އިޒްރޭލުން އީނާރުގެ ކޮންސިއުލޭޓަށް ހަމަލާ ދިނުމުގެ މުގާބިލުގައި ރޭ އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލު ހިފަން އެމެރިކާއިން ކަމެއް ކޮށްފި ދެން އިޒްރޭލަށް ދޭ ހަމަލާ މާ ވަރުގަދަ ވާނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން މިހެން ބުނީ، ރޭގެ ހަމަލާތަކާ ގުޅިގެން ކުރިއަށް ދާނެ ގޮތެއްގެ މަޝްވަރާތައް ވައިޓްހައުސްގައި ކުރަމުން ދާތީއާއި މިއަދުގެ ވަގުތެއްގައި ޖީ7 ގެ ގައުމުތަކުގެ ވެރިންނާއެކު ބައިޑަން މަޝްވަރާ ކުރައްވަން ހަމަޖެހިފައި ވާތީއެވެ. އަދި ހަމަ މި ދަނޑިވަޅުގައި އިޒްރޭލުން ގެންދަނީ ހަމަލާގެ ބަދަލު ހިފަން ގުޅިފައިވާ ބައިވެރިންނާ މަޝްވަރާކުރަމުންނެވެ.
އީރާނުން ބުނީ، މިއީ އީރާނާއި ނުލަފާ އިޒްރޭލާ ދެމެދު އޮތް ނުތަނަވަސްކަމެއް ކަމަށާއި މިކަމުގެ ތެރެއަށް އެމެރިކާ ވަދެގެން ނުވާނެ ކަމަށެވެ.
އީރާނުން ބުނީ ރޭ އިޒްރޭލަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާ އަކީ އދ ގެ ޗާޓަރުގެ އާޓިކަލް 51 ގެ ދަށުން އަމިއްލަ ދިފާއުފައި ދެވޭނެ ހަމަލާއެއް ކަމަށެވެ.
އީރާނުން އިޒްރޭލަށް ހަމަލާ އަމާޒު ކުރީ މީގެ ދުވަސްކޮޅެއްގެ ކުރިން އިޒްރޭލުން އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ބަދަލު ހިފުމަށެވެ.
"މިހާ ހިސާބުން އެކަން [ބަދަލު ހިފުން] އެ ނިމުނީ، ނަމަވެސް އިޒްރޭލުން އިތުރު ހަމަލާއެއް ދީފިއްޔާ އަހަރެމެންގެ ހަމަލާ ދެން މާ ވަރުގަދަވާނެ"
އީރާނުން މިހެން ބުނެފައި ވާ އިރު އިޒްރޭލުން ވަނީ އީރާނަށް ގަދަ އިންޒާރު ދީފައެވެ. ރޭ އީރާނުން މިސައިލާއި ޑްރޯން ހަމަލާ ދެމުން ދިޔަ އިރު އެތަކެތި އިޒްރޭލަށް ވެއްޓުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލަމުން ގެންދިޔައީ އިޒްރޭލާއި، އެމެރިކާ އާއި އިނގިރޭސިވިލާތާއި އުރުދުންގެ އަސްކަރީ ބާރުތައް ގުޅިގެންނެވެ.
ރޭގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ އޮފިޝަލުން ބުނީ، އީރާނުގެ ހަމަލާތަކުން އިޒްރޭލު ދިފާއު ކުރުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް ދިފާއު ކުރުމަކީ އެމީހުންގެ ޒިންމާއެއް ކަމަށެވެ. އެގޮތުން އީރާނުން ފޮނުވަމުން ދިޔަ ޑްރޯންތަކުގެ ތެރެއިން 70 އެތައް ޑްރޯނަކާއި 3 ބެލެސްޓިކް މިސައިލް ގޮއްވާލި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައި ވެއެވެ.
އީރާނުން އިޒްރޭލަށް ހަމަލާ ދިން އިރު، ކައިރި ގައުމުތަކުން އިޒްރޭލަށް މަދަދު ދިނުމުގެ ގޮތުން ވައިގެ ސަރަހައްދު ހުޅުވާނުލަން އީރާނުން އިންޒާރު ކުރިއެވެ. އީރާނުން ބުނީ، އުރުދުން އަމަލުކުރާ ގޮތް ގާތުން ބަލާނެ ކަމަށާއި އިޒްރޭލާ ބައިވެރިވެއްޖެ ނަމަ ދެވަނަ ޓާގެޓަކީ އުރުދުން ކަަމަށް ވެސް ވެދާނެ ކަމަށެވެ. އެއާއެކު އުދުރުން އިން ކަންކުރާ ގޮތް ކައިރިން ބަލަމުން ގެންގޮސްފައި ވެއެވެ. އުރުދުން އަކީ އިޒްރޭލާއި ހުޅަނގުގެ ބައިވެރިއެކެވެ. ނަމަވެސް ރޭ އީރާނުން ހަމަލާ ދިން ވަގުތު އުރުދުންގެ ވައިގެ ސަރަހައްދުވެސް އޮތީ ބަންދު ކޮށްފައެވެ.
އެހެން ނަމަވެސް އުރުދުންގެ އުތުރާއި މެދުތެރެއިން އިޒްރޭލާ ދިމާއަށް ދިޔަ ގިނަ ޑްރޯންތަކެއް އުރުދުންގެ ޖެޓްތަކުން ވަނީ ވައްޓާލާފައެވެ. އޮފިޝަލުން ބުނީ، އުރުދުން އިން ވައްޓާލީ އުރުދުންގެ ވާދީއާ ދިމާއިން ގޮސް ޖަރޫސަލަމާ ދިމާއަށް މިސްރާބު ހުރި ޑްރޯންތަކާއި އީރާގާއި ސީރިއާ ގުޅޭ އިމާ ދިމާއިން ދަތުރުކުރި ޑްރޯންތައް ކަމަށެވެ.
ރޭގެ އޮޕަރޭޝަނާ ގުޅިގެން އީރާނުން ބުނީ، ހުރިހާ ހަމަލާއެއް އަމާޒަށް ވާސިލު ނުވި ނަމަވެސް އިޒްރޭލާ ދެކޮޅަށް ފުޅާދާއިރާއެއްގައި އޮޕަރޭޝަނެއް ހިންގުމުގެ ގާބިލުކަން ހުރި ކަމާއި އަމާޒަށް ގިނަ ހަމަލާތައް ވާސިލުވެފައި ވާ ކަމަށެވެ. އަދި ހިތްހަމަ ޖެހޭ ވަރުގެ ގެއްލުމެއް ދެވިފައި ވާ ކަމަށް ހަމަލާތައް އަމާޒުވި ތަންތަނާއި މައުލޫމާތުތަކުން އެނގޭ ކަމަށް އީރާނުގެ މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެފައި ވެއެވެ.
އީރާނުން ބުނީ، އިޒްރޭލުގެ ރާޑަރުތައްވެސް ރޭ ޖޭމް ކޮށްލި ކަމަށާއި ފޮނުވާލި ބެލެސްޓިކް މިސައިލްތައް އިޒްރޭލުގެ ދަނގަނޑު ދާ [އަޔަން ޑޯމް] ފޫއަޅުވާލައި އަމާޒަށް ވާސިލުވި ކަމަށެވެ.
ބައެއް ހަމަލާ އިޒްރޭލުގެ މަގާމުތަކަށް އަރާ މަންޒަރު ވީޑިއޯ ކްލިޕްތަކުން ފެންނަ އިރު ގިނަ އަދަދެއްގެ ހަމަލާ ވައިގެ ތެރޭގައި ގޮވާ ކުނޑިކުނޑި ވަމުން ދާ މަންޒަރުތައްވެސް ރޭ ފެނިފައި ވެއެވެ.