އިރު އޮއްސެމުން ދިޔަ ދިމާލުން ދުއްވާފައިދާ ކުޑަ ދޯންޏެއް ފެނުމުން ޝިފާނަށް އެދިމާލަށް ބަލަން އިނދެވުނެވެ. އެ ދޯނީގައި ފެންނަން ތިބީ ދެތިން މީހުންނެވެ. އެ މަންޒަރު ފެނި ޝިފާންގެ ހަނދާނަށް އާވަމުން ދިޔައީ ޝައިބާނާ ދެމީހުންގެ ދެމެދުގައި ސިއްރު ކުރެވިފައިވާ އެ ހާދިޘާއެވެ. ސުނާމީއަށް ފަހު އެމީހުން ރަނާއަށް ކަންތައްކުރި ގޮތެވެ.
*** *** *** *** *** ***
ސުނާމީގެ ބާރު އޮއެގައި ޝިފާން މާކަނޑަށް ނެރެފައި ވީ އިރު ޝިފާންގެ ކަށިމަތިން ބޮޑު ސަރަހައްދެއްވަނީ ޓިނުގަނޑެއްގައި ޖެހި ކަފައިގެން ގޮއްސައެވެ. ފައިގެ ހަރަކާތް ހުއްޓިފައިވަނިކޮށް ރަށުގައި އުޅޭ ޅައަންހެން ކުއްޖެއްގެ އެހީގައި ޝިފާން ރަށާހަމައަށް ގެނެސް ދިނެވެ. އެ ވަގުތު އެއްގަމުގައި ތެޅިތެޅިހުރި ޝައިބާން ފެނުމުން ޝިފާން އެދިމާލަށް ދާން އަވަސްވެގަތެވެ. ގެއްލުނު ދެކުދިން ހޯދަން ފެށުމުން ޝައިބާން އެމީހުންނާ އެކު ދިޔުން ވެގެން ދިޔައީ ވަރަށް ބޮޑު ނަސީބަކަށެވެ. އެ ފަޅުގެއާއި ވީ ސަރަހައްދު އެހެން މީހަކު ބެލިޔަނުދީ އޭނާ ހިފެހެއްޓިއެވެ. މީހަކު އެތަނުން ފެންނަން ނެތްކަމަށް ބުނުމުން އެހެން މީހަކު އެތަން ބަލަން ހިތަށް ނޭރީވެސް އެއީ މާކުރީއްސުރެއް ފަޅުކޮށް ހުންނަ ގެއަކަށް ވާތީއެވެ.
ރަށުގެ ތަންތަނުން ބިންގަނޑު ކަނޑައިގެން ގޮސް ފަސްގަނޑު ގަނބަމުން ދާތީ ގެމެންދޫގައި މީހުން މަޑު ނުކޮށް ކުޑަހުވަދޫއަށް ބަދަލުކުރިއެވެ. ޝައިބާނަކީ ކުޑަހުވަދޫއަށް އުފަން މީހެއް ކަމުން ޝިފާންގެ އާއިލާ މަޑުކުރީ ޝައިބާންމެން ގޭގައެވެ. ޖެހިގެންއައި ދުވަހަށް އިރު އެރުމާއި އެކު ރިޒާގެ އެދުމަށް ރަށުގެ ތެރެއިން ޒުވާނުންގެ ޓީމެއް ރަނާ ހޯދުމަށް ގެމެންދޫއަށް ދާން ނިންމިއެވެ. ޝިފާންގެ ކަފައިގެން ގޮސްފައިވާ ފައި ވަނީ ފަހާފައެވެ. ތަދު ކަނޑުވަން ދީފައި ހުރި ބޭސްތަކުން ދެތިން ގުޅަަ ދިރުވާލައިގެން ޝައިބާނާ އެކީ ރިޒާގާތަށް ދިޔައެވެ.
ގެމެންދޫއަށް ދާ ޓީމާއެކު ޝިފާން ގެންދަން ރިޒާ އެއްބަހެއް ނުވިއެވެ. ސަބަބަކީ އެހާ ބޮޑު ޒަޚަމެއް ލިބިފައިވާ މީހަކު ގޮވައިގެން ދާން ބޭނުން ނުވާތީއެވެ. އެހިސާބުން ޝިފާން ރޯން ފެށިއެވެ. ރަނާ ހޯދަން މަސައްކަތް ކުރަން ބޭނުންވާ ވާހަކަ އެންމެންގެ ތެރޭގައި ޝިފާން ބުންޏެވެ. ލުޔޫނާ އެތާ ހުރިކަން އެއީ ޝިފާންގެ ނަސީބެވެ. ޝިފާނަކީ ރަނާގެ ލޯބިވެރިޔާކަން ރިޒާއަށް ހާމަކޮށްދިނީ ލުޔޫނާއެވެ. ޝިފާން ގެންދަން ވަގުތުން ރިޒާ އެއްބަސްވިއެވެ. ލޯބިވާ މީހަކު ގެއްލުމުން ހިތަށް ކުރާނެ ފުން އަސަރު ރިޒާއަށް އެނގޭތީއެވެ.
ގެމެންދޫއަށް ދިޔުމަށްފަހު ކޮންމެ ދެމީހަކަށް ހޯދަން ސަރަހައްދެއް ހަވާލުކުރިއެވެ. ޝިފާނާއި ޝައިބާން އަވަސް ވެގަތީ އެ ފަޅުގެއާ ވީ ދިމާލަށެވެ. ކުނިބުނި ތަކުގެ މަތިން ކޮރުޖަހަމުން ޝިފާންމެންނަށް އެހިސާބަށް ދެވުނީ ވަރަށް ހާލުންނެވެ. އެ ގެއާ ހަމަޔަށް ދެވުނުއިރު އެ ގޭގެ އެއްބައި ވަނީ ބިމާ ހަމައަށް ކުދިކުދިވެގެން ފައިބާފައެވެ. ގާތަކުގެ މަތިންލާފައި ޝައިބާން އެތެރެއަށް ވަނެވެ. ފެންޑާއަށް ހުރިބައި ވަނީ އެއްކޮށް ވެއްޓިފައެވެ. އެގޭގެ ފުރާޅެއްވެސް ނެތެވެ.
ރަނާ ގައިދުކޮށްގެން ގެންގުޅު ކޮޓަރިއާ ހަމަޔަށް ޝައިބާން ދިޔައެވެ. ފަރުނީޗަރުތައް ވަނީ އެބަޑިބަޑިން ޖަހާފައެވެ. މުޅި ކޮޓަރިތެރެ ބެލި އިރުވެސް ރަނާގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ދެއަތް ފޮޅާލަމުން ބޭރަށް ނުކުތީ ޝިފާން ގާތު ރަނާ އެތާކު ނެތޭ ބުނަމުންނެވެ. އެވަގުތު ޝިފާން ހަނދާންވިއެވެ. "ގައިމު ރަނާގެ އަތެއް ނުމޮހެން... ދެން އޭނަ ކިހިނެއް ސަލާމަތްވީ؟...." ޝިފާންގެ މި ޖުމްލަ ނިމުނުއިރު ޝިފާންހުރި ގާފުނި ދަށުން ގުޑުމެއް ވީހެން ހީވިއެވެ. ގާފުނިމަތިން ފައިބައި، ގުދުވެ އެ ސަރަހައްދު ބަލާލިއެވެ. ރަނާގެ އަތުގެ އިނގިލިތައް ބޭރަށް ފެންނަން ހުއްޓެވެ. އެއީ ރަނާކަން ކަށަވަރުވީ ރަނާގެ އަތުގައި އަޅާފައިވާ ރަން އަނގޮށްޓި ފެނުމުންނެވެ. އޭރުވެސް ރަނާގެ އަތުގެ އިނގިލިތައް މަޑުމަޑުން ހަރަކާތް ކުރަމުން ދާތަން ފެނުނެވެ.
ގާފުނިމަތިން ފައިބައި، ގުދުވެ އެ ސަރަހައްދު ބަލާލިއެވެ. ރަނާގެ އަތުގެ އިނގިލިތައް ބޭރަށް ފެންނަން ހުއްޓެވެ. އެއީ ރަނާކަން ކަށަވަރުވީ ރަނާގެ އަތުގައި އަޅާފައިވާ ރަން އަނގޮށްޓި ފެނުމުންނެވެ. އޭރުވެސް ރަނާގެ އަތުގެ އިނގިލިތައް މަޑުމަޑުން ހަރަކާތް ކުރަމުން ދާތަން ފެނުނެވެ.
ރަނާއަށް ހަދާނެގޮތަކާއި ދޭތެރޭ އެ ދެމީހުން ވިސްނަންފެށިއެވެ. ރަނާ ދިރިހުއްޓަސް އެތަނުން ނަގައިގެން ގެންގޮސްފި ނަމަ ރަނާއަށް ހެދިގޮތް ރަށު އެންމެނަށް އެނގި އެކަމުގެ އަދަބު އެދެމީހުންނަށް ލިބޭނެ ކަން ކަށަވަރެވެ. އެހެންކަމުން ރަނާގެ ހަށިގަނޑު ފޮރުވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމުނެވެ. ހަދާނެގޮތް ހުސްވެފައި އެ އަތްތިލައަށް ބަލަހައްޓައިގެން ޝިފާނަށް ހުރެވުނެވެ. ކުއްލިއަކަށް އެ ފަޅުގޭ ބިއްދޮށުން ބައެއްގެ ހިލަމެއް ވީ ހެން ހީވިއެވެ. ބިންމަތީގައި ހުރި ގާތަކުގެ ތެރެއިން ބޮޑު ގާބުރިއެއް ނެގުމަށްފަހު ރަނާގެ އަތްމަތީގައި އެ ގާބުރި ޝައިބާން ބޭއްވިއެވެ.
އެ ފަޅުގެއާ ދިމާލުން ރަށުތެރެއަށް ދެމީހުން އެކީ މިސްރާބު ޖެހިއެވެ. އޭރު ރިޒާއާއި އެކު އެހެން ދެ ފިރިހެނުން އެދިމާލަށް އަންނަ ތަން ފެނުނެވެ.
"ކޮބާ؟... މި ދިމާ ބަލާލީތަ؟..." އެއްގަމަށް އަރައިގެން އައި ޝިފާންމެން ފެނުމުން ރިޒާ އަހާލިއެވެ.
"އާން.... މި ހިސާބުގަނޑު އެއްކޮށް ބަލައިފިން.... ރަނާއާއި ޝާޔާގެ ނިޝާނެއްވެސް ނެތް...." ޝިފާން ވާހަކަ ދައްކަމުން ދިޔަ އިރު ނިތްކުރިމަތިން ދާތިކިތިކީގެ އަސަރު ފާޅުވެވޭ ހުއްޓެވެ. ނަމަވެސް ރިޒާއަކަށް އެމީހުންގެ މޫނުމަތިން ފާޅުވަމުންދިޔަ ހާސްކަމުގެ ކުލަވަރު ދޭހައެއް ނުވިއެވެ. ރަށްދައްކާ އަވީގައި، ގެއްލުނު ދެކުދިން ހޯދަން އެ ރަށުތެރޭގައި މަސައްކަތް ކުރުމުގައި އަވަދިނެތި އެންމެން އުޅުނެވެ. އިރުއޮއްސުމާއި ކައިރިވީ އިރުވެސް ރަނާއާއި ޝާޔާއެއް ނުފެނުނެވެ.
ބަލި ގަބޫލުކޮށް ރިޒާ ކުޑަހުވަދޫއަށް ފުރުމަށް އެންމެންނަށް ގޮވާލިއެވެ. އެވަގުތު ރަށުތެރެއަށް އަނދިރުވަމުން ދިޔައެވެ. ކުޑަހުވަދޫއަށް އެމީހުންނަށް ދެވުނު އިރު އިރުއޮއްސެމުން ދިޔަ ގުދުރަތީ މަންޒަރަށް ބަލަން ޝިފާނާއި ޝައިބާނަށް ތިބެވުނީ ދެން ހަދާނެ ގޮތަކާއި މެދު ފިކުރު ބޮޑު ވެފައެވެ. އެހެންބަޔަކަށް ރަނާގެ ހަށިގަނޑު ފެނިއްޖެ ނަމަ އެމީހުން މިއަދު އެ ހެދި ދޮގުވެސް ފަޅާއަރާފާނެތީ ބިރުގެންފައެވެ.
ރަށަށް އާދެވުނު އިރު ބަނދަރުމަތީގައި ލުޔޫނާއާއި އެކު ސީމާ އައިސް ހުއްޓެވެ. ހުސްއަތާ އެމީހުން އައިތަން ފެނި ސީމާ ގެއާ ދިމާލަށް ދުއްވައިގަތެވެ. ސީމާގެ ފަހަތުން ސަފިއްޔާވެސް ހިނގައިގަތެވެ. ލުޔޫނާއާއި ދިމާލަށް ޝިފާން ފިޔަވަޅު އަވަސްކޮށްލިއެވެ. ލުޔޫނާގެ ލޮލުގެތެރެއިން ކަރުނައިގެ މުތީތައް ފާޅުވޭވޭ ހުއްޓެވެ. ލުޔޫނާއާއި ކުރިމަތިލައިގެން ހުރި ޝިފާން އިސްޖަހާލަމުން ރަނާ ނުފެނެޔޭ ބުނެލީ ކުރަކިވެފައިވާ އަޑަކުންނެވެ. ލުޔޫނާގެ އިހްސާސްތައް ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް ކެތްތެރިކަން ކޮޅުންލިއެވެ. ޝިފާންގެ ހަށިގަނޑުގައި ބައްދާލި އިރު ލުޔޫނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ލުޔޫނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުރެ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ލުޔޫނާގެ ބުރަކަށީގައި ޝިފާން ފިރުމާލިއެވެ. ގިސްލަ ގިސްލާފައި ލުޔޫނާ ރޮމުން ދިޔައެވެ. ލުޔޫނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޝިފާންގެ ކޮނޑު ތެމެމުން ދިޔައެވެ.
*** *** *** *** *** ***
ސިއްސައިގެންގޮސް ޝިފާނަށް މަތި ބަލާލެވުނީ އޭނާގެ ބޮލަށް ތެތްކަމެއް އިހްސާސްވުމުންނެވެ. އިސްތަށިގަނޑުގައި އަތްހަކާލަމުން ވަސްބަލާލިއެވެ. އައި ރުޅީގައި ފުންމައިގެން ތެދުވެވުނެވެ. މަތިން އުދުހިފައި ދިޔަ ވާލެއް އެ ދިޔައީ ޝިފާންގެ ބޮލަށް ހީސްލާފައެވެ. ފަކުރުން އޯކާ ދެމެމުން ޝިފާން އިށީނދެގެން އިން ބެންޗުމަތިން ތެދުވެ ތޮށިގަނޑު ކައިރިޔަށް ޖެހިލިއެވެ.
ތޮށިގަނޑުމަތިން ދެފަރާތަށް ބަލާލި ވަގުތު ޝިފާންގެ ލޮލުގައި އަޅައިގަތީ ހުދުކުލައިގެ ހެދުމެއްގައި ހިނގާފައި ދާ އަންހެން ކުއްޖެކެވެ. އެއީ ހިމަ ތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ދިގު ހުދުކުލައި ހެދުމެއްގައި ހުރިއިރު އެ އަންހެންކުއްޖާ ވަރަށް ފުރިހަމައެވެ. އޭނާގެ ރާޅުބާނި ދިގު އިސްތަށިގަނޑު ދޫކޮށްލާފައި ވުުމުން ވަޔާ ވިހުރެމުން ދިޔައެވެ. އެނާގެ އިސްތަށިގަނޑު ކަނދުރާމަތިން އެއްފަރާތަކަށް ގެނެސް ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލިއެވެ. އެ އަންހެންކުއްޖާ ލައިގެންހުރި ހެދުމުގެ ފަހަތު ކަރު ބޮޑުކަމުން ބުރަކަށީގެ ބޮޑުބައެއް ފެންނަން ހުއްޓެވެ.
ޝިފާންނަށް މި ފެނުނު އަންހެންކުއްޖާގެ ފަރި ހިނގުމަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ އަންހެންކުއްޖާ ހިނގަމުން ދުރަށް ދާތަން ބަލަން ހުރެ މަޑުމަޑުން އެ ކުއްޖާގެ ފަސް ފަހަތުން ހިނގައިގަނެވުނެވެ. ނޭނގޭ ބާރަކުން އެ ކުއްޖާ އާ ދިމާލަށް ދިޔައެވެ. އެ ރީތިކަމުގެ ޖާދޫގައި ޝިފާން ޖެހޭކަށް މާ ގިނަ އިރުތަކެއް ނުވިއެވެ. ފަސްފަަަހަތުން ހިނގާފައި ދިޔަ ޝިފާނުގެ ނޭފަތުގައި އެ އަންހެން ކުއްޖާ ޖަހާފައިހުރި ސެންޓުގެ މީރުވަސް ޖެހުމުން ހަށިފުރާ ނޭވާ ދަމާލިއެވެ. އެއަންހެން ކުއްޖާ އެއީ ކޮންކުއްޖެއްތޯ ބަލާލަން ބޭނުންވެ ހުރެ ފިޔަވަޅު އަވަސްކޮށްލިއެވެ.
ފާލަން ކައިރިއަށް ދެވުމުން އެ އަންހެންކުއްޖާގެ ފިޔަވަޅު މަޑުކޮށްލިއެވެ. ޝިފާން މަޑު ހިނގުމެއްގައި އައިސް އެ އަންހެން ކުއްޖާ ގާތުގައި މަޑުކޮށްލަމުން ވާހަކަ ދައްކަން ފެއްޓިއެވެ. "މީ މިރަށަށް އައިސްގެން އުޅޭ ބީރައްޓެހި ކުއްޖެއްތަ؟.... އަދި މިރަށުން ދުށް ހަނދާން ނުވާތީ މި އަހާލީ..." ކަރުކެހިލަމުން އެ އަންހެންކުއްޖާ އާއި ގާތްވާން ޝިފާން މަސައްކަތްކުރިއެވެ.
އަނގައިން ބަހެއް ނުބުނެހުރެ އެ އަންހެން ކުއްޖާ ޝިފާނަށް މޫނު ފެންނާނެ ހެން ކުރިމަތި ލިއެވެ. ބިރެއް ފެނުނުހެން ޝިފާން ރޯ މަހެއްހެން ތެޅިގަނެ އެ އަންހެން ކުއްޖާއާއި ދުރަށް ޖެހެލިއެވެ. "ނުވާނެ ތިހެނެއް... ރަނާ.... ރަނާ ކިހިނެއް ސަލާމަތްވީ...." ޝިފާންގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ވިއެވެ.
ދެބުމަ ގޮށް ޖަހާލުމަށްފަހު ޒީކް އެ ތޮށިގަނޑު މަތިން ފައިބައިގެން ރަށުގެ ބޮޑުމަގުން އެއްގަމަށް ދިޔުމަށް ހިނގަތީ އަނގައިން ބަހެއްވެސް ބޭރުކޮށް ނުލައެވެ. މިވަގުތަކީ ޝިފާނާ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އެހެންވެ ޒީކް ބަހެއް ނުބުނެ ހަނުހުރީއެވެ. ޒީކަކީ ރަނާ ކަމަށް ހީކޮށް ޝިފާން ހުރީ ހައިރާންވެފައެވެ. ބިރުވެސް ގަނެފައެވެ. އޭނަޔާ ޝައިބާން ވެގެން ރަނާއަށް ހެދި ގޮތް ހިތަށް އެރުމުންނެވެ. އޭނާއަށް ލިބެމުން އަންނަ ގެއްލުންތަކުގެ ފަހަތުގައި މިވަނީ ރަނާގެ އަތެއްކަން އޭނާއަށް ނަގައިގަނެވުނެވެ. ބޮޑުމަގުންލާފައި ރަށުތެރެއަށް ހިނގާފައި ދިޔަ ޒީކާ ދިމާލަށް ބަލަން ޝިފާން ހުރުމަށްފަހު އޭނާ އަވަސްވެގަތީ އޭނާގެ ގެއާ ދިމާލަށް ދިޔުމަށެވެ. ލުޔޫނާ ކުރިންރޭ ދެއްކި ވާހަކަ ހިތަށް އެރުމުން އެތާ މަޑުކުރަން އޭނާ ފަސްޖެހުނެވެ.
ބޮޑުމަގުގެ މެދެއްހާ ހިސާބުގައިހުރި ތޫބާގެ ގެއާ ހަމަޔަށް ޒީކަށް ދެވިއްޖެއެވެ. ދޮރުމަތީގައި ނަލަހެދިލައިގެން ނުކުމެ ހުރި ތޫބަ ފެނުމުން ޒީކް އަތް ހަނާ އަޅާލިއެވެ. ތޫބާ ލައިގެން ހުރީ ކަކުލާ ހަމައަށް އަންނަ ކަޅުކުލައިގެ ކުރު ހެދުމެކެވެ. ތޫބާގެ ފަން އިސްތަށިގަނޑު ވަނީ ބޮލުގެ އެއްފަޅިއަށް ގެނެސް ގަތާލާފައެވެ. ޒީކާ ދިމާލަށް ތޫބާ މިސްރާބުޖެހީ ހިނިތުންވެ ހުރެއެވެ. ދެމީހުން އެކުއެކީގައި ހިނގައިގަތީ ވިޝާލްމެން އަންނަން ބުނި ރެސްޓޯރަންޓާ ދިމާލަށެވެ.
ޒީކާއި ތޫބާއާއި އެކުއެކީގައި ހިނގާފައި އެ ރެސްޓޯރަންޓް އިން މަގަށް އަޅާލިއިރު އެ ރެސްޓޯރަންޓް ބޭރު ފާރު ކައިރީ ލެގިލައިގެން ވިޝާލާއި އެކު މަޒީން ހުއްޓެވެ. އެ ދެމީހުންނަށް ޒީކްމެން އަންނަތަން ފެނުމުން އެ ދިމާލަށް ބަލަން ތިބެވުނީ އާޝޯހްވެފައެވެ. ތޫބާއާއި ޒީކް، ތައްޔާރުވެފައި ހުރިލެއް ފުރިހަމަކަމުން އެމީހުންނަށް މިރޭގެ މަގްސަދުވެސް ހަނދާން ނެތުނެވެ. ކަޅިޖަހާނުލާ ހިނިތުންވެހުރެ ޒީކްމެންނާ ދިމާލަށް ބަލަން ތިއްބެވެ.
ޒީކްގެ ފިޔަވަޅު ހުއްޓުމަކަށް އައީ އޭނާއަށް މަޒީނާއި ވިޝާލް ބަލަން ތިބި ގޮތް ފެނުމުންނެވެ. ޒީކްގެ ހަށިގަނޑުގައި ހިނގަމުން ދަނީ ރަނާގެ ބާރުކަމުން ޒީކްގެ ހަނދާނަށް ޝިފާނާއި ބައްދަލުކުރަން ދިޔަ ދުވަސް ސިފަވަމުން ދިޔައެވެ. ޒީކްގެ ފިޔަވަޅު ހުއްޓުމުން ޒީކްގެ އަތުގައި ހިފަމުން ތޫބާ ކުރިޔަށް ދިޔުމަށް އެދުނެވެ. ނަމަވެސް ޒީކްގެ ފިޔަވަޅަކަށް ގުޑުމެއް ނައެވެ. އެ ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ. ތޫބާ ޒީކްގެ އަތުގައި ހިފާ ތަޅުވާލިއެވެ.
ހާސްވެފައިވާ ޒީކްގެ މޫނުމަތިން ދާތިކިތިކީގެ އަސަރު ފާޅުވަމުން ދިޔައެވެ. ތޫބާއާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީކް ބުނެލިއެވެ. "ތޫ... ޕްލީސް މައެކަނި ބަހައްޓާފަ ނުދާތި... އިނގޭ..." ޒީކްގެ އެދުމަށް ތޫބާ ބޯޖަހާލިއެވެ. އެއަށްފަހު ޒީކް ކުރިޔަށް ހިނގައިގަތެވެ. އެ ރެސްޓޯރަންޓަށް ވަދެ ހަތަރު މީހުންނަށް ތައްޔާރުކޮށްފައިވާ މޭޒެއްގައި އެމީހުން އިށީނެވެ. ކާ އެއްޗިއްސަށް އޯޑަރ ނަގަން ވެއިޓަރ އައުމުން އޯޑަރ ދިނުމަށްފަހު މަޒީން ވާހަކަ ދައްކަން ފެއްޓިއެވެ. "ހެއި ކިހިނެއްތަ؟.."
ހިނިތުން ވެލަމުން މިރޭ މި ހާއްސަ ކެއުން ދޭ ސަބަބަކީ ކޮބައިތޯ ބަލަން ތޫބާ ސުވާލުކޮށްލިއެވެ. އެވަގުތު މަޒީންގެ މޫނަށް ޖަންބު ކުލަ އެރިއެވެ. މަޒީން އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ފޮރުވަން މަސައްކަތް ކުރިއެވެ. "ހެހެހެ... މީ ހަމަ ތިދެ ކުދިންނަށް ދޭ ހާއްސަ ކެއުމެއް... ކައިގެން ހިނގާލަން ދާނީދޯ...."
ރެސްޓޯރަންޓްގައި ތިބިއިރު ސަމާސާކޮށް ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ނަމަވެސް ޒީކްގެ މޫނުމަތިން ފާޅުވަމުން ދިޔައީ ގަޔާނުވާކަމުގެ ކުލަވަރެވެ. ކައި ނިމިގެން ތޫބާއާއި އެކު ޒީކް ރެސްޓޯރެންޓުން ބޭރަށް ނުކުތެވެ. ޒީކްގެ މޫޑް ޚަރާބުވެފައިވާތަން ފެނި ތޫބާ ސުވާލުކޮށްލިއެވެ. "ހެއި ކިހިނެއްވެފަ ތި ހުރީ؟... ކަމަކާ ހިތްހަމަ ނުޖެހިފަތަ؟..."
ނޫނެކޭ ބުނަމުން ޒީކް ދެއަތަށް ބޯހޫރާލިއެވެ. އަދި މިރޭ އެމީހުންނާ އެކީ ހިނގާލަން ނުދޭވޭނެ ވާހަކަ ބުނަމުން ޒީކް ގެއަށް ދާން ހިނގައިގަތެވެ. ޒީކް ހިފަހައްޓަން ތޫބާ މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ޒީކް ގެއަށްތޯ ދަނީ ބެލުމަށް ތޫބާ ސުވާލުކޮށްލިއެވެ. ޖަވާބުގައި ޒީކް ބޯޖަހާލަމުން ފަސްއެނބުރި ދިޔައީއެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު ރެސްޓޯރެންޓުން ބޭރަށް ނުކުތް މަޒީންގެ މޫނުމަތިން ކުރިން ފާޅުވަމުން ދިޔަ ހިނިތުންވުން މިލާ މޯޅިވީ ތޫބާ އެކަނި ބޭރުގައި ހުރިތަން ފެނުމުންނެވެ.
ޒީކް ބޮލުގައި ރިއްސާތީ ގެއަށް ދިިޔައީ ކަމަށް ތޫބާ ބުނުމުން މަޒީންވެސް ހިނގައިގަތީ އެކަނިމާ އެކަންޏެވެ. ވިޝާލާއި ތޫބާ އަތުގުޅާލައިގެން އަތިރިމައްޗާ ދިމާލަށް ހިނގައިގަތެވެ.
*** *** *** *** *** ***
ކަޔާނަށް ހޭލެވުނީ ހެނދުނު ނުވައެއް ޖެހިތަނުން ކަޔާންގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނަށް ބަލާލިއިރު ޑިސްޕްލޭގައި ފެންނަން އިނީ މިޝްކާގެ ފޮޓޯގަނޑެކެވެ. ކަޔާނަށް މިގަޑީގައި އެ ގުޅަނީ މިޝްކާއެވެ. ފޯނު ނަގާ މޯޅިއަކަށް ދެމިލަމުން ކަޔާން ހަލޯއޭ ބުނެލީ ކަންނެތް ގޮތަކަށެވެ.
"ހެއި ކަޔާނޫ.... އަދިވެސް ނިދަނީތަ؟... އަހަރެން މީނީ ވަރަށް ފޫހިވެފަ... އަލީނާ އަންނާނަމޭ ކިޔާފަ ވައުދު ވި މީހާ އަދިވެސް އޮތީ ނިދާފަ... މަ މީނީ އެކަނި ޕްލީޒް އާދެވޭނެތަ؟..." އާދޭހުގެ ރާގަކަށް މިޝްކާ ވާހަކަ ދައްކަމުން ދިޔައެވެ.
މިޝްކާގެ ވާހަކައިގައި އަލީނާގެ ނަން އުމުން ކަޔާން ތެދުވެ އެނދުގައި އިށީނދެލިއެވެ. "އާން... ހޫމްމްމް... ކީކޭ... ކޮންތާކަށް ދާންވީ؟.." ދެލޯ އުނގުޅަމުން ކާޔާން ވާހަކަ ދެއްކިއެވެ. މިޝްކާ ޖަވާބުގައި ކުރިން ދުވަހުވެސް ކަޔާން ސައިބޯން އައި ކެފޭ ކަމަށް ބުނުމުން ކަޔާން އަވަހަށް ތައްޔާރުވެގެން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އަވަސް އަރުވާލައިގެން ބޭރަށް ނުކުތް ކަޔާން ފެނުމުން މަރީޝާ ސުވާލު ކޮށްލިއެވެ. "ދަރިފުޅު މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟... މަންމަ ވަރަށް ގޮވިން... ވާހަކަ ފޮތް ކިޔަން ރޭގަ ހޭލާ ދޯ ހުރީ..."
މަރީޝާގެ ވާހަކަ ނިމުމުން ކަޔާންގެ ފިޔަވަޅު މަޑުކޮށްލިއެވެ. "އޮފީހުން މެސެޖްކޮށްފަ އިން ވޮލީ ޓީމްގެ ކުދިން މިއަދު އޮފީހަށް ނަޔަސް އޯކޭޔޯ.. އެހެންވެ ވާހަކަ ފޮތް ކިޔަން އޮތީ... އެހެން އޮއްވާ ނިދުނީ... އެކަމު އެ ވާހަކަފޮތް ކޮބާ؟..." އަތުގެ އިނގިލިތަކުން ބޯ ކަހާލަމުން ކަނޑުފެން ވާހަކަ ފޮތް މަތިން ހަނދާންވުމުނ ކަޔާންް އަހާލިއެވެ. އަނބުރާ ކޮޓަރިއާ ދިމާލަށް ކަޔާން ހިނގައިގަތީ ވާހަކަ ފޮތް ހޯދާށެވެ. ހޭލި އިރު ކަޔާން އެވާހަކަ ފޮތް އެނދުމަތިން ނެގި ހަނދާން ނުވާތީއެވެ.
"ކަޔާން... މަންމަ ކަޔާނަށް ހެނދުނު ގޮވަން ވަދެފަ އެ ވާހަކަފޮތް ފެނިގެން ކިޔާލަން ނެގީ... އަސްލުވެސް އެއީ ވަރަށް ރީތި ވާހަކައެއް.... ކޮންތާކަށް ތިދަނީ؟..." މަރީޝާ އަތުގައި ވާހަކަފޮތް އޮތް ވާހަކަ ބުނުމުން ކަޔާން ހިނިތުން ވެލަމުން ގެއިން ބޭރަށް ދާން ހިނގައިގަތެވެ. "މަންމާ... މިދަނީ މިޝްކާމެންނާއެކީ ބްރެކްފާސްޓަށް..." ކަޔާން އަވަހަށް ގެއިން ނުކުމެ ދޮރު ލެއްޕީ މަންމަގެ އިތުރު ސުވާލަކާ ކުރިމަތިލާން ބޭނުން ނުވާތީއެވެ.
ކަޔާނަށް ދެވުނުއިރު މިޝްކާ އެކަނިމާ އެކަނި މޭޒެއްގެ ދޮށުގައި އިށީނދެގެން ފޯނާ ކުޅެލަ ކުޅެލަ އިނެވެ. މިޝްކާ ގާތަށް ގޮސް ގޮނޑީގައި އިށީނުމަށްފަހު އަލީނާއަށް ގުޅިއްޖެތޯ އަހާލެވުނީ ކަޔާން އަލީނާއާއި ބައްދަލުކޮށްލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
"އާން.... ޕްރިންސަސްއަށް ގުޅިއްޖެ... ބުނި 20 މިނިޓްސް ތެރޭ އެބަ އަންނަމޯ...." މިޝްކާގެ އަތުގައިވާ ފޯނު މޭޒުމަތީ ބޭއްވުމަށްފަހު އެ ދެމީހުންގެ ހެނދުނުގެ ސަޔަށް އޯޑަރ ދިނެވެ. "މިއަދު ސައި ދޭނީ އަހަރެން... އަ ޓްރީޓް ފްރޮމް މީ... ކަޔާން މެޗުން މޮޅުވީމަ ކާން ދޭން ޖެހޭނެއްނު.... ކާން ދޭނީ ކޮންރެއަކުން.... މިރޭތަ؟..." މިޝްކާ ދެލޯ ބޮޑުކޮށްލަމުން ސުވާލުކޮށްލީ ވަރަށް އުފަލުން އިނދެއެވެ.
"ނޮޓް ޓުނައިޓް... ވެނިސްޑޭ ކިހިނެއް ވާނީ؟...." ކަޔާން ކާން ދޭ ދުވަސް ބުނުމުން މޭޒުމަތީގައި އޮތް މިޝްކާގެ ފޯނު ނަގާ ކަލަންޑަރ ހުޅުވާލިއެވެ. "މިއަދު ސަންޑޭދޯ.... އަދި ތިން ދުވަސް... ހެއި އިޓްސް މިއަހަރުގެ ފަހު ދުވަސް ދޯ.... ސަޅި... އޯކޭ ޑަން..." މިޝްކާ އެ ދުވަސް ކަލަންޑަރުގައި ފާހަގަ ކޮށްލުމަށްފަހު މޭޒުމަތީ ވެއިޓަރ ބެހެއްޓި ޖޫސްތަށިން އެތިފޮދަކުން ކަރުތެރެ ތެއްމާލިއެވެ.
"މިޝް... މިޝްކާ ގާތު އަދި އެއްވާހަކަ އަހާލަންވެފަ އެބައޮތް... މެލޭޝިޔާއަށް ދިޔަ ފަހުން އަލީނާއަށް ވީ ކިހިނެއްތަ؟..." ކުރިން ދުވަހު ވާހަކަ މެދުކެނޑުނު ހިސާބުން ކަޔާން ވާހަކަ ފައްޓަން ބޭނުންވެގެން މިޝްކާއާ ސުވާލުކޮށްލިއެވެ.
"ހޫން އެ ވާހަކަ ދޯ.... އާންން... އަލީނާ މެލޭޝިޔާއަށް ގޮވައިގެން ދިޔައީ ރިޒާބެ... އެކޮޅުގަ ރިޒާބެގެ އާއިލާ ބައެއް ގާތުގައި އަލީނާ ކުރިން ކިޔަވަން ހުރީވެސް... އެކޮޅަށް ގޮއްސަ އެ ޑޮކްޓަރަށް ދެއްކީ... ޑރ.އާރިޝް ފިޒާމް.... އޭނާ ބަލާފަ ބުނި ގޮތުގައި އަލީނާއަށް ބޭނުންވަނީ ލޯތްބާއި އަޅާލުމާއި އެންޓި ޑިޕްރެޝަން ބޭހުގެ އެހީ... އޭނާ ބުނާ ގޮތުގައި އަލީނާއަށް ޖެހިގެން މިއުޅެނީ ޑިޕްރެޝަން ބާވަތެއް ކަމަށްވާ ސިޓުއޭޝަނަލް ޑިޕްރެޝަން... ދެން އޭނަ އަލީނާއަށް ފަރުވާ ދިނުމަށް މަސައްކަތް ފެށީ... އަލީނާ ދިރިއުޅޭ ގޭގައި ކޮޓަރިއެއް ހިފައިގެން އޭނާ އެގޭގައި މަޑުކުރީ... އަލީނާ ގާތުގައި ހުރިހާ ވަގުތަކު ހުރޭ.... ކޮންމެ ރެއަކު އަލީނާއަށް ފެންނަމުންދާ ހުވަފެންތައް އޭނާއަށް ކިޔައިދޭ... އަދި އޭނައައީ އެހުރިހާ ވާހަކަތަކެއް ރެކޯޑް ކުރަމުން.... އަލީނާއަށް ދިމާވި ކަންތައްގަނޑު އޭނާ ގަބޫލުކުރޭ.. އެއީ އަލީނާ ފަސޭހަވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ.... މުޅިން ހުރިހާ ކަމެއް ހަމަޔަކަށް އެޅުމުން އަހަރެމެން އަލީނާ ގާތަށް މެލޭޝިޔާއަށް ދިޔައިން.... ސީމައްތައާއި އެކު އަހަރެން ދިޔައީ.... އެދުވަސްވަރަކީ އިންތިހާބުގެ ކަންތައް ކުރިޔަށްދިޔަ ދުވަސްވަރު ކަމުން ރިޒާބެ މާލޭގައި މަޑުކުރަން ޖެހުނީ..............
*** *** *** *** *** ***
އެއަރޕޯޓުން މިޝްކާމެން ބަލާ އައިސް ހުރީ ރިޒާގެ ތިމާގެ މީހެއްކަމަށްވާ ފާތުންނެވެ. އެމީހުންގެ އާއިލާ މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރިތާ ފަސް އަހަރުވީއެވެ. ފާތުންނާ އެކީ ދެ ފިރިހެނުން ތިއްބެވެ. އެއީ ފާތުންގެ ދަރިޔަކާއި އެގޭގައި ކިޔަވަން ހުންނަ ދިވެހި ކުއްޖެކެވެ. އެމީހުންނާ އެކީ ވޭނުގައި މިޝްކާމެން އެގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. މެލޭޝިޔާގެ މަގުތަކުން ފެންނަ ރީތި މަންޒަރަށް ގެއްލިފައި މިޝްކާއަށް އިނދެވުނެވެ.
އެމީހުންގެ ގެ ހުންނަ ހިސާބަކީ ވަރަށް ދުއްވާ އެއްޗެތި މަދު ސަރަހައްދެކެވެ. ވޭންގައި އެގެއަށް އައިސް ވަނެވެ. ގަރާޖެއްގޮތަށް ހުރި ތަނަކަށް ވޭން ވައްދާލިއެވެ. ވޭނުން ފޭބުމަށްފަހު ވަށައިގެންވާ މާހައުލަށް މިޝްކާ ބަލާލިއެވެ. ގޭގެ ބޭރުގައި މިވަނީ ރިތި މާ ބަގީޗާއެއް ހައްދާ ފައެވެ. މެދު ތެރޭގައި ހިޔާކުރަން ބޮޑު ދެ ކުޑަ ޖަހާފައި މޭޒާއި ގޮނޑި ބަހައްޓާފައި ހުއްޓެވެ. އެ މޭޒުގެ ދެ ފަރާތުގައި ދެމީހުންނަށް އިށީނދެވޭ ކަހަލަ ދެ އުނދޯލި ހަދާފައި ހުއްޓެވެ. އެ ގެއަކީ ވަރަށް ޝާހީ ކޮށްހަދާފައިވާ ރީީތި ގެއެކެވެ. ހަ ކޮޓަރީގެ ބޮޑު އެގޭގައި ދިރިއުޅެނީ ފާތުންގެ ކުޑަ އާއިލާ އާއި ކިޔަވަން އައިސް ތިބޭ ދިވެހި ކުދިންނެވެ.
އެގޭގެ މަތީބުރީގައި ހުންނަ ތިން ކޮޓަރިން އެއްކޮޓަރީގައި އަލީނާ އުޅޭއިރު ދެވަނަ ކޮޓަރީގައި އުޅެނީ ޑރ.އާރިޝެވެ. ބާކީ ހުރި ކޮޓަރި ތައްޔާރު ކޮށްފައިވަނީ ސީމާމެންގެ ދެމަ ފިރިންނަށެވެ. ނަމަވެސް ރިޒާއަށް މިދަތުރުގައި ނާދެވޭތީ ސީމާއާއި އެކީ މިޝްކާ އެކޮޓަރީގައި ހުންނަ ގޮތަށް ހަމަޖެއްސިއެވެ. މައްޗަށް އެރުމަށްފަހު ކޮޓަރިތައް ބަލާލިއިރު އަލީނާ ފެންނާކަށް ނެތެވެ. ފާތުން ގާތުގައި އަލީނާ ކޮބައިތޯ އަހާލުމުން ގަނޑިއަށް ބަލާލުމަށްފަހު ޖަވާބު ދިނެވެ.
"އަލީނާ ވާނީ ހިނގާލަންގޮސް... ކޮންމެ ދުވަހަކު މިގަޑީގަ ޑރ.އާރިޝް އޭނަ ގޮވައިގެން ބޭރަށް ދާނެ... ދޭ އަލީނާ އަންނަން ވާއިރަށް ރީތިވެލައިގެން އަންނަން.... މިހާރު ގަޑިން 7 ގަޑި ބައިވަނީ.... އަށެއް ޖަހަންވާއިރަށް ކާން ހަދާނަން...." ފާތުން މިހެން ބުނުމަށްފަހު ސިޑިން ތިރިއަށް ފޭބިއެވެ.
މިޝްކާމެން އަވަހަށް ރީތިވެގެން ތިރިއަށް ފޭބީ އަލީނާ ދެކޭ ހިތުންނެވެ. ތިން މަސްދުވަހު އަލީނާ ނުފެނި ހުރުމުން ސީމާއާއި މިޝްކާ ހުރީ އަލީނާ ދެކޭ ހިތުން ކެތްމަދުވެފައެވެ. ބޭރު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި އަލީނާ ފެނުމުން އޭނާގެ ގައިގާ ސީމާ ބައްދާލިއެވެ. އަލީނާގެ ކޮށާލާފައިވާ އިސްތަށިގަނޑުވަނީ ދިގުވާން ފަށާފައެވެ. ހަށިގަނޑުގައި މަސްޖަހާލާ މީހާ ހުރީ ފަލަވާން ފަށާފައެވެ. އަލީނާއަށް މިއަދު އެއެންމެން ވަކި ކުރަން އެނގުނެވެ. މެންޓަލް ހޮސްޕިޓަލުން ފެނުނުއިރު އަލީނާ ހުރި ހާލަތާއި އަޅާ ބަލާ އިރު ކިތަންމެ ތަނެއް ރަނގަޅުވެފައި ހުރިކަން ފާހަގަ ވިއެވެ.
ރޭގަނޑުގެ ކެއުމަށްފަހު އެ ގޭގެ ބަގީޗާގައި ހުރި އުނދޯލީގައި މިޝްކާއާއި އަލީނާއާއި ސީމާ އަދި ޑރ.އާރިޝް ވާހަކަ ދައްކަން ތިއްބެވެ. އަލީނާއަށް ފަރުވާ ކުރިއިރުގެ ރެކޯޑިންގްތައް މަންމައަށާއި އެންމެ ގާތް އެކުވެރިޔާއަށް އިއްވަން އަލީނާ ބޭނުންވިއެވެ. ޑރ.އަރީޝް އަލީނާގެ ރެކޯޑްކޮށްފައި ހުރި ހުރިހާ އެއްޗެއް ޖަހައިދިނެވެ. އޭގެން އަލީނާ ކިޔައިދެމުން ދިޔަ ކޮންމެ ބައެއް އަޑު އެހުމަށްފަހު ސީމާގެ ހިތަށް ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ.
*** *** *** *** *** ***
މިޝްކާގެ ވާހަކަ މެދުކަނޑާލަމުން ފަހަތްބަލާލި އިރު އަލީނާ މޭޒު ކައިރީގައި ހުރެ ދެން ވީގޮތް ކިޔައިދޭން ފެށިއެވެ. ކަޔާނާ މިޝްކާގެ ދެމެދުގައި ހުރި ހުސްގޮނޑީގައި އިށީނދެ އަލީނާ އެވާހަތައް ކިޔައިދެމުން ދިޔައެވެ.
"އަސްލު އަހަރެންގެ ހަނދާނުގަ އެއިން އެއްވެސް ކަމެއް ނެތް.... ދަތުރުގޮސް ހޭނެތުނު ހިސާބުން ފެށިގެން ޝިފާން މަރުވުމާ ހަމަޔަށް ހަމަ އެއްކަމެއްވެސް ހަނދާނެއް ނެތް.... އެކަމަކު މެންޓަލް ހޮސްޕިޓަލުން ޝޮކް ޖެއްސި ހިސާބުން އެ ކަންތައްތައް އަނެއްކާ ސިފަވާން ފެށީ... ބައެއްފަހަރު ހީވޭ ރަނާ އަހަރެންގެ ގާތުގައި ހުންނަހެންވެސް.... ދެން އާރިޝް ބޭސް ކާންދޭން ފެށީމަ ބިރުވެރި ހުވަފެން ފެނި... ނިދަން އުނދަގޫވެ... އަހަރެންނަށް ވަރަށް ވަރުވި... ހިތަށް އަރާ މަރުވާން ވިއްޔޭވެސް.... ދެން އެކަމުގައި އާރިޝް ވަރަށް ބޮޑު ހެލްޕެއްވި...."
"ދެން ކީއްވެ އެ ވާހަކ ތި ލިޔުނީ...." މަޒީން މިފަހަރު ސުވާލު ކުރީ އަލީނާއާއެވެ.
"އަސްލު އާރިޝް ބުނި މި ވާހަކަ ގިނަ މީހުންނާ ހިއްސާކުރުމުން ނޯ އަހަރެންގެ ހިތަށް ލުޔެއް ލިބޭނީ... ކުރިންވެސް ފުލުހުން ކައިރީ އަހަރެން ބުނިން ރަނާއޭ އެންމެން މަރާލީ.... އަހަރެން މީހަކު ނުމަރަމޭ... އަހަރެން ދެއްކި އެއްވެސް ވާހަކައެއް މީހަކު އަޑެއް ނޭހި... އެންމެންވެސް ހީކުރީ އަހަރެން ހުރީ މޮޔަވެފައި ކަމަށް... ކާކު އެވަރުވާ އިރު މޮޔަ ނުވާނީ... އަހަރެންގެ ލައިފުން ތިންހަފްތާ އެއްކޮށް ހަނދާން ނުހުންނަ އިރު އަހަންނަށް ކިހާ އުނދަގޫ ވާނެ... މީހަކަށް ކިޔައިދިނުމަށް ވުރެއް ރަނގަޅު ގޮތަކީ އެވާހަކަ ލިޔުންކަމަށް އާރިޝް ބުނި... ފުރަތަމަ އަހަރެން ވާހަކަ ލިޔުނީ ޕަބްލިޝް ކުރާކަށް ނޫން... އެކަމަކު ފަހުން މިޝްކާ ދިން އައިޑިޔައެއް އެއީ... އެ ވާހަކައަކީ ހަޤީޤީ ވާހަކައެއް ކަމަށް ޖަހާފަ އޮންލައިންކޮށް ވާހަކަ ޕަބްލިޝްކުރީ..... ހިޔެއް ނުކުރަން މިހާ ބޮޑު ކާމިޔާބީއެއް ލިބިދާނެ ކަމަކަށް.... ގިނަ މީހުންގެ ކޮމެންޓްސް ހުރި ގޮތުން އަހަރެންގެ ހިތަށް ވަރަށްބޮޑު ލުޔެއް ލިބުނު...." އަލީނާ ވާހަކަ ހުއްޓާލީ އަލީނާގެ އޯޑަރ ނެގުމަށް އައި ވެއިޓަރ މޭޒު ކައިރީ މަޑުކޮށްލުމުންނެވެ.
ސައި ބޮއި ނިމުމާއި އެކީ އަލީނާ ފޯނަށް ބަލާލަމުން އަވަސް އަރުވާލާފަ ވަރަށް މުހިއްމު ކަމަކު ދަނީއޭ ބުނެ ކެފޭއިން ނިކުމެގެން ދިޔައެވެ. އެވަގުތު އަލީނާ ދިޔަ ދިމާލަށް ކަޅިޖަހާނުލާ ބަލަން ކަޔާނަށް އިނދެވުނެވެ. "ސާބަހޭ... އަދިވެސް...." މިޝްކާގެ ޖުމްލަތައް ކަންފަތުގައި ޖެހުމުން ކަޔާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ވެއިޓަރަށް ފައިސާއާއި ބިލްކޮޅު ހަވާލުކުރަމުން ކަޔާނާ ދިމާކުރަމުން މިޝްކާ ވައްތަރު ޖައްސަމުން ދިޔައެވެ. ބާކީ ފައިސާ ހިފައިގެން އަންނަން ދެން އެމީހުން އެ ކެފޭގައި މަޑުކޮށްގެން ތިއްބެވެ.
"ހެއި... ހަނދާންވޭތަ އެއްކަލަ ރެސްޓޯރަންޓަށް ދިޔަރޭ... ކުޑަހުވަދޫގައި... މިޝްކާއާ އަލީނާއާ ވީޝާލާ...." ކަޔާން ވާހަކައެއް ފައްޓަން އެދުވަސް ހަނދާންކޮށްދޭން ކިޔައިދިނެވެ. ވަރަށް ވިސްނަން އިނުމަށްފަހު މިޝްކާ ބޯޖަހާލިއެވެ.
"އެދުވަހު އަސްލު އަހަރެން ދިޔައީ އަލީނާއާއި ޕްރޮޕޯސްކުރަން.... ނަސީބެއްދޯ އެކަން ނުކުރެވުނުކަން... އޭރު އެއީ އަލީނާއެއް ނޫން ދޯ... ރަނާ މަ މަރާލީސް ކަންނޭނގޭ ޕްރޮޕޯސް ކުރިނަމަ...." ދެމީހުން މޭޒުދޮށުން ތެދުވެ ހިނިގަނޑެއް ޖަހާލިއެވެ. ވެއިޓަރ ގެނައި ބާކީ ފައިސާގައި ހިފަމުން މިޝްކާ ކަޔާންގެ ފަހަތުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ.
"އޯ ނޯ.... އަލީނާ ކައިރީ ޑިނާރގެ ވާހަކަ ނުބުނެވުނު... މިޝްކާ ހަނދާންކޮށް އަލީނާ ކައިރީ ބުނައްޗޭ... އިނގޭ... ވެނިސްޑޭ ނައިޓް.... މިތަނަށް... އެރޭ ހާއްސަ ބުފޭއެއްވެސް އޮވޭ.... އޯކޭ.... ދެން ދަނީ އިނގޭ...." މިޝްކާއާއި ސަލާމް ކޮށްލުމަށްފަހު ކަޔާން ގެއާދިމާލަށް މިސްރާބު ޖެހިއެވެ. ކަޔާންގެ ހިތުގެ އެދުން އަލީނާއަށް ހާމަކުރަން އެރޭ ބޭނުންވާތީއެވެ. އެރޭގެ ހުރިހާ ކަމެއްވެސް ހާއްސަ ވާން ކަޔާން ބޭނުމެވެ.
- ނުނިމޭ -