އައްޑޫ ސިޓީގައި މިރޭ ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 8:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީގައި ހިނގި އެ މާރާމާރީގެ ވީޑިއޯ ދައުރުވަމުންދާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކަކު ބިންމަތީގައި ނުތެދުވެވޭނެ ގޮތަށް ހިފަހައްޓައިގެން ބާއްވާ ދެން އިން މީހަކާ ވަޅި ޖަހާ މަންޒަރުފެނެއެވެ. އެކި ފަހަރު މަތިން ވަޅި ޖަހާ މަންޒަރު ފެންނައިރު އިތުރު މީހަކު އެ މާރާމާރީގައި ބައިވެރިވާތަން އެ ވީޑިއޯއަކުން ނުފެނެއެވެ.