނގަޅު ނަފާއެއް އެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭނެ ގޮތެއް ހޯދައިދޭން އަޝްރަގު މަސައްކަތް ކުރައްވާނެއެވެ. އަދި ފައިބަރު ފަދަ މަސައްކަތްތައް ކުރަމުންދާ މަސައްކަތްތެރިންނަށް އެ މަސައްކަތްތައް ފުޅާކުރެވޭނެ ގޮތް ސަރުކާރާ ގުޅިގެން ހަމަޖައްސާ, އަސާސީ ހިދުމަތްތައް މުޅި ދާއިރާއަށް ދިނުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދޭނެ މެންބަރަކަށް އަޝްރަގު ވާނެއެވެ.
ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށްވާ މަޖިލިސް މެންބަރުގެ މުސާރައަށްވެސް ގާނޫނުގެ ތެރެއިން އެކަށީގެންވާ ބަދަލުތަކެއް ގެނައުމަށް އަޝްރަގު މަސައްކަތް ކުރައްވާނެއެވެ. އޭގެ އިތުރުން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށްޓަކައި ގާނޫނުގެ ތެރެއިން ގެންނަން ޖެހޭ ކޮންމެ އިސްލާހަކާއި ވުޖޫދުކުރަން ޖެހޭ ކޮންމެ ގާނޫނަކަށް އަޝްރަގުގެ އެއްބާރުލުން އެންމެ ފުރިހަމައަށް ލިބޭނެއެވެ.
ފަސް ރަށުގެ ހާލަތު ދަންނަ ކެންޑިޑޭޓަކު މި ނޫނީ ނެތް، އަޝްރަގަކީ ހަމައެކަނި ޗޮއިސް
އަޝްރަގަކީ އޭނާގެ އެންމެ ކުޑަ ދުވަހުން ފެށިގެން ދާއިރާގެ ހާލަތު ރަނގަޅަށް ތަޖުރިބާ ކުރައްވަމުން ގެންދަވާ ދާއިރާގެ ދަރިއެކެވެ.ރަށުން ބޭރުގައި ކިޔެވުމާއި ވަޒީފާގައި ހުންނެވި ދުވަސްވަރުގައިވެސް ލިބިވަޑައިގަންނަވާ ޗުއްޓީތަކާއި ހަފްތާ ބަންދުތަކުގައިވެސް ރާއްޖެއިން ބޭރަށާއި އެހެން ރަށްތަކަށް ދަތުރުކުރުމުގެ ބަދަލުގައި ދާއިރާގެ ރަށްތަކަށް ދަތުރުކޮށް ހެއްދެވި ބޭފުޅެކެވެ.
އަޝްރަގަކީ އެ ފަސް ރަށުގެ ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ކެންޑިޑޭޓެވެ. އަޝްރަގު ވިދާޅުވީ ކެމްޕެއިންގެ ދުވަސްވަރު ގޭގެއަށް ވަދެލާ ކެންޑިޑޭޓުންނަށް އެ ދާއިރާގެ ރައްޔިތުން ބާކީ އޮންނަ ދުވަސްތަކުގައި އުޅޭ އުޅުން ނޭނގޭނެ ކަމަށެވެ. އެ ދާއިރާގެ ކޮންމެ ކަމަކީ އަޝްރަގުގެ އަމިއްލަ މަސްލަހަތާ ގުޅޭ ކަމަކަށް ވާއިރު އަމިއްލަ މަސްލަހަތު ނުހިމެނޭ ކަމެއްގައި ދާއިރާއިން ބޭރު މީހެއްގެ މާ ބޮޑުގެ ކަންބޮޑުވުމެއް ނޯންނާނެ ކަން އެ ދާއިރާއަށް ބަލާލުމުންވެސް އެނގޭނެއެވެ.
އެ ދާއިރާގައި ރިސޯޓެއް ނެތުމާއި މަސްވެރިކަން ދަށްވެ، އަސާސީ ހިދުމަތްތައް ނުލިބުން ފަދަ މިފަދަ ކޮންމެ ކަމަކީވެސް އަޝްރަގުގެ މަސްލަހަތު ހިމެނޭ ކަންކަމެވެ. އަޝްރަގަކީ ދާއިރާގެ ރައްޔިތުން ދަންނަ އެންމެނާ ގުޅޭ ބޭފުޅެކެވެ.
އަޝްރަގަކީ ތަރައްގީގައިވެސް ރައީސްއަށް އެއްބާރުލުން ދެއްވާނެ މިސަރުކާރުގެ މެންބަރަކަށް ވާނެއެވެ. ކުރިއަށް އޮތް ދުވަސްތައް ބޭކާރު ކޮށްލުމުގެ ބަދަލުގައި ސަރުކާރަށް ތާއީދު ކުރާ ސަރުކާރު ގުޅިގެން ކުރިއަށް ގެންދިއުމުގެ ވިސްނުން އިސްކުރައްވާނެ ކެންޑިޑޭޓަކީ އަޝްރަގެވެ.
އަޝްރަގުވާނީ ފެންނާނެ، ބައްދަލުވާނެ މެންބަރަކަށް
އަޝްރަގަށް އެ ފުރުސަތު ދީފިނަމަ ތަފާތު ދައްކާ ރައްޔިތުންނާ ގާތުން އޭނާ މަސައްކަތް ކުރައްވާނެއެވެ. އަޝްރަގު މަސައްކަތް ކުރައްވާނީ ދާއިރާގެ ހުރިހާ ރައްޔިތުންނަށް އެންމެ މަންފާ ވާނެ ގޮތުގެ މަތިން އެ ދާއިރާ ކޮޅަށް ޖަހާށެވެ. ތަރައްގީގެ ޗާޓަށް ކިނބިދޫ ދާއިރާ އެރުވުމަށް އަޝްރަގަކީ ޗޮއިސްއެވެ.
އަޝްރަގަށް ދޭ ވޯޓަކީ ބޭކާރު އެއްޗަކަށް ވެގެން ނުދާނެއެވެ. ހިޔާލު ތަފާތުވިޔަސް އަޝްރަގު އެދެނީ ދާއިރާގެ ދަރިއަކަށް މި ފުރުސަތުދީ ދާއިރާއަށް އަންނަ ކުރިއެރުން ބަލާލުމަށެވެ.
އަޝްރަގަކީ ގަދަ ކަނޑުގައި ކިނބިދޫގެ ރައްޔިތުން ގޮވައިގެން ދަތުރުކޮށްދޭނެ ވަރުގެ ކައްޕިއެކެވެ. ގަދަ ކަނޑުގައި އޮއިބާރު ދުވަސްވަރު، ދާއިރާގެ ރައްޔިތުންގެ ހައްގުގައި ދަތުރުކުރާނެ މެންބަރަކަށް އަޝްރަގު ވާނެއެވެ. ކިނބިދޫ ދާއިރާގެ ރައްޔިތުންގެ ކޮންމެ ހައްގެއް ހޯދުމަށް އަޝްރަގަކީ ފަހަތު ފަޔަށް ބުރަވާނެ މެންބަރަކަށް ނުވާނެއެވެ. ދާއިރާގެ ލޭ ހިނގާ އަޝްރަގަށް ދޭ ވޯޓު ބޭކާރު ނުކުރާނެއެވެ. ކިނބިދޫ ދާއިރާގެ މުސްތަގުބަލު އުޖާލާވެ، ފެހި ފާގަތި ދުވަސްތަކެއް ހޯދުމަށް އެދޭނަމަ އަޝްރަގު ނޫން އިތުރު ޗޮއިސްއެއް ހަމަނެތެވެ.