އިޒްރޭލުން އީރާނަށް ރޭ އޮއްސާލި މިސައިލާއި ޑްރޯންތަކުގެ 99 ޕަސެންޓް ވައިގެ ތެރޭގައި ގޮއްވާލުމަށް ފަހު، އެމެރިކާގެ ވަރުގަދަކަން ދައްކާލައިިފިއެވެ.

ރޭ އިޒްރޭލުން ގޮއްވާލި މިސައިލްތަކާއި ޑްރޯންތަކުގެ ތެރެއިން 70 އެތައް ޑްރޯން އަކާއި 3 ބެލެސްޓިކް މިސައިލް ގޮއްވާލީ އިޒްރޭލުގެ ފާރައަށް އޮތް އެމެރިކާގެ މަނަވަރުތަކުންނެވެ.

މިއާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ކުއްލިއަކަށް ދޭ ހަމަލާއެއްގައި ވެސް އަދި އެނޫންގޮތަކަށް ދޭ ހަމަލާއެއްގައި ވެސް އިޒްރޭލާ ނުކުޅެވޭނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވި ކަމަށާއި ރޭ އެ އޮތީ އެކަން ފެނިގެން ގޮސްފައި ކަމަށެވެ.

ރޭ އީރާނުން ދިން ހަމަލާގެ ބަދަލު ހިފާނެ ގޮތުގެ މަޝްވަރާތަކަށް މިއަދު ޖީ7 ގެ ގައުމުތަކުގެ ލީޑަރުންނާ ބައިޑަން ބައްދަލުކުރައްވާ އިރު، އޭނާގެ ވިސްނުން ހުރީ ޖީ7 ގުޅިގެން އީރާނަށް އަދަބު ދިނުމަށެވެ. އެ އަދަބަކީ ގުޅިފައިވާ ފައުޖަކުން އީރާގު ތަޅާލި ގޮތަށް އީރާން ތަޅާލުން ކަމެއް ނުވަތަ އިގުތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުންކަމެއް އަދި ސާފެއް ނުވެއެވެ.

ނަމަވެސް ރޭގެ ހަމަލާ އާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރަށް ގުޅުއްވައި، އީރާނާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާއެއްގައި ނުވަތަ ކުރާ ހަނގުރާމައެއްގައި އެމެރިކާ ބައިވެރި ނުވާނެ ކަމަށް ދެންނެވި ކަމަށް ވައިޓްހައުސް އިން ބުނެފައި ވެއެވެ.

އެއާއެކު ރޭ އެއީ އިޒްރޭލަށް ކާމިޔާބު ލިބިގެން ދިޔަ ރެއެއް ކަމަށާއި އަގެއް ހުރި އެއްވެސް ތަނަކަށް ]އެއްޗަކަށް[ އީރާނުގެ ހަމަލާ އަމާޒުވެފައި ނުވާ ކަމަށް ވެސް ބައިޑަން، ނަތަންޔާހޫ އަށް ދެންނެވިކަމަށް ވައިޓްހައުސް އިން ބުނެފައި ވެއެވެ.

އީރާނުން އިޒްރޭލަށް ރޭ ދެމުން ގެންދިޔަ ހަމަލާތައް ގާތްގަނޑަކަށް 5 ގަޑިއިރެއް ހާއިރަށް ދެމިގެން ދިޔަ އިރު، އެދެމެދުން ޔަމަނުންނާއި ލުބުނާނުން އަދި އީރާގުގެ މަގާމުތަކުން ވެސް އިޒްރޭލަށް ހަމަލާ ދީފައި ވެއެވެ. ގާތްގަނޑަކަށް 300 އެއްހާ ހަމަލާ އިޒްރޭލަށް އަމާޒު ކުރި އިރު 99 ޕަސެންޓް ހަމަލާ ވައިގެތެރޭގައި ގޮއްވާލައި ވަނީ ނައްތާލާފައެވެ.