2019 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޖޯކާ" އަށް ލިބުނު ކާމިޔާބީއަށް ބެލުމަށްފަހު އިއުލާންކުރި ފިލްމުގެ ސީކުއަލްގެ ޓީޒާ ޓްރެއިލާ އާންމުކޮށްފިއެވެ.

ފިލްމުގެ ޓީޒާ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު މި ފިލްމަކީ ޑީސީގެ މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާއަށް ބިނާކޮށް އުފައްދާ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ޓޮޑް ފިލިޕްސް ޑައިރެކްޓްކޮށް އުފައްދާފައިވާ މި ފިލްމުގައި ޖޯކާ ގެ ކެރެކްޓާއިން ފެނިގެންދާނީ ފުރަތަމަ ފިލްމުގައިވެސް އެ ރޯލު ކުޅުނު ވާކީން ފީނިކްސްއެވެ. މި ފިލްމުގައި ހާލީ ކުއިން ގެ ރޯލުން ފެނިގެންދާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާއެވެ. ހާލީ ކުއިން އަކީ ޖޯކާގެ ލޯބިވެރިޔާ އެވެ. އަލަށް ނެރޭ ފިލްމުގައި ދެމީހުން ފުރަތަމަ ދިމާވާ ގޮތް ފެނިގެން ދެއެވެ. އެގޮތުން ދެމީހުން ސައިކޭޓްރިކް ވޯޑަކުން ދިމާވާ ގޮތް ފިލްމުގެ ޓީޒާ އިން ފެނިގެން ދިޔައެވެ.

"ޖޯކާ: ފޮލީ އަ ޑިއުޒް" ގެ ނަން ދީފައިވާ ފިލްމުގެ ސީކުއަލް ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. މި ފިލްމު ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ފިލްމުގެ ފުރަތަމަ ބަޔަށް 1.1 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނުއިރު ފިލްމަށް ވަނީ ޖުމްލަ 11 އެވޯޑު ލިބިފައެވެ.